ރައީސް އޮފީހުގެ ޕްރެސްތަކަށް "އަދަދު"ގެ ނޫސްވެރިން ނުވައްދާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި

އަދަދުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ހުސައިން ފިޔާޒް މޫސާ ފުލުހުންގެ ތަހުގީގަށް ހާޒިރުވަނީ: ރައީސް އޮފީހުގެ ޕްރެސްތަކަށް "އަދަދު"ގެ ނޫސްވެރިން ނުވައްދާ މައްސަލަ ސިވިލް ކޯޓަށް ވަނީ ހުށަހަޅައިފައި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް 'އަދަދު' ނޫހުގެ ނޫސްވެރިން ވަނުން މަނާކޮށްފައިވާތީ، އެ ނޫހުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އަދަދު ނޫހުގެ މީސްމީޑިއާ އެކައުންޓަކުން ދައުރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިންގަމުންދާ ކަމަށް ރިއާޔަތްކޮށް، އެކަމާ ގުޅުންހުރި މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި އެ ނޫހުގެ ނޫސްވެރިން ރައީސް އޮފީހަށް ނުވެއްދުމަށް ނިންމައިފައިވާކަން ރައީސް އޮފީހުން އެންގީ މިދިޔަ މެއި މަހުގެ 11ގައެވެ.

އެ މައްސަލައާ ގުޅިގެން އަދަދު ނޫހުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، ރައީސް އޮފީހުން އަޅައިފައިވާ ފިޔަވަޅަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ މިނިވަންކަން ނިގުޅައިގެންފައިވާ ފިޔަވަޅެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ. އަދި އެ ހައްގުތައް ހިފަހައްޓައިފައިވަނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ވެސް ދައުވާގައި ބުނެފައިވެއެވެ.

https://sun.mv/221851

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނުވައްދަން ނިންމިކަން އިއުލާންކޮށް އެ އޮފީހުން މިދިޔަ މެއި މަހުގެ 11ގައި މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މީސްމީޑިއާ ދައުރުކޮށްފައިވާ ވީޑިއޯ މައްސަލަ ކްރިމިނަލް ކޯޓާއި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ކޮމިޝަނުން ވެސް ބަލަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހަމައެއާއެކު އެ ދުވަހު ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައާ ގުޅިގެން ކުރި އަމުރާ ޚިލާފަށް އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އަމަލުކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އެހެންކަމުން "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ 13 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، އެ މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި، އެ އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް އަދަދު ނޫހާއި އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް ހުއްދަ ދޫނުކުރުމަށް ނިންމައިފައިވާކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

https://sun.mv/226522

ފާހަގަކޮށްލެވޭ ގޮތުގައި، މެއި 11ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޯޓު އަމުރަކާ ޚިލާފަށް ސުވާލުކުރި ކަމަށް ބުނެ އަދަދުގެ ނޫސްވެރިޔާ ވަނީ އެ ބައްދަލުވުމުން ނެރެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި "އަދަދު" ނޫހުގެ ކޮންޓެންޓެއްގެ މައްސަލައިގައި މިދިޔަ އޭޕްރިލް މަހުގެ 27ވަނަ ފުލުހުން ވަނީ އެ ނޫހުގެ އޮފީހަށް ވަދެ، ބައެއް ތަކެތި ހިފަހައްޓައިފައެވެ. އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވަނީ ފުލުހުންގެ ތަހުގީގު ނުނިމޭތީ އަދަދު ނޫހުގެ އޮފީހުން ނެގި ބައެއް ސާމާނު ހަވާލުކުރެވެން ނެތް ކަމަށް ނިންމައިފައިވާކަން މިދިޔަ މަހުގެ 25ގައި ހާމަކޮށްފައެވެ.

comment ކޮމެންޓް