ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާތައް ކުރުމަށް ރައީސް ހުށަހެޅުއްވި, އެ މަޝްވަރާތައް ކުރާނަން: އަންވަރު

15 ސެޕްޓެމްބަރު 2026: ރައީސް ޑރ. މުއިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ސަރަޙައްދުގައި ތެލާއި މައުދަން ހުރިތޯ ބެލުމުގެ ދިރާސާތައް ކުރުމަށް މެލޭޝިއާގެ މަޝްހޫރު ތެޔޮ ކުންފުނި ޕެޓްރޯނަސްގެ އެހީތެރިކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

އަންވަރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ރައީސް އޮފީހުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.

ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ރާއްޖޭގައި ތެލާއި އެހެނިހެން މައުދަންތައް ހުރިތޯ ދިރާސާކުރުމުގެ ފުރުސަތުތައް ބެލުމަށް ރައީސް ޑރ. މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވި ކަމަށެވެ. އަދި އެ ކަމާ ގުޅޭގޮތުން ޕެޓްރޯނަސް ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ޕެޓްރޯނަސްއަކީ މިހާރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި މަސައްކަތްކުރަމުން އަންނަ ވަރުގަދަ ކުންފުންޏެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކެނެޑާއިން ފެށިގެން ތުރުކުމެނިސްތާނާއި، ސޫދާނާއި، ސުރިނާމާއި، ޕެރޫ އަދި ބްރެޒިލް ފަދަ ގައުމުތަކުގައި ޕެޓްރޯނަސްގެ ވަރުގަދަ މަސައްކަތްތައް ކުރިއަށްދާއިރު، ރާއްޖެއާ މިހާ ކައިރިއަށް އައުމަކީ އެ ކުންފުންޏަށް މާ ބޮޑު މައްސަލައަކަށް ވާނެ ކަމަކަށް އަޅުގަނޑު ނުދެކެން،" އަންވަރު ވިދާޅުވިއެވެ.

އަންވަރު އިތުރަށް ވިދާޅުވީ، ތެޔޮ ހޯދުމުގެ ދިރާސާތަކަށް ނޫން ނަމަވެސް، މަދު ދުވަސްކޮޅަކަށް ޗުއްޓީ ހޭދަކޮށްލުމަށް ނަމަވެސް އެ ކުންފުނީގެ ޓީމުތަކަށް ރާއްޖެ އާދެވިދާނެ ކަމަށެވެ.

https://sun.mv/227483

މީގެ އިތުރުން އަންވަރުވަނީ ރާއްޖެއަށް ބޭނުންވާ 100 މިލިއަން ޑޮލަރުގެ ފެސިލިޓީއާ ގުޅޭގޮތުން މެލޭޝިއާގެ މަރުކަޒީ ބޭންކު ކަމަށްވާ ބޭންކް ނެގާރާ މެލޭޝިއާއަށް އިޖާބަދިނުމަށް އެދިވަޑައިގެން ރައީސް ޑރ. މުޢިއްޒު ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި ގާތް ގުޅުމުގެ މައްޗަށް ބިނާކޮށް، އެ ފެސިލިޓީ ދިނުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ތެޔޮ ހުރިތޯ ދެނެގަތުމުގެ މަސައްކަތް ފުރަތަމަ ފެށީ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ވެރިކަމުގައި 2014އަހަރުގެ ތެރޭގައެވެ. އެއިރު އެ ސަރުކާރުން އެ މަސައްކަތަށް ޗައިނާގެ އެހީ ހޯދަން އެ ގައުމާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ.

އެއިރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ތެޔޮ ފެންނާނެ ކަމުގެ ނިޝާންތައް ވަރަށް ބޮޑަށް ފެނިފައިވެއެވެ. ނަަމަވެސް އެކަން ޔަގީން ކުރަން ދިރާސާތައް ކުރަން ޖެހޭ ކަމަށް ވެސް ޝައިނީ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް