އީރާނުގެ ހުޅަނގާއި ދެކުނުގެ ފަރުބަދަމަތީ ސަރަހައްދުތަކަކީ ބޭރުފުށުން ބަލާއިރު ހިމޭން، ހިކިފަސް ތަންތަނެވެ. ނަމަވެސް، އެ ފަރުބަދަތަކުގެ އެތައް ސަތޭކަ މީޓަރެއް އަޑީގައި ވަނީ މުޅިން ތަފާތު ދުނިޔެއެކެވެ. އެއީ އީރާނުގެ އަސްކަރީ ބާރުގެ މައިބަދަ ކަމަށްވާ، ބިމުއަޑީގެ ސިއްރު 'މިސައިލް ސަހަރު'ތަކެވެ. ބިލިއަނުން ޑޮލަރު ހޭދަކޮށްގެން ބިނާކޮށްފައިވާ މި ބިޔަ ވިއުގަޔަކީ، މެދުއިރުމަތީގައި އީރާނުގެ ނުފޫޒު ދެމެހެއްޓުމުގެ އެންމެ މުހިންމު އެއް ވަސީލަތެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދެމުންދާއިރު، އީރާނުގެ މިސައިލް އިންވެންޓްރީއާ މެދު ވަނީ ސުވާލު އުފެދިފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން 2022 ވަނަ އަހަރު އަންދާޒާކޮށްފައިވާ ގޮތުގައި، އީރާނުގައި 3،000 އަށް ވުރެ ގިނަ ބެލިސްޓިކް މިސައިލް ހުއްޓެވެ. ނަމަވެސް، މެދުނުކެނޑި ދެމުންދާ ހަމަލާތަކަށްފަހު، މިހާރު އާންމުކޮށްފައިވާ ރިޕޯޓުތައް ބުނާ ގޮތުން އެ އަދަދު ވަނީ 2،000 އަށް ވުރެ ދަށްވެފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން މިއަހަރުގެ ކުރީކޮޅު ލަފާކޮށްފައިވާ ގޮތުގައި، އީރާނުގައި ގާތްގަނޑަކަށް 2،500 ބެލިސްޓިކް މިސައިލް ހުރިއިރު، މަހަކު އެތައް އާ މިސައިލެއް އެ ގައުމުން އުފައްދައެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނގުރާމައިގެ ކުރިން ހުރި 2،500 މިސައިލްގެ ތެރެއިން މިހާރު ބޭނުންކުރެވޭ ހާލަތުގައި ހުރީ 1،000 އާއި 1،500 އާ ދެމެދުގެ އަދަދެއްގެ މިސައިލެވެ.

މި އަދަދުތަކަށް ވުރެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ އީރާނުގެ ބިމުއަޑީގެ މަރުކަޒުތަކުގެ ވަރުގަދަކަމެވެ. ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވައިގެ ހަމަލާތަކެއް ދީފައިވީ ނަމަވެސް، އީރާނުގެ 'މިސައިލް ސިޓީ'ތަކާއި ޓަނަލްތަކުގެ 90 އިންސައްތަ އަދިވެސް އޮޕަރޭޓްކުރެވެއެވެ. އަދި މިސައިލާއި ޑްރޯން ލޯންޗަރުތަކުގެ 60 އިންސައްތަ ސަލާމަތުން ހުރިކަމަށް ނުވަތަ މަރާމާތުކޮށްފައިވާ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ. އީރާނުގެ މި ކާމިޔާބީގެ ފަހަތުގައި ވަނީ އެ ގައުމުގެ އަސްކަރީ ސްޓްރެޓެޖީ ކަމަށްވާ "ޑީސެންޓްރަލައިޒްޑް މޮޒައިކް ޑިފެންސް" އެވެ. މިއީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބޭނުންކުރާ އުކުޅެކެވެ. މި ސްޓްރެޓެޖީގެ ދަށުން، މައި ކޮމާންޑް ސެންޓަރުތަކަށް ނުވަތަ އިސް ވެރިންނަށް ހަމަލާއެއް އެރި ނަމަވެސް، ވަކިވަކި ޔުނިޓުތަކަށް އަމިއްލައަށް ހަރަކާތްތެރިވުމުގެ ގާބިލުކަން ލިބިގެންވެއެވެ.
އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކަށްފަހު، 2026 ވަނަ އަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހު އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އިރާގާއި އަފްޣާނިސްތާނުގައި އެމެރިކާއިން ހިންގި އަސްކަރީ ހަރަކާތްތައް ވިހި އަހަރު ވަންދެން އީރާނުން ދިރާސާކޮށް، އެކަމުން ލިބުނު ފިލާވަޅުތައް ވަނީ ދިފާއީ ސްޓްރެޓެޖީގައި ހިމަނާފައެވެ. އަރަގްޗީ ވިދާޅުވި ގޮތުގައި ވެރިރަށަށް ދޭ ބޮމުގެ ހަމަލާތަކަކުން، ހަނގުރާމަކުރުމަށް އީރާނަށް ލިބިފައިވާ ގާބިލުކަމަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އަދި ހަނގުރާމަ ނިމޭނެ ގޮތާއި ވަގުތު ކަނޑައަޅާނީ އީރާނުގެ މޮޒައިކް ޑިފެންސް ސްޓްރެޓެޖީން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި އަސްކަރީ ބާރު ދެމެހެއްޓުމަށް ބޭނުންވާ މާލީ ތަނަވަސްކަން އީރާނަށް ލިބެނީ ތެލުގެ ވިޔަފާރިންނެވެ. އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަނާއި އީރާން އިންޓަނޭޝަނަލްގެ މައުލޫމާތުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު އީރާނަށް ތެލުގެ އާމްދަނީގެ ގޮތުގައި 45 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފައިވެއެވެ. ފައުންޑޭޝަން ފޯ ޑިފެންސް އޮފް ޑިމޮކްރަސީސްއިން 2026 ވަނަ އަހަރުގެ މެއި މަހު ނެރުނު އަންދާޒާއެއްގައި ބުނެފައިވަނީ، 2024 އިން 2026 އަށް އީރާނުން ހަތަރު ފަހަރެއްގެ މަތިން 2،200 އާއި 2،400 އާ ދެމެދުގެ އަދަދަކަށް ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށެވެ.
އެލް ޕައީސް އަދި އީރާން އިންޓަނޭޝަނަލްގެ ރިޕޯޓުތަކުން ހާމަވާ ގޮތުގައި، އީރާނުގެ ސްޓްރެޓެޖިކް ބެލިސްޓިކް މިސައިލް ވިއުގަ ބިނާވެފައިވަނީ މައިގަނޑު 30 މަރުކަޒެއްގެ މައްޗަށެވެ. މީގެ ތެރޭގައި ބިމުއަޑީގެ ފުން ޓަނަލްތަކާއި ބިމުން މަތީގެ މަރުކަޒުތައް ހިމެނެއެވެ. މި ތަންތަނުގައި ކުރު، މެދު އަދި ދުރު ރާސްތާގެ އެތައް ހާސް މިސައިލެއް އުފައްދައި، ރައްކާކޮށް، ހަމަލާދިނުމަށް ތައްޔާރުކޮށްފައި ހުރެއެވެ.

މި ވިއުގައިގައި ހިމެނޭ އެންމެ މުހިންމު އެއް ތަނަކީ އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގައި ހުންނަ ތަބްރީޒް މިސައިލް ބޭސްއެވެ. މިއީ އީރާނުގެ ދެވަނައަށް އެންމެ ބޮޑު ބިމުއަޑީގެ މިސައިލް ސައިލޯ ނެޓްވޯކެވެ. ފަރުބަދަތަކުގެ ތެރެއަށް ކޮނެގެން ހަދާފައިވާ މި މަރުކަޒުން މައިގަނޑު ގޮތެއްގައި ޝަހާބް-2 އަދި ޝަހާބް-3 މަރުކާގެ މެދު ރާސްތާގެ މިސައިލްތައް އޮޕަރޭޓްކުރެއެވެ. މިއީ އިރުމަތީ އަދި މެދުތެރޭ ޔޫރަޕަށް އަމާޒުކޮށް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ މަރުކަޒެކެވެ. މީގެ އިތުރުން، ހުޅަނގު އީރާނުގެ ލޮރެސްތާން ޕްރޮވިންސްގައި ހުންނަ ހޮއްރަމްއާބާދު ސައިލޯ ކޮމްޕްލެކްސްއަކީ ތައްޔާރީ ހާލަތުގައިވާ އެންމެ ބޮޑު ބިމުއަޑީގެ މަރުކަޒެވެ. ވައިގެ ވަރުގަދަ ހަމަލާތަކުން ސަލާމަތްވާ ގޮތަށް ފަރުމާކޮށްފައިވާ މި ތަނަކީ ދިޔާ ތެޔޮ ބޭނުންކުރާ މިސައިލް އުފެއްދުމާއި ރައްކާކުރުމުގެ މައި ހަބެކެވެ.
ހުޅަނގު ބޯޑަރާ ކައިރީގައިވާ ކެނެޝްތު ކެންޔަން އަދި ބަހްތަރާން މަރުކަޒުތަކަކީ އިސްރާއީލާއި ގަލްފުގެ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ މުހިންމު ދެ ތަނެވެ. ސެޓެލައިޓް މަންޒަރުތަކުން ފެންނަ ގޮތުގައި ކެނެޝްތު ކެންޔަންގައި މަދުވެގެން 60 ޓަނަލް ބަންކަރު ހުރެއެވެ. ހަމައެހެންމެ، ކަރްމަންޝާހް ޕްރޮވިންސްގައި ހުންނަ ޕަންޖް-ޕެލޭ ނުވަތަ އިމާމް ހަސަން ގެރިސަންއަކީ އައިއާރްޖީސީގެ އެންމެ ދުވަސްވީ އެއް މިސައިލް މަރުކަޒެވެ. 2025 ވަނަ އަހަރުގެ ޖޫން މަހު މި ތަނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވެއެވެ.
އީރާނުގެ އެތެރޭގައި، އިސްފަހާން ޕްރޮވިންސްގައި ހުންނަ ކޮމްޕްލެކްސްއަކީ މިސައިލް އުފެއްދުމުގެ އެންމެ ބޮޑު މަރުކަޒެވެ. އަދި އުތުރުގައިވާ ސެމްނާން އަދި ޝަހްރޫދު މަރުކަޒުތަކަކީ ދުރު ރާސްތާގެ މިސައިލްތައް ޓެސްޓުކުރުމާއި އައިއާރްޖީސީގެ ސްޕޭސް ޕްރޮގްރާމް ހިންގުމަށް ބޭނުންކުރާ މުހިންމު ތަންތަނެވެ. ވެރިރަށް ތެހެރާން ކައިރީގައިވާ ޕާރްޗިން އަސްކަރީ ކޮމްޕްލެކްސްއަކީ ކެމިކަލް ޕްރޮޕެލަންޓް އުފެއްދުމާއި ގޮވާތަކެތި ޓެސްޓުކުރުމަށް ހާއްސަ، ވަރަށް ބޮޑަށް ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ތަނެކެވެ.
ދެކުނުގެ އައްސޭރިފަށާއި ހޮރުމުޒް ކަނޑުއޮޅީގެ ސަރަހައްދުގައިވާ މަރުކަޒުތަކަކީ ކަނޑުގެ މަގުން އަންނަ ނުރައްކާތަކަށް ރައްދުދިނުމަށް ފަރުމާކޮށްފައިވާ ތަންތަނެވެ. މީގެ ތެރޭގައި ގޭޝްމް އައިލެންޑް ފޯޓްރެސް އަދި ހޯރްގޯ ބިމުއަޑީގެ މަރުކަޒު ހިމެނެއެވެ. ބުޝެހެރް ޕްރޮވިންސްގައި ހުންނަ ހޯރްމޫޖް ސައިލޯ ބޭސްގައި ފަރުބަދައިގެ ތެރެއަށް ކޮނެފައިވާ 9 ވަރޓިކަލް ސައިލޯ ހުރެއެވެ. މި ތަނުން ގަލްފުގެ މުހިންމު ސިޓީތަކަށް ސީދާ ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވެއެވެ. މިއީ ގަލްފުގެ ސިޓީތަކާ 550 އާއި 650 ކިލޯމީޓަރާ ދެމެދުގެ ރާސްތާއެއްގައި ހުންނަ މަރުކަޒެކެވެ.
މި ހުރިހާ މަރުކަޒުތަކުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ތަނަކީ އުތުރު އީރާނުގެ އަލްބޯރްޒް ފަރުބަދަތަކުގައި ހަދާފައިވާ ޔާ ހައިދަރް ކަރާރް ބޭސްއެވެ. ބިމުގެ އަޑިއަށް 500 އާއި 700 މީޓަރާ ދެމެދުގެ ފުންމިނެއްގައި ކޮނެގެން ހަދާފައިވާ މި މަރުކަޒަކީ ނިއުކްލިއަރ ހަމަލާއަކުންވެސް ސަލާމަތްވާނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. މިއީ އީރާނުގެ އެންމެ ބޮޑު އަދި އެންމެ ފުން ބިމުއަޑީގެ އަސްކަރީ މަރުކަޒެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނުގެ އާދައިގެ ހަތިޔާރުތަކާއި މިސައިލް ބާރު ކަނޑުވާލުމަށް އަމާޒުކޮށްގެން މޯބައިލް ލޯންޗަރުތަކަށާއި މަރުކަޒުތަކަށް ހަމަލާދެމުން ދިޔަ ނަމަވެސް، އީރާނުގެ މިސައިލް ވިއުގަ އަދިވެސް އޮތީ ވަރުގަދަކޮށެވެ. އީރާނުގެ އަތުގައި އެމެރިކާއާ ހަމައަށް ފޯރާ ފަދަ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ނުވަތަ ނިއުކްލިއަރ ހަތިޔާރެއް ނެތް ނަމަވެސް، ފަރުބަދަތަކުގެ އަޑީގައި ފޮރުވިފައިވާ މި ބިޔަ 'މިސައިލް ސިޓީ'ތަކަކީ މެދުއިރުމަތީގައި އެ ގައުމުގެ ބާރުވެރިކަން ދައްކުވައިދޭ، އަދި އީރާނުގެ ދުޝްމަނުންނަށް އޮތް ބޮޑު އިންޒާރެކެވެ.