ބަންކަރިން ހިދުމަތުން 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ: ސައީދު

އިކޮނޮމިކް މިނިސްޓަރު ސައީދު ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: ރައީސް އޮފީސް

ޑޮލަރުގެ އާމްދަނީ އިތުރުވެ، ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ބުނެ ސަރުކާރުން ފެށި ބަންކަރިން ހިދުމަތުން މިހާތަނަށް 80 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އިގްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި އަދަދުތައް ހިއްސާކުރައްވަމުން ވަޒީރު ސައީދު ވިދާޅުވީ، މިއީ މީގެ ކުރިން ރާއްޖެއަށް ވަދެފައިވާ އާމްދަނީއެއް ނޫން ކަމަށެވެ.

އަދި މި ހިދުމަތުން ލިބޭ އާމްދަނީ ކުރިއަށް އޮތް ތަނުގައި މިއަށް ވުރެ ވެސް މަތިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ބަނދަރެއް ވެސް ނެތި ހިދުމަތް ފަށައިގެން މި ވަރުގެ އާމްދަނީއެއް ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމުގައި ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ.

https://sun.mv/227432

ބަންކަރިންގެ ހިދުމަތާއެކު ސަރުކާރުން އިހަވަންދިއްޕޮޅުގައި ހާއްސަ ބޮޑު ބަނދަރެއް ތަރައްގީކޮށް، ގިނަ ހިދުމަތްތަކެއް ތައާރަފުކުރުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ޝިޕް ޓު ޝިޕް ސާވިސް، ކްރޫ ޗޭންޖު، ވޯޓާ ބަންކަރިން، މެއިންޓެނެންސް އަދި ބޯޓުފަހަރަށް ޕްރޮވިޝަންސް ސަޕްލައި ކުރުމުގެ ހިދުމަތް ހިމެނެއެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ނުވާއިރު، މި މަސައްކަތް ހަވާލުކޮށްފައިވާ އެސްޓީއޯއިން މިހާރު ހިދުމަތް ދެމުން އަންނަނީ އެކި ސަރަހައްދުތަކުގައި އެ ކުންފުނީގެ ބަންކަރު ބޯޓުތައް ބާއްވައިގެންނެވެ.

ބަންކަރިން ހިދުމަތުން އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ކުރިން ވިދާޅުވި ވާހަކައާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ، އެއީ ޕާޓީގެ ޕޯޑިއަމްގައި ދެއްކެވި ވާހަކައެއް ކަމަށާއި އެއީ ހާސިލުކުރަން ކަނޑައެޅި އަމާޒެއް ކަމަށެވެ.

އަދި އެއްވެސް އިރެއްގައި ސީދާ އެ އަދަދަށް އާމްދަނީ ލިބޭނެ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ޕާޓީގެ ވަރަށް ގިނަ ވިސްނުންތައް އެބަހުރި ކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އެ އަމާޒުތައް ހާސިލުވާނެ ކަމުގެ އުއްމީދު ވަރަށް ބޮޑަށް އާވެގެން ގޮސްފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގައި ބޭރުގެ ބޮޑެތި އުޅަންދުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ބައިނަލްއަގްވާމީ ބަންކަރިންގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 19 ސެޕްޓެމްބަރު 2024 ގައެވެ. މިއީ ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އިގްތިޞާދު ސިންދަފާތުކޮށް އިތުރު އާމްދަނީ ހޯދުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަޝްރޫޢެކެވެ.

މި ޚިދުމަތް ދެމުން ގެންދަނީ އިންޑިއާ ކަނޑުގެ މުހިންމު ކާގޯ މަގުތައް ހުރަސްކުރާ އިހަވަންދިއްޕޮޅުގައެވެ. މި މަސައްކަތް ހިންގަނީ އެސްޓީއޯ އާއި އެމްޕީއެލް އަދި ބައިނަލްއަގްވާމީ ތެޔޮ ކުންފުންޏެއް ކަމަށްވާ ވިޓޯލް ގްރޫޕާ ގުޅިގެންނެވެ. މި ޚިދުމަތުގެ ދަށުން ފޯރުކޮށްދެނީ ވީއެލްއެސްއެފްއޯ އަދި އެމްޖީއޯ ތެލެވެ.



comment ކޮމެންޓް