ބޮލުން ހަންފޮޅުމަކީ ހަމައެކަނި ސާފުތާހިރުކަން ކުޑަވުމުން ނުވަތަ ބޮލުގެ ހަންގަނޑު ހިކުމުގެ ސަބަބުން އެކަނި ދިމާވާ ކަމެއް ނޫނެވެ. މިއީ އިސްތަށިގަނޑުގެ ހަމުގެ ރައްކާތެރިކަމާއި، ގުދުރަތީ ގޮތުން ހަމުގައި ދިރިއުޅޭ ކުދި ދިރުންތަކާއި (މައިކްރޯބްސް) އަދި ބޮލުން އުފައްދާ ތެލުގެ މިންވަރު އިތުރުވުމާ ސީދާ ގުޅިފައިވާ އާންމު ނަމަވެސް އެހާމެ އުނދަގޫ މައްސަލައެކެވެ.
ގިނަ ފަހަރަށް މިކަމުން ސަލާމަތްވުމަށްޓަކައި އެކި ބާވަތުގެ ޝޭމްޕޫތައް ބަދަލުކުރުމާއި، ގޭގައި ތައްޔާރުކުރާ ތަފާތު ފަރުވާތައް ބޭނުންކުރުމާއި، ތެޔޮލުމުގެ އިތުރުން ގިނަ ގިނައިން ބޯ ދޮވުން ނުވަތަ މަދުން ބޯ ދޮވުން ފަދަ ކަންކަންވެސް ބައެއް މީހުންކުރެއެވެ. ނަމަވެސް އެދެވޭ ހައްލެއް ނުލިބި، މައްސަލަ ކުރިއަށްވުރެ ބޮޑުވެގެންދިއުމަކީ ގިނަބަޔަކު މާޔޫސްކުރުވާ ކަމެކެވެ. ގިނަ މީހުންނަށް ކޮނޑުމަތިން ފެންނަ ހުދު ކުދިކުދި ހަންކޮޅުތަކާއި ދޭތެރެއަކުން ބޯ ހިރުވުމަކީ އާދައިގެ ކަމެއް ކަމަށް ހީވި ނަމަވެސް، ހަގީގަތުގައި އޭގެ ފަހަތުގައި ފޮރުވިފައިވާ ކަންކަމީ މާ އުނދަގޫ އޭގެ ސަބަބުން ހަންފޮޅުމުގެ މައްސަލަ އިތުރަށް ގޯސްވުމަށް މަގުފަހިކޮށްދޭނެ ކަންކަމެވެ.
އިންޑިއާގެ މަޝްހޫރު ކޮންސަލްޓަންޓް ޑާމަޓޮލޮޖިސްޓް އަދި އެސްތެޓިކް ފިޒީޝަން ޑރ. އަނޫޕް ދިވަކަރަން ފާހަގަކުރައްވާ ގޮތުގައި، ހަންފޮޅުމުގެ މައްސަލަ ތަކުރާރުވުމަކީ ބޮލުގެ ހަމަށް ހަގީގަތުގައި ދިމާވާ ކަންކަން އަޅުގަނޑުމެންނަށް ރަނގަޅަށް އޮޅުންނުފިލާ އޮތް ކަމުގެ ސަރީޚަ ނިޝާނެކެވެ. މިއީ ތެލާއި، ދިރުންތަކާއި، ބޮލުގެ ހަމުގެ ގުދުރަތީ ރައްކާތެރިކަމާ ދެމެދު އޮންނަ ނާޒުކު ގުޅުމަށް އަންނަ ބަދަލުތަކެއްގެ ސަބަބުން މެދުވެރިވާ ކަމެކެވެ. މި މައްސަލައިގެ އަސްލަކީ ބޮލުގެ ހަމުގައި ގުދުރަތީ ގޮތުން ދިރިއުޅޭ "މަލަސީޒިއާ" ކިޔާ ފަންގަސްގެ ބާވަތެކެވެ.
