މީހުން ވެސް ތިއްބައި ބަސް ސްޓޮޕަށް ވަދެ އެ ތަނުގައި ބަހައްޓާފައިވާ ޓީވީއެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
އެ މީހާއަކީ ހެންވޭރު ޕޮލިހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ ނަމަވެސް އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައިނުވާ މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭނާ ފެންނަ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފައެވެ.
އެ ވީޑިއޯއިން ފެންނަނީ ސްޓެލްކޯ ފުރަގަހުގައި ހުންނަ ބަސް ސްޓޮޕްގެ މަންޒަރުތަކެކެވެ. އެ މީހާ ފުރަތަމަ ހުންނަނީ ބަސް ސްޓޮޕް ދޮރުމަތީގައި ފޯނު ކޯލެއްގައެވެ. އެއަށްފަހު ދެން ފެންނަނީ އޭނާ ބަސް ސްޓޮޕްގެ އެތެރެއަށްވަދެ އެތާގައި ހަރުކޮށްފައި ހުރި ޓީވީއެއް ނައްޓުވާ މަންޒަރެވެ.
އަދި އެއަށްފަހު ޓީވީ ކިހިލީ ޖަހައިގެން ބަސް ސްޓޮޕުން ނިކުންނަންދާ މަންޒަރު ފުލުހުން އާންމުކޮށްފައިވާ ސީސީޓީވީ ފޫޓޭޖުން ފެނެއެވެ.
އެ މީހާ ބަސް ސްޓޮޕަށް ވަދެ އެ ޓީވީ ހިފައިގެންދާއިރު ވެސް އެ ތަނުގެ ތެރޭގައި މީހުން ތިބެއެވެ.
ފުލުހުން ވަނީ އެ ވީޑިއޯގައިވާ މީހާއާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި އެކަން ހިއްސާކުރުމަށް އެދިފައެވެ.
އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ދެމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ވައްކަމުގެ މިފަދަ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. އަދި އެފަދަ މީހުން ހޯދުމަށް، އެ މީހުންގެ ވީޑިއޯ ވެސް ފުލުހުން މިހާރު އަންނަނީ އާންމުކުރަމުންނެވެ.