ގައުމީ ސަލާމުން ފެށިގެން މޭނާ ހައްސާންގެ ކްލެސިކްސް: މެލޭޝިއާ ބޮޑުވަޒީރުގެ ހިތް ދިވެހި ލަވަތަކަށް!

15 ސެޕްޓެމްބަރު 2026: މެލޭޝިއާ ބޮޑުވަޒީރު އަންވަރުގެ ޝަރަފުގައި ރައީސް ޑރ. މުއިއްޒު ދެއްވި މެންދުރުގެ ފަރިއްކޮޅުގައި އަންވަރު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ދިވެހީންގެ ސަމާލުކަމަށް އައީ ހަމައެކަނި ސޮއިކުރެއްވި އެމްއޯޔޫތަކާއި ދެ ގައުމުގެ ވެރީން އިއުލާނުކުރެއްވި ކަންކަމުގެ ސަބަބުންނެއް ނޫނެވެ. އެމަނިކުފާނުގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ދިވެހީންގެ ހިތްތައް އަތުލީ، އެ ޕޯސްޓުތަކާއެކު ހިމަނުއްވައިފައިވާ ހިތްގައިމު ދިވެހި މިއުޒިކީ ރާގުތަކާ ވެސް އެކުގައެވެ.

ރާއްޖެއަށް ފައިބައިވަޑައިގެން އެންމެ ފުރަތަމަ ހިއްސާކުރެއްވި ވީޑިއޯއިން ފެށިގެން ވެސް ކުރެއްވި ކޮންމެ ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ ދިވެހި ރާގެއް ހިމަނުއްވައިފައެވެ. އެންމެ ފުރަތަމަ ޕޯސްޓުގައި ހިމަނުއްވާފައި ވަނީ ރާއްޖޭގެ ގައުމީ ސަލާމުގެ އޯކޭސްޓްރާ ވާޝަނެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިންނާ އެކު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުންތަކުގެ ޕޯސްޓުގައި ހިމަނުއްވައިފައިވަނީ އެކަތަ ބޮޑުބެރު ގްރޫޕުގެ މަޝްހޫރު ފޯރިގަދަ ލަވަ "މަރިޔަމް މަލާ"އެވެ.

15 ސެޕްޓެމްބަރު 2026: މެލޭޝިއާ ބޮޑުވަޒީރު އަންވަރު ރައީސް ޑރ. މުއިއްޒާއެކު -- ފޮޓޯ: މެލޭޝިއާ ބޮޑުވަޒީރުގެ އޮފީސް

މީގެ އިތުރުން، ދިވެހި މިއުޒިކީ ފަންނާނުންގެ ތެރޭ އެންމެ މަގުބޫލު އެކަކުކަމަށްވާ މޭނާ ހައްސާންގެ އަޑުން މުޅި ރާއްޖެ ގުގުމާލި ކްލެސިކް ލަވަތައް ކަމަށްވާ "މިލަމިލަ ހަނދުވަރު"، "ރައިވަރެއް ހެދީމާ"، "ފަނު ދުންމާރި" އަދި "މާސިންގާ ކަނޑުތެރޭ" ފަދަ ލަވަތައް އެމަނިކުފާނުގެ އެކި ޕޯސްޓުތަކުގައި ހިމަނުއްވައިފައި އޮތުމަކީ ދިވެހި ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމަކާއި ތައުރީފެއް ލިބުނު ކަމެކެވެ.

ބޮޑުވަޒީރު އަންވަރަކީ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ވެސް ލަވަޔާއި މިއުޒިކަށް ޚާއްސަ ލޯތްބެއް ބަހައްޓަވާ ލީޑަރެކެވެ. މިއުޒިކަކީ އެމަނިކުފާނުގެ އަމިއްލަ ދިރިއުޅުއްވުމުގެ އިތުރުން، ދޭދޭ ސަގާފީ ގުޅުންތައް ބަދަހިކުރެއްވުމުގައި އަބަދުވެސް ބޭނުންކުރައްވާ ބާރެކެވެ. ޚާއްސަކޮށް އިންޑިއާގެ ކްލެސިކް މިއުޒިކާއި، ލެޖެންޑަރީ ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރުގެ ލަވަތަކަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮންނަ ޚާއްސަ ލޯބި މި ފަހުން ވެސް ވަނީ ހާމަވެފައެވެ.

ރާއްޖެ ވަޑައިގަތުމުގެ ކުރިން އިންޑިއާގައި ބޭއްވުނު ބްރިކްސް ސަމިޓުގެ ދަތުރުފުޅުގައި ވެސް މިކަން ވަރަށް ބޮޑަށް ފެނުނެވެ. އެ ސަމިޓުގެ ހަވާސާގައި ބޭއްވި ޚާއްސަ ފަރިއްކުޅުވުމެއްގައި، އަންވަރު އަމިއްލަފުޅަށް ކިޝޯރު ކުމާރުގެ "ޚުވާބު ހޯ ތުމް ޔާ ކޮއީ ހަގީގަތް" ވިދާޅުވެ، އެ ވީޑިއޯ އިންސްޓަގްރާމަށް ދޫކޮށްލެއްވުމުން ބައިނަލްއަގުވާމީ ސަމާލުކަން ލިބުނެވެ. ދުނިޔޭގެ ވެރިންނާ އެކު ބާއްވާ މިފަދަ ބައްދަލުވުންތަކުގައި އަމިއްލަފުޅަށް ލަވަ ވިދާޅުވެ، މާހައުލަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދެއްވުމަކީ އަންވަރުގެ ޚާއްސަ ސިފަފުޅެކެވެ.

15 ސެޕްޓެމްބަރު 2026: މެލޭޝިއާ ބޮޑުވަޒީރު އަންވަރު ރައީސް ޑރ. މުއިއްޒާއެކު -- ފޮޓޯ: މެލޭޝިއާ ބޮޑުވަޒީރުގެ އޮފީސް

ރާއްޖެ ވަޑައިގެން އަންވަރު ލަވައެއް ވިދާޅު ނުވި ނަމަވެސް، އަންވަރުގެ ވާހަކަފުޅުތައް ބައްޓަންކުރެއްވީ ވަރަށް އެކުވެރި، ގާތް، މަޖާޒީ ރާގެއްގައެވެ. ނަމަވެސް ހިއްސާކުރެއްވި ލަވަތަކާއެކު އެމަނިކުފާނު ދަތުރުފުޅު ނިންމަވައިލެއްވީ، ހަމައެކަނި ސިޔާސީ ގުޅުމެއް ގާއިމްކުރައްވަމުން ނޫނެވެ. ދިވެހި މިއުޒިކާ އެކު ދިވެހިންގެ ސަމާލުކަން ވެސް ހޯއްދަވަމުންނެވެ.

comment ކޮމެންޓް