ވެރިކަން ކުރާ ޕީއެންސީގެ މަގާމުތަކަށް އިންތިޚާބުވި، ބޭފުޅުން މިއަދު މަގާމުގެ ހުވާ ކުރައްވައިފިއެވެ.
ޕީއެންސީގެ މަތީ މަޖިލީހުގެ މިއަދުގެ ސެޝަނުގައި ވަނީ މިހާރު ކުރިއަށް ދާ އެ ޕާޓީގެ ކޮންގްރެސްގައި އިސް މަގާމުތަކަށް އިންތިޚާބުވި ބޭފުޅުން ހުވާ ކުރައްވައިފައެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި އެ ސެޝަންގައި ހުވާކުރެއްވި ބޭފުޅުންގެ ތެރޭގައި، ޕާޓީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ޕީޖީ ލީޑަރު އިބްރާހީމް ފަލާހާއި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފު ހިމެނިވަޑައިގަންނަވައެވެ.
ޕީއެންސީގެ ނައިބު ރައީސުންނާއި މިނިސްޓަރުންނާއި މިނިސްޓަރު ފެންވަރުގެ މަގާމުތަކުން ޕާޓީގެ ލީޑާޝިޕަށް އައްޔަންކުރެއްވި ބޭފުޅުންނާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ސީއީއޯއިންނާއި ޕީއެންސީގެ މަތީ މަޖިލީހަށް އިންތިޚާބުވި އަންހެން މެމްބަރުން ވެސް ވަނީ ހުވާ ކުރައްވައިފައެވެ.
ޕީއެންސީގެ ނައިބުރައީސް ކަމަށް އިންތިޚާބުވި ބޭފުޅުން ---- ފޮޓޯ/ ޕީއެންސީއަދި ޕާޓީގެ އިދާރީ މަގާމުތަކުގެ ބޭފުޅުންނާއި ދާއިރާތަކުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މަގާމުތަކުގެ ބޭފުޅުން މި ސެޝަންގައި ވަނީ ހުވާކުރައްވާފައެވެ.
މި ބޭފުޅުންނަށް ހުވާލައިދެއްވީ، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނެވެ.
ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެ ޕާޓީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ޕީޕީއެމްގެ ތެރެއިން އުފަންވި "ކޯލިޝަން" ޕާޓީއެކެވެ.
ޕީއެންސީގެ ކޮންގްރެސްގައި އިއްޔެ ވަނީ ޕްރައިމަރީއަކާ ނުލައި 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒަށް އެރުވުމަށް ވެސް ފާސްކޮށްފައެވެ.