އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި ރޭ އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ފަހަތުން އަރައި 3-2 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ބްރައިޓަން މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މިއީ 1976 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޓޮޓްނަމް ހޮޓްސްޕަރ އަތުން 3-2 އިން ބަލިވި މެޗަށްފަހު، ދެ ލަނޑުގެ ލީޑެއްގައި އޮއްވައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް މިފަދަ ނަތީޖާއަކުން ބަލިވި ފުރަތަމަ ފަހަރެވެ. އެހެންކަމުން ޔުނައިޓެޑު އަމިއްލަ ދަނޑުގައި މި ބަލިވީ ބައި ގަރުނަށްފަހު އެވެ.
އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗުގެ ތެރެއިން-- ރޭގެ މެޗު ފަށައިގެން ޔުނައިޓެޑުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައި، އަށްވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ ޝިއާ ލޭސީގެ ލަނޑުން ކުރިހޯދާފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން މޭސަން މައުންޓް ވަނީ ޔުނައިޓެޑަށް 2-0 ގެ ލީޑެއް ނަގައިދީފައެވެ.
ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޗަރަލަމްޕޯސް ކޮސްޓޫލަސް ބްރައިޓަންއަށް އުންމީދު އާކޮށްދިންއިރު، ދެވަނަ ހާފުގެ އެންމެ ހަތަރު މިނެޓު ތެރޭގައި އެޓީމުން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އެގޮތުން 65 ވަނަ މިނެޓުގައި ޕަސްކަލް ގްރޮސް ނަތީޖާ ހަމަހަމަކޮށްދިންއިރު، 69 ވަނަ މިނެޓުގައި މެކްސިމް ޑި ކުއިޕާ ވަނީ ބްރައިޓަން މޮޅުކޮށްދިން ލަނޑު ޖަހާފައެވެ. މެޗު ނިމުނުއިރު ޔުނައިޓެޑުގެ ސަޕޯޓަރުން ދިޔައީ ޓީމުގެ ކުޅުމާމެދު ނުރުހުން ފާޅުކުރަމުންނެވެ.
އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗުގެ ތެރެއިން-- މި ނާކާމިޔާބީއާއެކު ޔުނައިޓެޑަށް ވަނީ އިތުރު ހިތްދަތިކަމަކާ ކުރިމަތިލާންޖެހިފައެވެ. ނިމިދިޔަ ހަފުތާ ބަންދުގައި ވާދަވެރި މެންޗެސްޓަރ ސިޓީ އަތުން 1-0 އިން ބަލިވި ޔުނައިޓެޑް މިވަގުތު ޕްރިމިއަރ ލީގު ތާވަލުގެ އޮތީ ހަތަރު މެޗުން އެންމެ މޮޅެއް ލިބިގެން 13 ވަނައިގައެވެ.
މިއީ އިނގިރޭސި މުބާރާތްތަކުން ޔުނައިޓެޑް ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ. މިދިޔަ ސީޒަނުގެ ލީގު ކަޕުގެ ދެވަނަ ބުރުގައި ހަތަރުވަނަ ޑިވިޝަނުގެ ގްރިމްސްބީ ޓައުން އަތުން ޕެނަލްޓީ ޖަހައިގެން ބަލިވިއިރު، މިދިޔަ ޖެނުއަރީ މަހުގެ އެފްއޭ ކަޕުންވެސް އެޓީމު ކެޓީ އަމިއްލަ ދަނޑުގައި 2-1 އިން ބްރައިޓަން އަތުން ބަލިވެގެންނެވެ.
މިއީ 1981/82 ސީޒަނަށްފަހު، އިނގިރޭސި އެއްވެސް މުބާރާތެއްގެ އެއްވެސް ބުރަކުން މޮޅެއް ނުލިބި ޔުނައިޓެޑް ކެޓި ފުރަތަމަ ފަހަރެވެ.