މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރަޒާކްގެ ޖަލު ހުކުމުގެ ބާކީ އޮތް ބައި ގޭބަންދުގައި ފުރިހަމަކުރެއްވުމުގެ ހުއްދަ، އެ ގައުމުގެ ރަސްގެފާނު ސުލްތާން އިބްރާހީމް މިއަދު ދެއްވައިފިއެވެ.
މެލޭޝިއާގެ ދައުލަތުގެ ނޫސް އެޖެންސީ، ބަރްނާމާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ އިސްތާނާ ނެގާރާގައި ބޭއްވި ފެޑެރަލް ޓެރިޓަރީސް (ކުއާލަލަމްޕޫރު، ލަބުއާން އަދި ޕުޓްރަޖާޔާ) ގެ ޕާޑަންސް ބޯޑުގެ 64 ވަނަ ބައްދަލުވުމުގައެވެ. ރަސްގެފާނު ނަޖީބަށް މައާފުދެއްވީ ޝަރުތުތަކަކާއެކުގައެވެ. އެގޮތުން، 50 މިލިއަން މެލޭޝިއަން ރިންގިޓް (12.3 މިލިއަން ޑޮލަރު) ގެ ޖޫރިމަނާއެއް ދެއްކުމަށް ވަނީ އަންގާފައެވެ. އަދި މި އަމުރުގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ، ދެއްވާފައިވާ މައާފު ބާތިލުކުރެވޭނެ ކަމަށްވެސް އަންގާފައިވެއެވެ.
އުމުރުން 73 އަހަރުގެ ނަޖީބު ގެންދަވަނީ 23 އޮގަސްޓް 2022 އިން ފެށިގެން ކަޖަންގް ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުންނެވެ. އޭނާ ޖަލަށް ލާފައިވަނީ، މެލޭޝިއާގެ ދައުލަތުގެ އިންވެސްޓްމަންޓް ފަންޑު، ވަންއެމްޑީބީގެ ކުރީގެ ގޮތްޕެއް ކަމަށްވާ އެސްއާރްސީ އިންޓަނޭޝަނަލްއާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއްގައި އިއްވި ހުކުމަށް އެ ގައުމުގެ ފެޑެރަލް ކޯޓުން ތާއީދުކުރުމާ ގުޅިގެންނެވެ.
ވަންއެމްޑީބީގެ ކޮރަޕްޝަނުގެ ބޮޑު މައްސަލައިގެ ތެރޭގައި ހިމެނޭ މި މައްސަލައިގައި، އެސްއާރްސީ އިންޓަނޭޝަނަލްއިން ނަޖީބުގެ އަމިއްލަ އެކައުންޓުތަކަށް 42 މިލިއަން ރިންގިޓް (10.3 މިލިއަން ޑޮލަރު) ޖަމާކުރިކަން ވަނީ ސާބިތުވެފައެވެ. މީގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، ޚިޔާނާތްތެރިވުމާއި، މަނީ ލޯންޑަރިންގެ ހަތް ދައުވާއެއް ހިމެނެއެވެ.
މި ކުށްތައް ސާބިތުވެ 2020 ވަނަ އަހަރު އޭނާގެ މައްޗަށް ފުރަތަމަ އިއްވީ 12 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް، 2024 ވަނަ އަހަރު ކުރީގެ ރަސްގެފާނުގެ ޕާޑަންސް ބޯޑުން ވަނީ އެ ހުކުމް ހަ އަހަރަށް ކުޑަކޮށްދެއްވާފައެވެ. މި ބަދަލާއެކު، ނަޖީބުގެ ހުކުމުގެ މުއްދަތު ހަމަވާނީ 23 އޮގަސްޓް 2028 އަށެވެ.