ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، "ހޯޕް އެންޑް ހާޑް ވަރކް"ގެ ނަމުގައި މީޑިއާ އެންޑް އެންޓަޓެއިންމަންޓް އުފެއްދުންތަކަށް ހާއްސަ ކުންފުންޏެއް އިފްތިތާހު ކުރައްވައިފިއެވެ.
މި ކުންފުންޏަށް ދީފައިވާ ނަމަކީ، 2013 ވަނަ އަހަރު ލިބަރަލް ޕާޓީގެ ލީޑަރުކަމާ އޭނާ ހަވާލުވެވަޑައިގަތުމަށްފަހު އަދި 2015 އިން 2025އަށް ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ނުވަ އަހަރުގެ ތެރޭގައި ތަގުރީރުތަކުގައި ގަވާއިދުން ބޭނުންކުރެއްވި މަޝްހޫރު އިބާރާތެކެވެ.
އަލަށް އާންމުކުރި ވެބްސައިޓުގައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ކުންފުނީގެ މައިގަނޑު އަމާޒަކީ ފިލްމު، ޓީވީ، އޯޑިއޯ އަދި ލައިވް ހަރަކާތްތަކުގެ ޒަރީއާއިން އެކަކު އަނެކަކު ދެނެގަނެ، ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ ފަދަ ވާހަކަތަކެއް ގެނެސްދީގެން އެކަކު އަނެކަކަށް ގުޅުވައިދިނުމަށް އެހީތެރިވުމެވެ.
ޓްރޫޑޯ މި ކުންފުނި އުފައްދަވާފައިވަނީ އޭނާގެ އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން ޗީފް އޮފް ސްޓާފްގެ މަގާމު ފުރައްވަވާފައިވާ ކޭޓީ ޓެލްފޯޑާ ގުޅިގެންނެވެ. މި ކުންފުނި އިފްތިތާހުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ފެށުނު އަދި މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލާ ދިމާކޮށެވެ.
ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ލޯބިވެރިޔާ ކޭޓީ ޕެރީއާ އެކު--ފޮޓޯ/ވެރައިޓީއުމުރުފުޅުން 54 އަހަރުގެ ޓްރޫޑޯ މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުއެވެ. އެއީ ކުރިއަށް އޮތް އިންތިޚާބާ ކުރިމަތިލާއިރު ޕާޓީގެ މަގުބޫލުކަން ދަށްވަމުންދާތީ، ގާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ފަރާތުން ކުރިމަތިވި ބޮޑެތި ޕްރެޝަރުތަކާ ގުޅިގެންނެވެ. އޭނާއަށްފަހު ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ ލިބަރަލް ޕާޓީގެ ސިޔާސީ ބޭފުޅެއް ކަމަށްވާ މާކް ކާނީއެވެ.
މަގާމުން ވަކިވެވަޑައިގަތުމަށްފަހު ޓްރޫޑޯ އާންމުންގެ ކުރިމައްޗަށް ނުކުމެވަޑައިގަތުން މަދުކުރެއްވި ނަމަވެސް، ސުވިޒަލޭންޑުގެ ދާވޯސްގައި ބޭއްވި ވާލްޑް އިކޮނޮމިކް ފޯރަމް ފަދަ ބައެއް ބައްދަލުވުންތަކުގައި ތަގުރީރު ކުރައްވާފައިވެއެވެ. މީގެ އިތުރުން، އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީއާއެކު އޮތް ލޯބީގެ ގުޅުމުގެ ސަބަބުންވެސް ޓްރޫޑޯއަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.
މީޑިއާ އަދި މުނިފޫހިފިލުވުމުގެ ދާއިރާއަށް ޓްރޫޑޯ ވެންނެވުމަކީ، އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޯބާމާ އާއި އެކަމަނާގެ އަނބިކަނބަލުން މިޝެލް އޯބާމާ އިޚްތިޔާރު ކުރެއްވި ފަދަ މިސްރާބެކެވެ. އޯބާމާގެ ދެކަނބަލުން ވަނީ 2018 ވަނަ އަހަރު "ހަޔަ ގްރައުންޑް ޕްރޮޑަކްޝަންސް"ގެ ނަމުގައި ކުންފުންޏެއް އުފައްދަވައި، ނެޓްފްލިކްސްއަށް ފިލްމާއި ސީރީޒްތައް އުފެއްދުމަށް ގިނަ އަހަރުތަކަކަށް ދެމިގެންދާ އެއްބަސްވުމެއް އުފައްދަވާފައެވެ.