ޒިންމާދާރުކަން ކުޑަ ގޮތަކަށް ގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށާއި، އެ ކަންކަން ވެރިކަންކުރާ ޕީއެންސީގެ ތެރެއަށް ވެއްދުމަށް ފުުރުސަތު ދީގެން ނުވާނެ ކަމަށް، ރައީސް އަދި ޕީއެންސީގެ ވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސް އިފްތިތާހުކޮށްދެއްވައި ރައީސް ވިދާޅުވީ، އެ މަޖިލީހުގައި ބައިވެރިވާ ހުރިހާ މަންދޫބުންގެ ފުރިހަމަ ބައިވެރިވުމާ އެކީ، ގައުމީ މަސްލަހަތު އިސްކޮށް އެއަށްފަހު ޕާޓީގެ މަސްލަހަތު ކުރިއަރުވައި، ޕާޓީގެ ދައުރު ފުރިހަމައަށް އަދާކުރުމަށްޓަކައި ނަމޫނާ ދައްކާނެ ކަން ޔަގީންކުރައްވާ ކަމަށެވެ.
މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޕީއެންސީގެ މެންބަރުންގެ އަދަދު ގާތްގަނޑަކަށް 80،000އަށް އަރާ ކަމަށް ރައީސް ވިދާޅުވިއެވެ.
ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސް މިއަދު ފެށުމުގެ ރަސްމިއްޔާތު-- ފޮޓޯ: ޕީއެންސީއެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި ޕީއެންސީއަކީ ގައުމު އިސްކުރާ، ޒިންމާދާރު ޕާޓީއެކެވެ.
ރައީސް ވިދާޅުވީ ޕީއެންސީން އަބަދު ވެސް އިސްކުރަނީ ގައުމާއި ގައުމިއްޔަތާއި ދީނާއި ސަގާފަތާއި އަމިއްލަވަންތަކަން ކަމަށާއި، ވަކި ބޭފުޅެއްގެ މަސްލަހަތެއް ނޫން ކަމަށެވެ.
އެހެންކަމުން، ވަރަށް އެކުވެރިކަމާއެކީ މަތީ މަޖިލީހުގެ ކަންކަން ނިންމުމަށް، ރައީސް އެދިވަޑައިގަތެވެ.
އަބަދު ވެސް ސިޔާސީ މައިދާނުގައި ގައުމުގެ ކަންކަން ހިނގަމުންދާ ގޮތް ހަނދާނުގައި ބަހައްޓަންޖެހޭ ކަން ރައީސް ފާހަގަކުރެއްވިއެވެ.
"ވަރަށް ވެސް ޒިންމާދާރުކަން ކުޑަ ގޮތެއްގައި އެއްވެސް ކަހަލަ އިމެއް ނެތް ގޮތުގައި ގައުމުގެ ކަންތައްތައް، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް އެކި ކަހަލަ ކަންކަމުގައި ޒިންމާދާރުކަން ކުޑަ ގޮތުގައި ކަންތައްތައް ކުރާ ތަން އެބަ ފެނޭ، އެކަހަލަ އެއްވެސް ކަމަކަށް އަޅުގަނޑުމެންގެ މި ބަދަހި ލަޝްކަރުގެ ތެރެއަށް ފުރުސަތު ދީގެން ނުވާނެ ކަންތައްތައް ވެއްދުމަކަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގައި 1،000އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.
މި ކޮންގްރެސްގައި ޕީއެންސީން މުހިއްމު ބައެއް ނިންމުންތައް ނިންމާނެއެވެ. އަދި އެ ޕާޓީގެ ނައިބު ރައީސުން ވެސް ހޮވާނެއެވެ.
އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި މިހާރު ވެސް ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލާއި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހިމެނެއެވެ.
ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސް މިއަދު ފެށުމުގެ ރަސްމިއްޔާތު-- ފޮޓޯ: ޕީއެންސީއޭގެ އިތުރުން އެ މަގާމަށް ދެން ކުރިމަތިލެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ)އާއި ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާއާއި ޔޫތު މިނިސްޓަރު ޢަބްދުﷲ ރާފިޢެވެ.
މިވަގުތު ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ޕީއެންސީގައެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައިވާ ގޮތުން، އެ ޕާޓީގައި މިވަގުތު 67،579 މެންބަރުން އެބަ ތިއްބެވެ. އެ ޕާޓީން ބުނާގޮތުގައި މެންބަރުންގެ އަދަދު ވަނީ 70،000 އިން މައްޗަށް ގޮސްފައެވެ.