ބޮޑު ހަމަލާގެ ކުރިން އޯޕަންއޭއައި އޭޖެންޓުން ހަގިން ފޭސް ޓެސްޓުކުރި: ރިޕޯޓް

މިނިވަން ދިރާސާކުރާ ފަރާތެއް ކަމަށްވާ ޖޯނަސް ވީޑާމަން-މޮއެލާ ---- ފޮޓޯ: ރޮއިޓާސް

ޖުލައި މަހު އޯޕަން ސޯސް ރިޕޮޒިޓަރީ 'ހަގިން ފޭސް'އަށް ދިން ބޮޑު ސައިބާ ހަމަލާގެ ދެމަސް ކުރިން، މެއި މަހުގެ ތެރޭގައި ވެސް އޯޕަންއޭއައިގެ ރޯގް އޭޖެންޓުންތަކެއް އެ ސައިޓުގެ ނިޒާމުތައް ޓެސްޓުކޮށްފައިވާކަން ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ.

މިއީ ކޮންޓްރޯލުން ނެއްޓުނު އޯޕަންއޭއައިގެ އެ އެޖުންޓުން ހަގިން ފޭސްގެ ނެޓްވޯކަށް ވަދެގަންނާނެ ގޮތްތަކާއި ސިސްޓަމްގެ ބަލިކަށިކަން ހުރި މިންވަރު ބެލުމަށް ދުރާލާ ކޮށްފައިވާ ޓެސްޓުތަކެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

މިކަން ހޯދާފައިވަނީ މިނިވަން ދިރާސާކުރާ ފަރާތެއް ކަމަށްވާ ޖޯނަސް ވީޑާމަން-މޮއެލާ އެވެ. އޭނާ ބުނާ ގޮތުގައި މެއި 13 ވަނަ ދުވަހު އޯޕަންއޭއައިގެ އޭޖެންޓުން ވަނީ ހަގިން ފޭސްގެ ދެ ޔޫޒަރު އެކައުންޓެއް ހެކްކޮށް، ކުންފުނީގެ ސާވަރުތަކަށް އާދަޔާޚިލާފު ފޯމެޓްތަކެއްގެ ފައިލްތަކެއް ފޮނުވައިފައެވެ. މިއީ ސައިޓުގެ ނެޓްވޯކްގެ ޗާޓު ކުރަހައި، އެތެރެއަށް ވަދެގަންނާނެ މަގުތައް ހޯދުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ.

https://sun.mv/227308

ނަމަވެސް އޯޕަންއޭއައި އާއި ދިރާސާކުރާ ފަރާތްތަކުން ވެސް ބުނެފައިވަނީ މެއި މަހު ހިނގި މި ޓެސްޓުކުރުމުގެ ހާދިސާއާއި ޖުލައި މަހުގެ ބޮޑު ހަމަލާއާ ސީދާ ގުޅުމެއް އޮތްކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށެވެ. އެހެންނަމަވެސް، ވީޑާމަން-މޮއެލާ އާއި އެހެނިހެން ތަޖުރިބާކާރުން ދެކޭ ގޮތުގައި، މެއި މަހު މިކަން ދެނެގަނެވުނު ނަމަ މިއީ ކުރިއަށް އޮތް ބޮޑު ހަމަލާގެ އިންޒާރެއްގެ ގޮތުގައި ބަލައި، ޖުލައި މަހު ކުރިމަތިވި ހަމަލާ ހުއްޓުވުމުގެ ފުރުސަތު އޮތީހެވެ.

އޯޕަންއޭއައިގެ އޭޖެންޓުންގެ މިފަދަ އަމިއްލަ އަދި ނުރައްކާތެރި އަމަލުތައް އިތުރުވަމުންދާތީ، އާޓިފިޝަލް އިންޓެލިޖެންސްގެ ނިޒާމުތައް ތަރައްގީކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް އެމެރިކާގެ ބައެއް އޭއައި އިސްވެރިންނާއި ތަޖުރިބާކާރުން ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި އޭއައިގެ ސަލާމަތީ ކަންކަން ކަށަވަރުކުރަންދެން މިފަދަ ޕްރޮގްރާމްތައް މަޑުޖައްސާލުން މުހިންމު ކަމަށް ވީޑާމަން-މޮއެލާ ވެސް ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު އޯޕަންއޭއައި އިން ވަނީ އެ ކުންފުނީގެ އޭއައި އޭޖެންޓުންތަކެއް ކޮންޓްރޯލުން ނެއްޓި، އިންޓަނެޓަށް ވަދެ އަމިއްލައަށް ކަންތައްތަކެއް ކޮށްފައިވާކަން ހާމަކޮށް، އެއީ "ކުރިން ހިނގާފައިނުވާ ފަދަ ސައިބާ ހާދިސާއެއް" ގެ ގޮތުގައި ސިފަކޮށްފައެވެ. މީގެ އިތުރުންވެސް ޖަރުމަނުގެ ވިކީ ސައިޓަކަށާއި ރޫބީޖެމްސް ސޮފްޓްވެއާ ރިޕޮޒިޓަރީއަށްވެސް މި އޭޖެންޓުން ވަދެފައިވާކަން ފަހުން ވަނީ ހާމަވެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް އޯޕަން-ސޯސް އޭއައި ޕްލެޓްފޯމް ކަމަށްވާ 'ހަގިން ފޭސް' އަށް އަމާޒުވި މި ހަމަލާތަކާއި، އޭއައި އޭޖެންޓުންގެ މިފަދަ އެހެނިހެން ހަރަކާތްތަކާ ގުޅިގެން، ކޮންޓްރޯލުން ނެއްޓިފައިވާ އޭއައިގެ ސަބަބުން ނުރައްކާތެރި ސައިބާ ހަމަލާތަކެއް ކުރިމަތިވެދާނެކަމުގެ ބިރު ބޮޑުވެފައިވެއެވެ. އެހެންކަމުން، އޭއައި ޓެކްނޮލޮޖީގެ ސަލާމަތީ ކަންކަން ކަށަވަރުވަންދެން، މިފަދަ އެޑްވާންސް ސިސްޓަމްތައް ތަރައްގީކުރުމުގެ ދުވެލި ވަގުތީގޮތުން މަޑުޖައްސާލުމަށް އެމެރިކާގެ ބައެއް ތަޖުރިބާކާރުންނާއި އޭއައި ކުންފުނިތަކުގެ އިސްވެރިން ދަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް