އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން އިންތިޒާމުކޮށްގެން ބޭއްވި "އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ 299 ވަނަ ސެޝަން، މޯލްޑިވްސް ޕޮލިސް ސާވިސްގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ކާމިޔާބުކަމާއެކު ފުރިހަމަކުރައްވައިފިއެވެ.
އެމެރިކާގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގޮސްފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ސެޝަންގައި އެމެރިކާގެ 44 ސްޓޭޓަކާއި ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ އިތުރުން، ދުނިޔޭގެ 28 ގައުމަކުން 29 އޮފިސަރުންނާއި، އަސްކަރިއްޔާގެ ފަސް އިދާރާއަކާއި ފެޑެރަލް ސިވިލިއަން ހަތަރު އިދާރާއެއް ހިމެނޭހެން ޖުމްލަ 265 ގާނޫނު ތަންފީޒުކުރާ އޮފިސަރުން ދަސްވެނިވިއެވެ.
https://x.com/PoliceMv/status/2101528856343511176
ގާތްގަނޑަކަށް 10 ހަފްތާގެ މުއްދަތަށް ކުރިއަށްދިޔަ މި ޚާއްސަ ޕްރޮގްރާމަކީ އެމެރިކާގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް އޮފިސަރުންގެ އިލްމީ މައުލޫމާތާއި، ލީޑަޝިޕް ހުނަރުތަކުގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ތަމްރީނު މަރުހަލާގައި ބައިވެރިން ވަނީ ގާނޫނީ ދާއިރާއާއި، ބިހޭވިއަރަލް ސައިންސް، ފޮރެންސިކް ސައިންސް، ލީޑަޝިޕް ތަރައްގީކުރުން އަދި ދުޅަހެޔޮ ސިއްހަތާއި ކުޅިވަރާ ގުޅުންހުރި މުހިންމު ދާއިރާތަކުން ތަމްރީނާއި އިރުޝާދު ހޯދާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 1972 ވަނަ އަހަރުން ފެށިގެން މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ޔުނިވަރސިޓީ އޮފް ވާޖީނިއާއިން އެކްރެޑިޓްކޮށްފައިވާ އަންޑަރގްރެޖުއޭޓް އަދި ގްރެޖުއޭޓް އެކަޑަމިކް ކްރެޑިޓް ލިބިގެންދެއެވެ.
ފުލުހުން ބުނި ގޮތުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު މި ތަމްރީނު ފުރިހަމަކުރެއްވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ލީޑަޝިޕް ހުނަރުތަކާއި، ޕްރޮފެޝަނަލް ޕޮލިސިން މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއެކު އޮންނަ ގުޅުން ވަރުގަދަކޮށް މުއައްސަސާގެ އެތެރޭގައި އިލްމާއި ތަޖުރިބާ ހިއްސާކުރުމަށް ލިބިގެންދިޔަ މުހިންމު ފުރުސަތެކެވެ.