ރަފީނިއާގެ ހެޓްރިކާއެކު ބާސެލޯނާ މޮޅުވިއިރު ކޯޗު ފްލިކަށް ރެކޯޑެއް

ސްޕެނިޝް ލީގުގައި ރޭސިން ކޮޅަށް ހެޓްރިކް ހެދި ރަފީނިއާ--

ރަފީނިއާގެ ހެޓްރިކާއެކު ރޭ ސްޕެނިޝް ލީގުގައިރޭސިން ސަންޓަންޑަރ އަތުން 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެއެވެ.

ބާސާގެ އަމިއްލަ ދަނޑު ކޭމްޕް ނޯގައި ކުޅުނު މި މެޗުން ހޯދި ނަތީޖާއާއެކު، ސީޒަނުގެ ފުރަތަމަ މެޗުތަކުން މޮޅުވެގެން ކޯޗު ހަންސީ ފްލިކް ވަނީ ބާސެލޯނާގެ ތާރީޚީ އައު ރިކޯޑެއް ގާއިމުކޮށްފައެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ވަނީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށްވުރެ ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. މެޗުގައި ބާސެލޯނާގެ ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކައި ހެޓްރިކެއް ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން ޖޮއާއޯ ކަންސެލޯ، ގެބްރިއަލް ޖެސޫސް އަދި ލަމީން ޔަމާލްވެސް ވަނީ އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދީފައެވެ. ރޭސިންގެ އަސިއަރ ވިޔަލީބްރޭ އަތުން ބައިކޮޅަށް ލަނޑެއް ވަދެފައިވާއިރު، ރޭސިންއިން ޖެހި ދެ ލަނޑަކީ ބާސެލޯނާގެ ޑިފެންސަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައިގެން ޖެހި ދެ ލަނޑެވެ. ނަމަވެސް މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ ބާސެލޯނާއިންނެވެ.

ސްޕެނިޝް ލީގުގައި ރޭސިން ކޮޅަށް ހެޓްރިކް ހެދި ރަފީނިއާ--

ރޭސިންގެ ކޯޗު ހޯސޭ ލޮޕޭޒް މުހިންމު ކުޅުންތެރިންނަށް އަރާމުކުރުމުގެ ފުރުސަތު ދިން ނަމަވެސް، ފްލިކް ނެރުނީ ބާސެލޯނާގެ އެންމެ ވަރުގަދަ އެގާރައެވެ. މެޗުގެ އަށްވަނަ މިނެޓުގައި ކަންސެލޯގެ ގޯލުން ބާސެލޯނާ ލީޑު ނެގިއިރު، 25 ވަނަ މިނެޓުގައި ރަފީނިއާ ވަނީ ޕެނަލްޓީއަކުން ލީޑު ފުޅާކޮށްދީފައެވެ.

ރޭސިންގެ މަގެޓް ގޭ ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، ވިޔަލީބްރޭގެ އަތުން ބައިކޮޅަށް ވަން ގޯލާއި ރަފީނިއާގެ ދެވަނަ ލަނޑާއެކު ބާސެލޯނާއިން ފުރަތަމަ ހާފު ނިންމާލީ 4-1 ގެ ލީޑަކުންނެވެ.

ދެވަނަ ހާފުގައި ރޭސިންގެ ޔާސިރު ޒަބީރީ ލަނޑެއް ޖެހި ނަމަވެސް، ރަފީނިއާ ވަނީ އޭނާގެ ދެވަނަ ޕެނަލްޓީއާއެކު ހެޓްރިކް ފުރިހަމަކޮށްފައެވެ.

މެޗުގެ ފަހުކޮޅު ޖެސޫސް އާއި ޔަމާލް ކާމިޔާބުކުރި ލަނޑުތަކާއެކު ބާސެލޯނާއިން ބޮޑު މޮޅެއް ކަށަވަރުކުރިއެވެ. ލީގުގެ އެހެން މެޗުތަކަށް ބަލާއިރު، އެތުލެޓިކޯ މެޑްރިޑުން ވަނީ 4-0 އިން އޮސަސޫނާ ބަލިކޮށްފައެވެ.

ސެވިއްޔާ އަތުން 1-0 އިން ބަލިވެ ޑިޕޯޓިވޯ ލަކަރޫނިއާއަށް ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނުއިރު، ބޯކޮށް ވާރޭވެހި ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން ލެވާންޓޭ އާއި އެތުލެޓިކް ބިލްބާއޯ މެޗު ވަނީ ފަސްކޮށްފައެވެ.

comment ކޮމެންޓް