ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް ދެއްކީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެނެއް ނޫން ކަމަށާއި، އެއީ ދުރާލާ އެކަމަށް ތައްޔާރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ދެއްކި ދަރަންޏެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އެފަދައިން ބުނީ 20 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާއިން ކަމަށް ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.
އެ މިނިސްޓްރީން ބުނީ މި ޓީ-ބިލް އަނބުރާ ދައްކާފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ. އަދި އެސްބީއައި މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައި ވަނީ ދުރާލާ އެކަމަށް ތައްޔާރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހަމައެއާއެކު އިއްޔެއަށް މުއްދަތު ހަމަވި 50 މިލިއަން ޓީ-ބިލް ކަނޑައެޅިފައިވާ ތާރީޚަށް ދައްކައި ޚަލާސްކުރާނެ ކަމަށް މި އަހަރުގެ މެއި މަހުގެ 11 ގައި ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރެއްވިކަން ވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ.
މިއީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން 2019 ވަނަ އަހަރު އެސްބީއައި މެދުވެރިކޮށް ނަގާފައިވާ ދަރަންޏެވެ.
ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ދީފައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އޮގަސްޓުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ. އެހެންކަމުން، ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ސަރުކާރުން އެހެން ބުނެފައި އެވަނީ އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު އިއްޔެ ދެއްކުމާއެކު ރާއްޖޭގެ ރިޒާވަށް ބޮޑު ދަތިތަކެއް ކުރިމަތި ވެފައިވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވުމާ ގުޅިގެންނެވެ.