ބޮލުގައި ހަންފޮޅުމުގެ މައްސަލަ ތަކުރާރުވުމަކީ ތެލާއި، ދިރުންތަކާއި، ބޮލުގެ ހަމުގެ ގުދުރަތީ ރައްކާތެރިކަމާ ދެމެދު އޮންނަ ނާޒުކު ގުޅުމަށް އަންނަ ބަދަލުތަކެއްގެ ސަބަބުން މެދުވެރިވާ ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސްމަލަސީޒިއާ އަކީ ބޭރުން ޖެހޭ ބައްޔެއް ނޫނެވެ. އާންމު ހާލަތްތަކުގައި މީގެން އެއްވެސް އުނދަގުލެއް ނުވި ނަމަވެސް، ބޮލުގެ ހަމުގެ މާހައުލަށް ބަދަލުތަކެއް އައުމުން މި މައްސަލަ ފެށެއެވެ. މޫސުން ހޫނުވުމާއި، ތެތްފިނިކަން އިތުރުވުމާއި، ތެޔޮ އުފައްދާ މިންވަރު ގިނަވުމުގެ އިތުރުން ދަލާއި، ތަޣައްޔަރުވުމާއި، ނަފްސާނީ ތަކްލީފުތަކާއި، އަދި ބޮލުގައި ލާ އެކި އުފެއްދުންތައް ރަނގަޅަށް ސާފުނުވުމަކީ މަލަސީޒިއާ ހަލުވިކަމާއެކު އިތުރުވާން މަގުފަހިވާ މައިގަނޑު ސަބަބުތަކެވެ. މި ދިރުންތަކުން ބޮލުން އުފައްދާ ތެޔޮ ކެއުމަށްފަހު ބޭރުކުރާ މާއްދާތަކުގެ ސަބަބުން ބޮލުގެ ހަންގަނޑު ހިރުވައި ދުޅަވާ ގޮތްވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހަމުގެ ސެލްތައް އާވާ މިންވަރު އަވަސްވެ، ލޮލަށް ފެންނަވަރުގެ ބޮޑެތި އެތިކޮޅުތަކުގެ ގޮތުގައި ހަންފޮޅެން ފަށައެވެ.
މި މައްސަލަ އެކި ދުވަސްވަރު ތަކުރާރުވާ އެންމެ ބޮޑު ސަބަބަކީ، މައްސަލައިގެ އަސްލަށް ފަރުވާ ދިނުމުގެ ބަދަލުގައި ހަމައެކަނި ފެންނަން ހުންނަ ހަންކޮޅުތައް ފިލުވާލުމަށް ވަގުތީ ފަރުވާތައް ބޭނުންކުރެވޭތީއެވެ. އަދި ބޮލުން ހަންފޮޅުން މައިގަނޑު ދެ ބަޔަކަށް ބެހިގެންވާކަން އެނގުމަކީވެސް މުހިންމު ކަމެކެވެ. އޭގެ ތެރެއިން ތެޔޮ ހަންފޮޅުމަކީ ބޮލުގައި ތެޔޮ ގިނަވުމުން ދިމާވާ ކަމެކެވެ. މިގޮތަށް ފޮޅޭ ހަންތައް ހުންނާނީ ރީނދޫ ނުވަތަ ހުދުކުލައިގަ ތެޔޮކޮށް، ތަތްކޮށެވެ. ހޫނު މޫސުމާއި، ދާހިއްލުމާއި، ހެލްމެޓް އެޅުން ފަދަ ކަންކަމުން މިއީ އިތުރަށް ގޯސްވާ ކަމެކެވެ. އަނެއްކޮޅުން ހިކި ހަންފޮޅުމަކީ ކުދިކުދި ހުދު ކުނޑިތަކެއްގެ ގޮތުގައި ފޮޅޭ ހަންތަކެވެ. މިއީ ހަމައެކަނި ހަންގަނޑު ހިކުމެއް ކަމަށް ހީވި ނަމަވެސް، މީގައިވެސް މަލަސީޒިއާގެ ދައުރެއް އޮންނާތީ، ހަމައެކަނި ތެޔޮލުމަކުން ދާއިމީ ހައްލެއް ނުލިބެއެވެ.
