އޭއައި އަކީ އިންސާނެއް ކަމަށްދެކިގެން ގެންގުޅޭ އުސޫލަކީ ކުށްހީއެއް ކަމަށާއި، އިންސާނުންނަށް ކޮންޓްރޯލް ނުކުރެވޭ ފަދަ ޓެކްނޮލޮޖީއެއް އުފައްދައިގެން ނުވާނެކަމަށް މައިކްރޯސޮފްޓްގެ އިސްވެރިޔާ ވިދާޅުވެއްޖެއެވެ.
ބީބީސީގެ ޓުޑޭ ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ޑިވެލޮޕް ކުރުމުގައި އެކަށީގެންވާ ހުރަސްތަކާއި ހައްދުތަކެއް ކަނޑަނާޅައިފިނަމަ، އިންސާނުންނާ ވާދަކުރާނެ އައު ސިލިކޯން ނަސްލެއް އުފެދިދާނެ ކަމަށެވެ،
މައިކްރޮސޮފްޓްގެ އޭއައި އިސްވެރިޔާ މުސްތަފާ ސުލައިމާން އިތުރަށް ވިދާޅުވީ ވާދަވެރި އެންތްރޮޕިކް ކުންފުނިން އޭއައި އަކީ އިންސާނެއް ކަމަށްދެކިގެން ގެންގުޅޭ އުސޫލަކީ ކުށްހީއެއް ކަމަށާއި، އިންސާނުންނަށް ކޮންޓްރޯލް ނުކުރެވޭ ފަދަ ޓެކްނޮލޮޖީއެއް އުފެއްދުމާ ދެކޮޅަށް އިންޒާރުދެއްވާ ކަމަށެވެ.
ކުންފުނިތަކުން އަމިއްލައަށް މަގުސަދުތައް ހާސިލުކުރާ، ފައިސާ ހޯދާ އަދި މުދަލުގެ ވެރިކަންކުރާ އޭއައިތައް އުފެއްދުން މެދުނުކެނޑި ކުރިއަށްދާނަމަ، އިންސާނުން އެއަށް ކިތަންމެ ލޯތްބެއް ވިޔަސް އަދި އެއިންސާނުންނަށް ކިތަންމެ ވަރަކަށް އަޅާލިޔަސް، އެއީ ގައިމުވެސް ވަސީލަތްތަކަށްޓަކައި އިންސާނުންނާ ވާދަކުރާނެ އައު ސިލިކޯން ނަސްލެއް ކަމަށް އޭނާ ފާހަގަކުރެއްވީ ބުރާސްފަތި ދުވަހުއެވެ.
މި ހަފުތާގެ ކުރީކޮޅު އޭނާ ޝާއިއުކުރެއްވި މަޒުމޫނެއްގައި ވަނީ އެންތްރޮޕިކްގެ ކްލޯޑް ޕްރޮގްރާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ ކުންފުނިން އޭއައިއަށް އިންސާނީ ސިފަތައް ދަސްކޮށްދިނުމުގެ ސަބަބުން، އޭގެ އަމިއްލަ އެދުންތަކާއި، ވެލިއުތަކާއި، އަމިއްލަ ނަފުސުގެ އިހުސާސެއް ހުރި ކަމަށް ދައްކުވައިދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭއައިއަކީ ކޮންސަސް ނުވަތަ ހޭވެރިކަން ހުރި އެއްޗެއް ނޫން ކަމަށާއި، އެއީ އިހުސާސްކުރަން ނުވަތަ ވޭން ތަޙައްމަލުކުރަން އެނގޭ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އަމިއްލަ ޝައުގުވެރިކަމެއް ނުވަތަ އެދުންތަކެއް ނުހުންނާނެ ކަމަށާއި، އެއީ ހަމައެކަނި ސީކުއެންސް ކޮމްޕްލީޝަން އިންޖީނުތަކެއް ކަމަށާއި، އެތެރެ ހުސްވެފައިވާ، އިންސާނުން ކަނޑައަޅާ އަމާޒުތަކަށް އަމަލުކުރަން ފަރުމާކޮށްފައިވާ އެއްޗެއް ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.
