އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ދެމެދުގައި ބާއްވާ ތިންވަނަ ސްޓްރެޓީޖިކް ޑައިލޮގް އިނގިރޭސިވިލާތުގެ ލަންޑަނުގައި ބާއްވައިފިއެވެ.
އިއްޔެ ކުރިއަށްދިޔަ މި މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނެވީ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދެވެ. އިނގިރޭސިވިލާތުގެ ފަރާތުން އިސްކޮށް ހުންނެވީ އެ ގައުމުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ޑިރެކްޓާ ފޯ ސައުތު އޭޝިއާ އެންޑް އަފްޣާނިސްތާން ލޯރާ ބޯފިލްސްއެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ގަވާއިދުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވެފައެވެ.
މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ. މީގެ ތެރޭގައި ދިފާއީ ގުޅުން ބަދަހިކުރުމާއި، ކަނޑުމަތީގެ ސަލާމަތާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުން ހިމެނެއެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނިގޮތުގައި ފުލުހުންނާއި ދިފާއީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ފަންނީ އެހީތެރިކަމާއި ތަމްރީނު ދިނުމަށް އިނގިރޭސިވިލާތުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. މީގެ އިތުރުން، ޖިނާއީ އަދުލުގެ ނިޒާމު އިސްލާހުކުރުމާއި، ޝަރުއީ ދާއިރާގެ މިނިވަންކަމާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ދެ ގައުމުގެ އިސް އޮފިޝަލުން ވަނީ މަޝްވަރާކުރައްވާފައެވެ.
އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދައްކަމުން، ރާއްޖެއިން އެކްސްޕޯޓުކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޑިއުޓީ އިނގިރޭސިވިލާތުން ކަނޑާލާފައިވާތީ ރާއްޖެއިން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. އިނގިރޭސިވިލާތުން މި ޑިއުޓީ ކަނޑާލާފައިވަނީ 20 މެއި 2026 އިން ފެށިގެން 31 ޑިސެންބަރު 2028 ގެ ނިޔަލަށެވެ. މަސްވެރިކަމާއި، ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައިގެ އިތުރުން މާލީ ހިދުމަތްތަކުގެ ދާއިރާއިން ގުޅުން ފުޅާކުރުމަށްވެސް މި ޑައިލޮގްގައި ވަނީ މަޝްވަރާކޮށްފައެވެ. ފަތުރުވެރިކަމަށް ބަލާއިރު، މިދިޔަ އަހަރު އިނގިރޭސިވިލާތުން ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ދެ ގައުމުން ވަނީ ފާހަގަކޮށްފައެވެ.
ތައުލީމީ ދާއިރާއިން މީހުން ބިނާކުރުމަކީ ދެ ގައުމުގެ ގުޅުމުގެ މުހިންމު ތަނބެއްކަން ފާހަގަކޮށް، ޗީވްނިން އަދި ކޮމަންވެލްތު ސްކޮލާޝިޕްގެ ދައުރު ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ. އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމްގެ ދަށުން ކަނޑުތައް ހިމާޔަތްކުރުމަށާއި، ކުރިއަށް އޮތް ކޮޕް31 ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ގުޅިގެން މަސައްކަތްކުރުމަށްވެސް ވަނީ ނިންމާފައެވެ. މި މަޝްވަރާތައް ނިންމާލާފައިވަނީ، ކޮންމެ އަހަރަކުވެސް ސްޓްރެޓީޖިކް ޑައިލޮގް ކުރިއަށް ގެންދިއުމަށާއި، އދ. އަދި ކޮމަންވެލްތު ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވަމުންނެވެ.