ދަނޑުމަތީގައި ނިއުގެ އެސިސްޓަންޓު ކޯޗަށް ހަމަލާދިން މައްސަލަ ނިއުއިން ކުށްވެރިކޮށްފި

ނިއުގެ އެސިސްޓެންޓް ކޯޗު ލޫސިއާނޯ ސީކުއެއިރާ ބާބޯސާއަށް ހަމަލާ ދިނުމުން އަނިޔާވެފައި---

​ދިވެހި ޕްރިމިއާ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ރޭ ބައްދަލުކުރި މެޗުގެ ތެރެއިން، ނިއުރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗަށް މާޒިޔާގެ އެސިސްޓެންޓް ކޯޗު ހަމަލާދިން ކަމަށް ބުނާ މައްސަލަ ނިއުރޭޑިއަންޓުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން ނިއުރޭޑިއަންޓުން ވަނީ ރަސްމީ ބަޔާނެއް ނެރެފައެވެ.

މެޗުގެ އެންމެ ފަހުވަގުތު މާޒިޔާ އަތުން ނިއު މޮޅުވި މެޗުގެ 76 ވަނަ މިނިޓުގައި ހިނގި މި ހަމަނުޖެހުމުގައި، މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރު ވަނީ ނިއުރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗު ލޫސިއާނޯ ސީކުއެއިރާ ބާބޯސާގެ މޫނުމައްޗަށް ހަމަލާދީފައި ކަމަށް ނިއުއިން ބުނެއެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

​މި ހަމަލާއާ ގުޅިގެން ނިއު ރޭޑިއަންޓުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޖިސްމާނީ ގޮތުން ދޭ މިފަދަ ހަމަލާތަކަކީ ފުޓްބޯޅައިގައި އެއްވެސް ޖާގައެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ އަމަލުތަކަކީ ކުޅިވަރުގެ އަގުތަކާއި، ސަލާމަތާއި ރައްކާތެރިކަމަށް ސީދާ ގޮތުން ހުރަސްއެޅޭ ކަންކަން ކަމަށްވެސް ނިއުރޭޑިއަންޓުން ފާހަގަކޮށްފައިވެއެވެ.

​ނިއުރޭޑިއަންޓުން ބުނި ގޮތުގައި، މި މައްސަލަ ވަނީ ރަސްމީކޮށް ޑިސިޕްލިނަރީ އިދާރާތަކަށް ހުށަހަޅައި ހެކިތައް ހިއްސާކޮށްފައެވެ. އަދި ދަނޑުމަތީގައި ތިބޭ ކުޅުންތެރިންނާއި، އޮފިޝަލުންނާއި، ސްޓާފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން މި މައްސަލަ ވަގުތުން އަދި ފުރިހަމައަށް ބަލައި ސުޒޭރުއާ ދެކޮޅަށް ހަރުކަށި ޑިސިޕްލިނަރީ ފިޔަވަޅު އަޅާނެ ކަމަށް އެ ޓީމުން އުންމީދުކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

​ނިއުރޭޑިއަންޓުން ވަނީ އެސިސްޓެންޓް ކޯޗު ލޫސިއާނޯ ސީކުއެއިރާ ބާބޯސާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ޓީމުގެ އެންމެހާ ސްޓާފުންނާއި، ކުޅުންތެރިން އަދި ސަޕޯޓަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ކްލަބުގެ އެންމެ ބޮޑު އިސްކަންދޭ ކަންތައް ކަމަށް ބުނެފައެވެ.

ހަމަލާދިން ކޯޗު ސުޒޭރުއަށް ރެފްރީ ވަނީ މެޗުގެ 77 ވަނަ މިނިޓުގައި ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ އިތުރު ވަގުތުގެ ތެރޭގައި ބްރެޒިލް ފޯވާޑް ޑޮރިއެލްޓަން ގޯމޭސް (ޑޯރީ) ޖެހި ލަނޑާއެކު 3-2 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މާޒިޔާގެ ދެ ސީޒަންވީ ބަލިނުވުމުގެ ރެކޯޑު ވަނީ ނިމުމަކަށް ގެނެސްފައެވެ.

ޖެހިޖެހިގެން ފަސް ފަހަރު ލީގު ހޯދާފައިވާ މާޒިޔާ ލީގު މެޗަކުން އެންމެ ފަހުން ބަލިވެފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ކުލަބު އީގަލްސް އަތުންނެވެ. ނިއު އިން ވަނީ މި ސީޒަނުގެ މިހާތަނަށް އެތަކެއް ފަހަރު މަތިން މާޒިޔާ ބަލިކުރަން މަސައްކަތް ކޮށްފައެވެ.

comment ކޮމެންޓް