މީރު ފަޖް ބްރައުނީއެއް އެންމެ ދެ މިނެޓްތެރޭ ހަދާނެ ގޮތް

މައިކްރޯވޭވް ފަޖް ބްރައުނީ: ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި ބާވަތެއް--ފޮޓޯ/ޕިންޓްރެސްޓް

ކުއްލިއަކަށް ފޮނި އެއްޗެއް ކާލަން ބޭނުންވާ ވަގުތުތަކުގައި، ބަދިގޭގައި ގިނައިރު ނޫޅެ އެންމެ އަވަހަށް ތައްޔާރުކޮށްލެވޭނެ އެންމެ މީރު އެއްޗަކީ "މައިކްރޯވޭވް ފަޖް ބްރައުނީ" އެވެ. އަވަން ޖައްސައިގެން ގިނަ ވަގުތު ސާމާނު އެއްކުރުމުގެ ބަދަލުގައި، އެންމެ ދެ މިނެޓު ތެރޭގައި މި މަޑު، ޗޮކްލެޓް ފްލޭވާ ގަދަ ބްރައުނީ ތައްޔާރުކޮށްލެވިދާނެއެވެ.

އާންމުކޮށް ބްރައުނީ ތައްޔާރުކުރާއިރު ބިސް ތެޅުމާއި، ގިނަ ބާވަތްތަކެއް އެއްކުރުމުގެ އިތުރުން ތަށިތައް ދޮވުމުގެ ބޮޑު މަސައްކަތެއް އޮވެއެވެ. ނަމަވެސް، ރޭގަނޑު ދަންވަރު ނުވަތަ ވަރުބަލިވެފައި ހުންނަ ވަގުތެއްގައި، ކުއްލިއަކަށް ޗޮކްލެޓް ކާލަން ބޭނުންވުމުން މުޅި ބެޗެއް ފިހަން އުޅުމަކީ ފަސޭހަކަމެއް ނޫނެވެ.

މައިކްރޯވޭވްގައި ބްރައުނީ ފިހެން އުޅޭއިރު ބައެއް ފަހަރު ރަހަ މަޑުވުން ނުވަތަ ބޭނުންވާ ގޮތަށް ނުފިހެވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، މަދު ސާމާނުކޮޅެއް ރަނގަޅު މިންވަރަށް އެއްކޮށްލައިގެން މައިކްރޯވޭވް ކޮށްލުމުން، އަވަންއިން ފިހެގެން ނެގޭ ފަދަ މީރު، މަޑު، އަދި އޮމާން ފަޖް ބްރައުނީއެއް ވަގުތުން ތައްޔާރުކޮށްލެވޭނެއެވެ.

ފަޖް ބްރައުނީ އަކީ ފޮނި ބާވަތްތައް ކެއުމަށް ލޯބިކުރާ މީހުންގެ މެދުގައި މަގުބޫލު ކޭކުގެ ބާވަތެއް--ފޮޓޯ/ޕިންޓްރެސްޓް

މިގޮތަށް ބްރައުނީ ތައްޔާރުކުރުމަށްޓަކައި އެންމެ ފުރަތަމަ މައިކްރޯވޭވް ސޭފް ތަށްޓަކަށް ތިން ސަމްސާ އަންސޯލްޓެޑް ބަޓަރާއި ހަ ސަމްސާ ޑާކް ޗޮކްލެޓް އަޅައި، 20 އާއި 30 ސިކުންތާ ދެމެދުގެ ވަގުތުކޮޅަކަށް މައިކްރޯވޭވްކޮށްގެން ވިރުވާލާށެވެ. އެއަށްފަހު، އޭގެ ތެރެއަށް ހަތަރު ސަމްސާ ޕައުޑަރު ހަކުރު އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު، ރޫމް ތެމްޕްރޭޗާގައި ހުރި ހަތަރު ސަމުސާ ކިރާއި، ސާފުކޮށް ފުރާނާފައިވާ 8 ސަމުސާ ފުށުގެ އިތުރުން ރަހަ ފުރިހަމަކުރުމަށް ކުޑަ ލޮނުކޮޅަކާއި ވެނީލާ އެސެންސް ތިއްކެއް އެއްކޮށް، ފުށްގަނޑު އޮމާންވަންދެން ގިރާލާށެވެ.

ދެން ފުށްގަނޑުގެ ތެރެއަށް ކުދިކޮށް ކޮށާފައިވާ ޗޮކްލެޓް އެތިކޮޅުތަކެއް އެއްކޮށްލުމަށްފަހު، މައިކްރޯވޭވް ކުރާނެ ތަށްޓަށް ބަދަލުކޮށް، މަތީގައިވެސް އިތުރު ޑާކް ޗޮކްލެޓް އެތިކޮޅުތަކެއް އަތުރާލާށެވެ. އެއަށްފަހު މައިކްރޯވޭވްގެ ހައި ސެޓިންގްގައި 60 ސިކުންތު ވަންދެން ފިހެލާށެވެ. ނެގުމަށްފަހު އިތުރަށް ރަނގަޅަށް ނުފިހޭހެން ހީވާނަމަ، ގިނަވެގެން 10 ސިކުންތު އިތުރަށް މައިކްރޯވޭވް ކޮށްލެވިދާނެއެވެ. ނަމަވެސް، މާގިނައިރު ފިހެފިނަމަ ބްރައުނީގެ މަޑުކަން ގެއްލޭނެއެވެ.

މިހާރު އެހެރީ ހޫނުހޫނު، މީރު ފަޖް ބްރައުނީ ތައްޔާރުވެފައެވެ. ވެނީލާ އައިސްކްރީމް ސްކޫަޕަކާ އެކު، ހޫނުކަން މަތީ ޚާއްޞަކޮށް ވިއްސާރަ މޫސުމެއްގައި ކާލުމަށް މިއީ ހަމަ އެންމެ ފުރިހަމަ ފޮނި ކެއުމެވެ.

comment ކޮމެންޓް