ބާއްވަން އުޅޭ އޭއައި ސަމިޓަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ޓެކްނޮލޮޖީއަކީ އިންސާނުންގެ ދަށުގައިވާ އަދި ކޮންޓްރޯލްކުރެވޭ އެއްޗަކަށް ހެދުމަށް އެލައިންމަންޓް ނުވަތަ އެއްގޮތްކުރުން ބޭނުންވާ ކަމަށެވެ. އިންސާނުން އުފައްދާ ނިޒާމުތަކަކީ ރައްކާތެރި، ކޮންޓްރޯލްކުރެވޭ އަދި އިންސާނުންނަށް ކިޔަމަންތެރި އެއްޗެއްކަން ކަށަވަރުކުރުމަކީ މުޅި ދުނިޔޭގެ އެންމެހާ އިންސާނުންގެ ވަރަށް ބޮޑު މަސްލަހަތެއް އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެންތްރޮޕިކްގެ ބޮސް ޑާރިއޯ އަމޮޑޭއި އާއި އޭނާގެ ޓީމަކީ ވިސްނުންތޫނު، ސާބިތު އަދި ފިކުރީގޮތުން ތެދުވެރި ބައެއް ކަމަށް ސުލައިމާން ތައުރީފުކުރެއްވި ނަމަވެސް، އެ ކުންފުނީގެ އުސޫލުތަކާމެދު ސުވާލު އުފެއްދެވިއެވެ. ހޭވެރިކަމަކީ ބަޔޮލޮޖީއާ ގުޅިފައިވާ ކަމެއް ކަމަށާއި އޭއައިއަކީ ހޭވެރިކަން ހުރި އެއްޗެއްކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލާގައި ބަހުސްކުރުމަށް ގޮވާލަމުން، އޭއައި ސިސްޓަމްތައް ތަމްރީނުކުރާ އަދި ވަޒަންކުރާ ގޮތުގެ ހާމަކަން ބޮޑުވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި އޭއައިގެ އަމަލުތައް މިނިވަންކޮށް ބެލުމާއި، ޓެކްނޮލޮޖީ މޮނިޓާކޮށް ކޮންޓްރޯލް ކުރުމަށް އިތުރު ވަސީލަތްތައް ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ. ފަހުން ހިތާމަކުރަންޖެހޭ ފަދަ ނިންމުމަކަށް ނޭނގިތިބެ ވަދެގެންނުވާނެ ކަމަށް އޭނާ އިންޒާރުދެއްވިއެވެ.
ސައުތެމްޕްޓަން ޔުވާސިޓީގެ ކޮމްޕިއުޓަރ ސައިންސް ޕްރޮފެސަރު ޑޭމް ވެންޑީ ހޯލް ވިދާޅުވީ، މިއީ ބައިނަލްއަގްވާމީ ފެންވަރެއްގައި ދައްކަންޖެހޭ ފަދަ ވާހަކަތަކެއް ކަމަށާއި، ބައެއް އޭއައި ކުންފުނިތަކުން ހިންގާ ހައިސްޓްރީނިކްސް ނުވަތަ ބިރުވެރިކަން އުފެދޭ ކަންކަމާ މިއާ ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.
މައިކްރޮސޮފްޓުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އަމިއްލަ ސުޕައިންޓެލިޖެންސް ޓީމެއް އުފައްދާފައިވާ ކަމަށް ސުލައިމާން އެއްބަސްވެވަޑައިގެންނެވިއެވެ. އަދި އެ ކުންފުނިން ވެސް އެންތްރޮޕިކާ އެއްގޮތަށް ކުރިއަރާފައިވާ އޭއައި ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މައިކްރޮސޮފްޓްގެ ހިއުމަނިސްޓް އޭއައި ކޯޑް އޮފް ކަންޑަކްޓްގެ ފުރަތަމަ ދެލިކޮޕީގައި އިންސާނުންނަށް ހިދުމަތްކުރުން އެކަނި އަމާޒަކަށްވާ ކިޔަމަންތެރި އަދި އެލައިންވެފައިވާ އޭއައިއެއް އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ބަޔާންކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޯޕަންއޭއައިގެ އޭއައި އޭޖެންޓްތަކެއް، ހަގީގީ ދުނިޔޭގެ ޓްރޭނިން ކަސްރަތެއްގެ ތެރެއިން ހަގީގަތާ ހިލާފަށް ހަގިން ފޭސް ޓެކް ހަބް ހެކް ކުރުމަށް އަމިއްލައަށް މަސައްކަތްކުރި ހާދިސާއަކީ، އޭއައިއަކީ އިންސާނެއްގެ ގޮތުގައި ދެކިގެން ނުވާނެ ސަބަބެއް ކަމަށް އޭނާ ދެއްކެވިއެވެ. އެފަދަ ނިޒާމުތަކުގެ ހައްގުތަކާއި ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް ހީކޮށް އޭގެ ޒާތުގައި މަސައްކަތްކުރާނަމަ، އޭގެ ނުރައްކާ ކިހާ ބޮޑުވާނެތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އަދި މިއީ އޭގެ މައްޗަށް އިތުރު ނުރައްކާތަކެއް އިތުރުވެގެންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.