ބޯ ނިވާކޮށްގެން ގިނަވަގުތު އުޅުމާއި، ވައި ދައުރުނުވާ ހެލްމެޓް އެޅުމާއި، އިސްތަށިގަނޑު ތެތްކޮށް އޮއްވާ އައްސައިގެން އުޅުމަކީ ހަންފޮޅުމުގެ މައްސަލަ އިތުރަށް ގޯސްވާ ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އިންޑިއާޓުޑޭ
ޚާއްޞަކޮށް ހޫނު މޫސުމުގައި ދާހިއްލުމާއި ތެޔޮ އުފެއްދުން އިތުރުވުމަކީ މަލަސީޒިއާ އިތުރުވުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. ބޯ ނިވާކޮށްގެން ގިނަވަގުތު އުޅުމާއި، ވައި ދައުރުނުވާ ހެލްމެޓް އެޅުމާއި، އިސްތަށިގަނޑު ތެތްކޮށް އޮއްވާ އައްސައިގެން އުޅުމަކީ މައްސަލަ އިތުރަށް ގޯސްވާ ކަންކަމެވެ.
އެހެންކަމުން، ބޯދޮންނަ ޝޭމްޕޫއެއް ހިޔާރުކުރާއިރު ހަމައެކަނި ފެންނަން ހުންނަ ހަންކޮޅުތައް ފިލުވާލުމަށްވުރެ ބޮޑަށް، މައްސަލައިގެ އަސްލަށް ފަރުވާދޭނެ މާއްދާތައް ހިމެނޭ އުފެއްދުންތަކަށް ސަމާލުކަން ދޭންޖެހެއެވެ.
މީގެ ތެރެއިން "ޕައިރޮކްޓޯން އޮލަމިން" އަކީ ބޮލުގެ ހަމުގެ ފަސް ފަށަލައަށް ފޯރައި، ފަންގަސް ކޮންޓްރޯލްކޮށްދޭ އަދި ހަންގަނޑަށް ގެއްލުން ކުޑަ، ހިރުވުން ކުޑަކޮށްދޭ މާއްދާއެކެވެ.
މިކަމުން ރައްކާތެރިވެ ތިބުމަށްޓަކައި ގަވާއިދުން ބޯ ދޮވުމާއި، ޚާއްސަކޮށް ދާހިއްލުމަށްފަހު އިސްތަށިގަނޑު ރަނގަޅަށް ސާފުކުރުން މުހިންމެވެ. އޭގެ އިތުރުން ބޮލުގައި ލާ އެކި އުފެއްދުންތައް ބޮލުގައި ޖަމާވިޔަނުދިނުމާއި، ހެލްމެޓާއި ތޮފި ފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުމާއި، ތެތްކޮށް އޮއްވާ އިސްތަށިގަނޑު އައްސައިގެން ގިނަވަގުތު ނުހުރުމަކީ ސަމާލުވާންޖެހޭ ކަންކަމެވެ. ތިމާގެ ބޮލުގެ ހަމުގެ ބާވަތަށް ބަލައިގެން ތަކެތި ބޭނުންކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީވެސް މީގެން ސަލާމަތްވުމަށް ކުރެވިދާނެ މުހިއްމު ކަންކަމެވެ.
ބޮލުން ހަންފޮޅުމަކީ ހަމައެކަނި ބޭރުފުށުން ފެންނަ އުނދަގުލެއް ނޫނެވެ. މިއީ ބޮލުގެ ހަމުގެ ދުޅަހެޔޮކަމާއި ގުދުރަތީގޮތުން ބޮލުގެ ހަންތައް އުފެދިފައިވާ ގޮތަށް ބަދަލެއް އައިސްފައިވާ ކަމުގެ ސަރީހަ ނިޝާނެކެވެ. ވަގުތީ ހައްލުތަކުގެ ފަހަތުން ދިއުމުގެ ބަދަލުގައި، މައްސަލައިގެ އަސްލު ދެނެގަނެ، އެކަމަށް އެކަށީގެންވާ ފަރުވާ ދާއިމީ ގޮތެއްގައި ކުރުމަކީ އިސްތަށިގަނޑާއި ބޮލުގެ ހަމުގެ ދުޅަހެޔޮކަމަށް އޮތް އެންމެ ރަނގަޅު މަގެވެ.