ތައިލެންޑުގެ ރަސްގެފާނުގެ ދެކަނބަލުން އަމިއްލަފުޅަށް ބޯޓު ދުއްވަވައިގެން ވިއެޓްނާމަށް

ވިއެޓްނާމްގެ ވެރިރަށް ހަނޯއީއަށް އޮތީ ބޯކޮށް ވާރޭ ވެހިފައެވެ. މޫސުމް ގޯސް ނަމަވެސް، ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ދިޔަ ބޯއިން 737-800 މަރުކާގެ މަތިންދާބޯޓު ވަރަށް އޮމާންކަމާއެކު ރަންވޭ މައްޗަށް ޖެއްސިއެވެ.

އާންމުކޮށް ގައުމުތަކުގެ އިސްވެރިން ދަތުރުކުރައްވާއިރު، ކޮކްޕިޓުގައި ތިއްބަވާނީ ތަޖުރިބާކާރު ޕައިލެޓުންނެވެ. ނަމަވެސް މި ފަހަރު މަންޒަރު ތަފާތެވެ. ތައިލެންޑުގެ ހާރިޖީ ވުޒާރާއިން ފޭސްބުކްގައި އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، ކެޕްޓަންގެ ގޮނޑީގައި އިންނެވީ އުމުރުފުޅުން 74 އަހަރުގެ ތައިލެންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯންއެވެ. އަދި ކޯޕައިލެޓެއްގެ ގޮތުގައި އަރިހުގައި އިންނެވީ އުމުރުފުޅުން 48 އަހަރުގެ ރާނީ ސުތިދާއެވެ.

ތައިލޭންޑްގެ ރަސްގެފާނު ފްލައިޓް ދުއްވަވަނީ--

މިއީ ހުސްވި ހަފުތާގެ ހޯމަ ދުވަހު ތައިލެންޑުގެ ރަސްގެފާނާއި ރާނީ ވިއެޓްނާމަށް ކުރެއްވި ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅުގެ ފެށުމެވެ. މި ދަތުރުފުޅުގައި ތައިލެންޑުގެ ބޮޑުވަޒީރު އަނުޓިން ޗާންވިރަކުލް އާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެވެ.

މިއީ 1976 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރި ފަހުން، ތައިލެންޑުގެ ރަސްކަލަކާއި ރާނީއަކު ވިއެޓްނާމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ރަސްގެފާނު އަމިއްލަފުޅަށް ބޯޓު ދުއްވުމަކީ ކުއްލިއަކަށް ހިނގި ކަމެއް ނޫނެވެ. ރަސްގެފާނަކީ އަސްކަރީ އެކަޑަމީއަކުން ތައުލީމު ހާސިލުކުރައްވައި، ތައިލެންޑުގެ އަސްކަރިއްޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ނޯތުރޮޕް އެފް-5، އެފް-16 އަދި ބޯއިން 737-400 މަރުކާގެ ބޯޓު ދުއްވުމުގެ ލައިސަންސް އެމަނިކުފާނުގެ އަތްޕުޅުގައި އޮވެއެވެ.

މީގެ އިތުރުން 1994 ވަނަ އަހަރު އަސްކަރީ ބޯޓު ދުއްވަން ދަސްކޮށްދޭ އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވައި، 2012 ވަނަ އަހަރު ޗެރިޓީ ފްލައިޓެއްވެސް ދުއްވަވާފައިވެއެވެ.

ރާނީ ސުތިދާއަކީވެސް ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އާ ބޭފުޅެއް ނޫނެވެ. ދެހާސް ދިހަ ވަނަ އަހަރު ޝާހީ އަސްކަރިއްޔާއާ ގުޅިވަޑައިގަތުމުގެ ކުރިން، އެކަމަނާއަކީ ތައި އެއާވޭސް އަދި ޖޭއޭއެލްވޭސްގެ ފްލައިޓް އެޓެންޑެންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. ބޮޑެތި ފަސިންޖަރު ބޯޓުތައް ދުއްވުމުގެ ހުއްދަ ރާނީއަށް ލިބިވަޑައިގެންފައިވާއިރު، މިހާރު ގެންދަވަނީ އަޑަށްވުރެ ބާރަށް ދަތުރުކުރާ ފައިޓާ ޖެޓުތައް އެކަނި ދުއްވުމުގެ ތަމްރީނުތައް ފުރިހަމަކުރައްވަމުންނެވެ.

މީގެ ކުރިން 1992 އަދި 1997 ވަނަ އަހަރު ވަލީއަހުދުގެ މަގާމުގައި ހުންނަވައިގެން ރަސްގެފާނު ވަނީ ވިއެޓްނާމަށް ވަޑައިގެންފައެވެ. ނަމަވެސް މި ފަހަރުގެ ދަތުރުފުޅު ހާއްސަވަނީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމާ ދިމާކޮށް ކުރައްވާ ދަތުރުފުޅަކަށް ވާތީއެވެ. އަދި މިއީ މިދިޔަ އަހަރު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ޕާޓްނާޝިޕް" އަކަށް ބަދަލުކުރުމަށްފަހު ކުރެއްވި ފުރަތަމަ ދަތުރުފުޅުވެސް މެއެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރެއިން ހަނޯއީއަށް ބޯޓު ތިރިކުރިއިރު، މިއީ ހަމައެކަނި ސިޔާސީ ގުޅުމެއްގެ ރަމްޒެއް ނޫނެވެ؛ މިއީ ތަޖުރިބާކާރު ދެ ޕައިލެޓުންގެ ހުނަރުވެސް ދައްކުވައިދިން ދަތުރުފުޅެކެވެ.

comment ކޮމެންޓް