ލޮސް އެންޖެލިސްގައި ނޫސް އިދާރާއެއްގެ ހެލިކޮޕްޓަރެއް ވެއްޓި ތިން މީހަކު މަރުވެއްޖެ

އެމެރިކާގެ ލޮސް އެންޖެލިސްގައި އެންބީސީ ނިއުސްގެ ހެލިކޮޕްޓަރެއް ވެއްޓި ތިން މީހަކު މަރުވެއްޖެއެވެ.

ލޮސް އެންޖެލިސްގެ އަލިފާން ނިއްވާ އިދާރާއިން ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ސިޓީގެ ޗެޓްސްވޯތު ސަރަހައްދުގައެވެ. އެންބީސީ ލޮސް އެންޖެލިސްއިން ވަނީ ވެއްޓުނު ހެލިކޮޕްޓަރަކީ އެ އިދާރާގެ އުޅަނދެއްކަން ކަށަވަރުކޮށްދީފައެވެ.

ލޮސް އެންޖެލިސް ޕޮލިސް ޑިޕާޓްމަންޓް (އެލްއޭޕީޑީ) އިން އެކްސްގައި ބުނެފައިވާ ގޮތުގައި، ހެލިކޮޕްޓަރުގައި ތިބީ ޖުމްލަ ކިތައް މީހުންކަން އަދި ޔަގީނެއް ނުވެއެވެ.

މި ހެލިކޮޕްޓަރު ވެއްޓުނީ ވިޔަފާރިކުރާ ދެ އިމާރާތެއްގެ ދެމެދަށެވެ. ހާދިސާ ހިނގި ސަރަހައްދުގެ މަންޒަރުތަކުން ފެންނަ ގޮތުގައި، ދެ ކޮންޓެއިނަރަކާއި ބައެއް އުޅަނދުތަކުގައި ވަނީ އަލިފާން ރޯވެފައެވެ. ނަމަވެސް މިހާރު އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އަލިފާން ނިއްވާ އިދާރާއިން ބުނެއެވެ.

މި ހާދިސާގައި އަނިޔާވި އެކަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާގެ ހާލަތު އަދި ސާފެއް ނުވެއެވެ.

ލޮސް އެންޖެލިސް ފަޔާ ޑިޕާޓްމަންޓްގެ ކެޕްޓަން ބްރޭންޑަން ސިލްވަރމޭން ސީބީއެސްއަށް މައުލޫމާތު ދިން ގޮތުގައި، ހެލިކޮޕްޓަރު ވެއްޓުނު ވަގުތު އޭގެ ބޭރުން ފެނުނު މީހަކު ވަނީ އެ ސަރަހައްދުގައި މަރުވެފައެވެ. މި ހާދިސާ ހިނގީ ރޭ 19:00 ހާއިރު، ލާލައިން އެވެނިއު އަދި ނޯޑްހޮފް ސްޓްރީޓް ގުޅޭ ހިސާބުގައެވެ.

އެންބީސީގެ ހެލިކޮޕްޓަރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައީ، އޭގެ ކުރިން އެ ދުވަހު ހިނގި ބަސް އެކްސިޑެންޓެއްގެ މައުލޫމާތު އެއްކުރުމަށެވެ. ސީބީއެސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެސްޔޫވީއަކާއި ސިޓީ ބަހެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި ދެ މީހަކު މަރުވެ، ހަ މީހަކަށް ވަނީ އަނިޔާވެފައެވެ.

ހެލިކޮޕްޓަރު ވެއްޓުނު ވަގުތު އެހެން ނޫސް އިދާރާތަކުގެ ހެލިކޮޕްޓަރުތައް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައެވެ.

ލޮސް އެންޖެލިސްގެ މޭޔަރު ކެރެން ބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ދެ ހާދިސާގައި މީހުންގެ ފުރާނަ ގެއްލުމުން އެކަމާ ނުހަނު ހިތާމަކުރައްވާ ކަމަށެވެ. މި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާ ތަހުގީގުކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރާނީ ނެޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) އިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް