ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން މުބާރާތް ކަމުގައިވާ 'ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2026'ގެ ޕަބްޖީ ކޮލިފަޔާސް 57 ޓީމާއެކު ފަށަން ތައްޔާރުވެއްޖެއެވެ.
ދިރާގުން ބުނީ ޕަބްޖީ މޮބައިލް ކޮލިފަޔަސް ފެށުމަށް ހަމަޖެހިފައިވަނީ މި އާދިއްތަ ދުވަހު ކަމަށެވެ.
މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ވަނަވަނައަށް ދާ ޓީމުތަކަށް ޖުމްލަ 10,000 ރުފިޔާގެ ފައިސާގެ އިނާމުގެ ޕްރައިޒް ޕޫލެއް ވަނީ ކަނޑައަޅައިފައި ކަމަށް ދިރާގުން ވަނީ ބުނެފައެވެ. އަދި މުބާރާތުގެ ފޯރިގަދަ މެޗުތައް ދިރާގު ގޭމާސް ގިލްޑްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ބަލައިލެވޭނެ ކަމަށްވެސް ދިރާގުން ވަނީ ބުނެފައެވެ.
އަދި، މި މުބާރާތުގެ ތެރެއިން ހޮވާލެވޭ 16 ޓީމަކަށް ޑީއެމްޖީސީ 2026 ގައި ބައިވެރިވުމުގެ ފުރުސަތު ލިބި ޖުމްލަ 30،000 ރުފިޔާގެ ޕްރައިޒް ޕޫލަކުން އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ޑީޖީޖީއިން އިންތިޒާމުކޮށްގެން ބާއްވާ ޑީއެމްޖީސީއަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އެއް ތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތެވެ. އެ ގޮތުން މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު، މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ޖުމްލަ 150,000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމަކާއެކުގައި ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
މި އަހަރުގެ ޑީއެމްޖީސީގައި ވެސް މޮބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ކުޅޭ އެކި ގޭމްތައް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި ޕަބްޖީ މޮބައިލްގެ އިތުރުން މޮބައިލް ލެޖެންޑްސް، ބޭންގް ބޭންގް، ރޮކެޓް ލީގު، އެފްސީ26 އަދި ޓެކެން އެއިޓް ހިމެނެއެވެ.
ދިރާގުން ވަނީ ކުޅުންތެރިންނަށް ފައިސާގެ އިނާމު ހޯދުމުގެ އިތުރުން، ކޮލިފަޔާތަކުން ކުރި ހޯދައިގެން ޑީއެމްޖީސީގެ މެއިން އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަަމަށް ބުނެފައެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމަށްވާ ޑީޖީޖީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އާއި ގޭމިން ކޮމިއުނިޓީ ބާރުވެރިކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.