ހުރުމުޒު ކަނޑުއޮޅީގެ މުސްތަގުބަލާ ބެހޭ ގޮތުން ބާއްވަން އުޅުނު ބައްދަލުވުން ފަސްކޮށްފި

އުމާން އާއި އީރާނުގެ ޚާރިޖީ ވަޒީރުން

ސަލާލާ (14 ސެޕްޓެމްބަރު 2026): ގަލްފާާއި ހުރުމުޒް ކަނޑުއޮޅީގެ މުސްތަގުބަލާ ބެހޭގޮތުން އީރާނާއި ގަލްފުގެ ގައުމުތަކުގެ މެދުގައި ބާއްވަން ހަމަޖެހިފައި އޮތް ބައްދަލުވުން ފަސްކޮށްފިއެވެ.

މިކަން ކަށަވަރުކޮށްދިނީ މި ބައްދަލުވުން ބާއްވަން އޮތް ގައުމުކަމަށްވާ އުމާން އިންނެވެ. އުމާންގެ ޚާރިޖީ ވުޒާރާއިން ބުނިގޮތުގައި މި ބައްދަލުވުން ފަސްކުރީ ބިނާކުރަނިވި ޚިޔާލުތަކާއި މަޝްވަރާތަކެއް ބޭނުންވާތީ އެކަން އެގޮތަށް ގެންދެވޭނީ އިތުރު ފުރުސަތުތަކެއް ދީގެންކަމަށް ބެލެވޭތީއެވެ. ނަމަވެސް މުރާސިލުން ބުނާގޮތުގައި މި ބައްދަލުވުން ފަސްކުރީ މި ބައްދަލުވުމުގައި ބައިވެރިވުމަށް ބަހްރައިން ދެކޮޅުހަދާފައިވާތީ އެކަން އިސްލާހު ކުރުމަށްޓަކައެވެ. ބަހްރައިނާ ވަކިން ވާހަކަ ދައްކައިގެން މި ބައްދަލުވުމަށް ހާޒިރުވުމުގެ މުހިއްމުކަން އެ ގައުމަށް ވިސްނައި ދިނުމަށް ވަގުތު ބޭނުންވާތީއެވެ.

މިއީ ހުރުމުޒު ކަނޑުއޮޅިއާއި ގަލްފުގެ ސަރަހައްދުގެ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތައް ނުވައްދައި އެ ސަރަހައްދުގެ ގައުމުތަކުން އެ ކަންކަން ހަމަޖެއްސުމާބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވުމަށް އުމާން އިސްނަގައިގެން ބާއްވަން ހަމަޖެއްސި ބައްދަލުވުމެކެވެ. ހުރުމުޒު ކަނޑުއޮޅިއާއި ގަލްފުގެ ސަރަހައްދުގެ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތައް ނުވައްދައި އެ ސަރަހައްދުގެ ގައުމުތަކުން އެ ކަންކަން ހަމަޖެއްސުމުގެ ވިސްނުމަކީ މައިގަނޑު ގޮތެއްގައި އީރާން ގެންގުޅޭ ވިސްނުމެކެވެ. ނަމަވެސް އުމާން މިހާރުވަނީ އީރާނުގެ މި ވިސްނުމަށް ތާއީދުކުރަން ފަށާފައެވެ.

އީރާން ގެންގުޅޭ ވިސްނުމުގެ ތެރޭގައި ގަލްފު ސަރަހައްދުގެ އަމަނާބެހޭ ކަންކަން ވެސް ހިމެނެއެވެ. އީރާން ދެކޭގޮތުގައި ހުރުމުޒު ކަނޑުއޮޅިއާއި ގަލްފުގެ ސަރަހައްދުގެ ކަންކަން ނުބައިން ނުބަޔަށް ދިޔައީ އެމެރިކާ ފަދަ ބޭރުގެ އިސްތިއުމާރީ ބާރުތައް އެ ސަރަހައްދުގައި ފައިހަރުކުރުމުގެ ފުރުސަތު ގަލްފުގެ އަރަބި ގައުމުތަކުން ދިނުމުގެ ސަބަބުންނެވެ. އަދި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި މަޝްވަރާކޮށްގެން ސަރަހައްދުގައި ޖަމާއީކޮށް އަމަނާއި ސަލާމަތާބެހޭ ކަންކަން ގާއިމް ކުރުމުގެ ބަދަލުގައި އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ބޭރުގެ އިސްތިއުމާރީ ބާރުތަކަށް ސަލާމަތީ ކަންކަމުގައި ބަރޯސާ ވުމުގެ ސަބަބުންނެވެ. އަދި އެމެރިކާ ފަދަ އިސްތިއުމާރީ ވިސްނުމުގެ ގައުމުތަކަށް ގަލްފުގެ އަރަބި ގައުމުތަކުގައި އަސްކަރީ ބޭސްތައް ގާއިމްކޮށް އަސްކަރީ ގޮތުން ފައިހަރުކުރުމުގެ ފުރުސަތު ދިނުމުގެ ނަތީޖާ އެއްގެގޮތުންނެވެ.

އުމާން ދެކޭގޮތުގައި އެމެރިކާ އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ހުރުމުޒު ކަނޑުއޮޅިއަށް ކުރިމަތިވެފައިވާ ދަތުރުފަތުރު ކުރުމުގެ މައްސަލައަށް ޙައްލެއް ހޯދަންޖެހޭނީ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި މަޝްވަރާކޮށްގެން އެ ގައުމުތަކަށް އެއްބަސްވެވޭ ގޮތެއްގެ މަތިންނެވެ. މަޝްވަރާތަކުގައި އީރާނުގެ އިތުރުން އިރާގާއި ގަލްފުގެ އަރަބި ގައުމުތަކުން ބައިވެރިވާނެ ކަމަށް އީރާނާއި އުމާނުން ބުނެފައިވީނަމަވެސް ސަރަހައްދުގެ ގައުމުތަކުން ރަސްމީ ސިފައެއްގައި މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ގަލްފާއި ހުރުމުޒުގެ ކަންކަން އެމެރިކާއާ ނުލައި މެނޭޖް ކުރުމަކީ އެމެރިކާ އެދޭކަމެއް ނޫންކަން އެމެރިކާގެ އަމަލުތަކުން ހާމަވެފައިވާއިރު އުމާންގައި ބޭއްވުމަށް ރޭވި މި ބައްދަލުވުން ނާކާމިޔާބުކޮށްލުމަށް ފަރުދާގެ އަނެއްފަރާތުން އެމެރިކާ މަސައްކަތްތަކެއް ކުރިކަމަށް މުހައްލިލުން ވިދާޅުވެއެވެ. ފަސްކުރި މި ބައްދަލުވުން އަލުން ބޭއްވޭނެ ތާރީޚެއް އުމާން އިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް