އެކައުންޓް އެކްޓިވޭޓް ކުރުމަށް އެމްއައިބީގެ ތިން ބްރާންޗެއް މާދަމާ ހުޅުވަން ނިންމައިފި

އެމްއައިބީގެ ސްޓާފަކު ކަސްޓަމަރުންނަށް ޚިދުމަތް ދެނީ-- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ތިން ބްރާންޗެއް މާދަމާ ހުޅުވާފައި ބެހެއްޓުމަށް އެ ބޭންކުން ނިންމައިފިއެވެ.

އެ ބޭންކުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މާދަމާ މި ތަންތަން ހުޅުވަނީ ކަސްޓަމަރުންނަށް އެކައުންޓް އެކްޓިވޭޓް ކުރުމާއި އޮންބޯޑިންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

ބޭންކުގެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި ޚާއްސަ ދުވަހު ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ. މި ވަގުތުތަކުގައި ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ ތިން ތަނަކުން އިންތިޒާމުތައް ހަމަޖައްސާފައިވާނެ ކަމަށް އެމްއައިބީން މައުލޫމާތުދެއެވެ.

އެގޮތުން ޚިދުމަތް ލިބޭނެ ތަންތަނުގެ ތެރޭގައި މެދުޒިޔާރަތް މަގުގައި ހުންނަ އެމްއައިބީގެ ހެޑް އޮފީހާއި، އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ އެމްއައިބީ ރީޓެއިލް ބޭންކިން ބްރާންޗް ހިމެނެއެވެ. މީގެ އިތުރުން، އެމްއައިބީ ހުޅުމާލެ ބްރާންޗުން ވެސް މި ވަގުތުތަކުގައި ކަސްޓަމަރުންނަށް ޚިދުމަތް ލިބޭނެ ކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ.

ބަންދު ދުވަހެއްގައި މި ބްރާންޗުތައް ހުޅުވުމުގެ މައިގަނޑު ބޭނުމަކީ، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކައުންޓް ހުޅުވުމާއި އެކްޓިވޭޓް ކުރުމުގެ ކަންކަން ފުރިހަމަކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް