އުމްރާއަށް ދިޔަ މީހެއްގެ ގޭގެ ތިޖޫރީން 3 ލައްކަ ރުފިޔާ ވަގަށް ނެގުން: 2 މީހަކަށް 2 އަހަރެއްހާ ދުވަހުގެ ޖަލު ހުކުމް

ކްރިމިނަލް ކޯޓު: އުމްރާއަށް ދިޔަ މީހެއްގެ ގޭގެ ތިޖޫރީން 3 ލައްކަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ދެ މީހަކަށް ދެ އަހަރެއްހާ ދުވަހުގެ ޖަލު ހުކުމްވަނީ ކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

މާލޭގެ ގެއަކުން ގިނަ އަދަދެއްގެ ފައިސާއާއި އެމެރިކާ ޑޮލަރު ވަގަށް ނެގި މައްސަލައިގައި ދައުވާކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވެ، އެ ދެ މީހުން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުވާކޮށް ހުކުމްކޮށްފައިވަނީ މ. ކޮޅުފުށި / އާހިޔާ، މުޙައްމަދު ފިރުނާސް އާއި މ. ދިއްގަރު / އަޒުމް، އަޙްމަދު އަސްޢަދުގެ މައްޗަށެވެ. މި މައްސަލަތައް ބައްލަވައި ހުކުމް ކުރެއްވީ ގާޟީ މުޒައްމިލު ނާޞިރެވެ.

މި ހާދިސާ ހިނގާފައިވަނީ ޑިސެންބަރު 30، 2022ގެ ދަންވަރުގެ ވަގުތެއްގައެވެ. އެގޮތުން، މާލޭގެ މ. ގެދަ، 10 ވަނަ ފަންގިފިލާގެ އެޕާޓްމަންޓްގެ ވެރިފަރާތް ޢުމްރާގެ އަޅުކަމަށް މައްކާއަށް ގޮސް ހުއްޓައި، އެ އެޕާޓްމަންޓުގެ މައިދޮރާއި ކޮޓަރީގެ ދޮރު މަތާލައިގެން ވަދެ، އަލަމާރި ތެރޭގައި ހުރި ތިޖޫރި ފަޅާލައިގެން 300,000 ދިވެހި ރުފިޔާއާއި 10,000 އެމެރިކާ ޑޮލަރު ވަނީ ވަގަށް ނަގާފައެވެ.

މި މައްސަލައިގައި ހިމެނޭ މުޙައްމަދު ފިރުނާސް ހައްޔަރުކޮށްފައިވަނީ ގެސްޓްހައުސްއެއްގެ ކޮޓަރިއަކުންނެވެ. އެ ކޮޓަރީގެ ފާޚާނާ ސީލިންގު ތެރޭގައި ފޮރުވާފައި ހުރި 200,000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 10,000 އެމެރިކާ ޑޮލަރު ފުލުހުން ވަނީ ހޯދާފައެވެ.

މުޙައްމަދު ފިރުނާސްގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާވެސް ސާބިތުވާކަމަށް ކޯޓުން ވަނީ ނިންމާފައެވެ. އެއީ، ވައްކަން ކުރުމާއި، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށާއި މުދަލަށް ގެއްލުން ދިނުމުގެ ކުށެވެ.

ވައްކަންކުރުމުގެ މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދުގައި ހޭދަކުރި އެއް އަހަރާއި 21 ދުވަސް އުނިކުރުމަށްފަހު، ފިރުނާސް ތަންފީޒު ކުރަންޖެހޭ އަދަބަކީ ހަ މަހާއި 15 ދުވަހުގެ ޖަލު އަދަބެކެވެ. އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ އަދަބެއްގެ ގޮތުން ކަނޑައެޅުނީ ދެ މަހާއި 12 ދުވަހުގެ ޖަލު އަދަބެކެވެ. އަދި މުދަލަށް ގެއްލުންދިނުމުގެ ކުށުގެ އަދަބެއްގެ ގޮތުން ކަނޑައެޅުނީ ނުވަ ދުވަހުގެ ޖަލު އަދަބެކެވެ.

މި މައްސަލައިގައި ހިމެނޭ އަސްޢަދުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ވެސް ސާބިތުވާކަމަށް ކޯޓުން ވަނީ ނިންމާފައެވެ. އެއީ ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށެވެ.

އަސްޢަދަކީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވައްކަމުގެ އިތުރު މައްސަލައެއް ސާބިތުވެފައިވާ މީހަކަށްވާތީ، ގާނޫނުލްއުގޫބާތުގެ ދަށުން އަދަބު އެއް ދަރަޖަ މަތިކޮށް ދެ އަހަރުގެ ޖަލު އަދަބެއް ކަނޑައެޅުނެވެ. އަދި ބަންދުގައި ހޭދަކުރި 60 ދުވަސް އުނިކުރުމަށްފަހު، އޭނާ ތަންފީޒު ކުރަންޖެހޭ އަދަބަކީ އެއް އަހަރާއި 10 މަސް ދުވަހުގެ ޖަލު އަދަބެކެވެ.

އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާގައި، ކުރީގެ ކުށުގެ ރެކޯޑަށް ބަލައި އަދަބު މަތިކުރުމަށްފަހު، އެއް ހާދިސާއެއްގައި ގިނަ ދައުވާތަކެއް ކުރެވިފައިވާތީ އަދަބު ކުޑަކޮށް، މި ކުށަށް އޭނާގެ މައްޗަށް އިއްވީ ތިން މަސް ދުވަހުގެ ޖަލު އަދަބެކެވެ.

ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގައި ސީސީޓީވީ ފުޓޭޖުތަކާއި، ވީޑިއޯ އެނާލިސިސް ރިޕޯޓުތަކާއި، ފުލުހުންގެ ހެކިބަހަށް ރިއާޔަތްކޮށް، ދައުލަތުން ހުށަހެޅި ދައުވާތައް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށް ނިންމައި، މައްސަލަތައް ނިންމާފައެވެ.

comment ކޮމެންޓް