ޓީ ޓުވެންޓީ ޕްރެޒިޑެންޓްސް ޗެލެންޖު ކަޕުގެ ޗެމްޕިއަންކަން ސީބީއެލްއަށް

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސީބީއެލް ޓީމަށް ވަޒީރު ރާފިއު ޓްރޮފީ ދެއްވަނީ-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ޓީ20 ޕްރެޒިޑެންޓްސް ޗެލެންޖް ކަޕް 2026 ގެ ފައިނަލް މެޗުގައި މާލެ ސްޕޯޓްސް ކުލަބު ބަލިކޮށް، ސީބީއެލް ސްޕޯޓްސްއިން ޗެމްޕިއަންކަން ހޯދައިފިއެވެ. އިއްޔެ ކުޅުނު ފައިނަލް މެޗު ސީބީއެލްއިން ކާމިޔާބުކުރީ 56 ލަނޑުންނެވެ.

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޗެމްޕިއަން ޓީމަށް މެޑެއްޔާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

މި މެޗުގެ ގުރު ދިމާވުމުން ސީބީއެލް އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 185 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 50 ބޯޅައިން 80 ލަނޑު ހެދި ތަރަކަ ރުވާންއެވެ. މީގެ އިތުރުން ޓީމުގެ ކެޕްޓަން އަޝާން ޔަޕަން 36 ބޯޅައިން 49 ލަނޑު އެއްކުރިއިރު، އާދަމް ނާސިފް އުމަރު ވަނީ 17 ބޯޅައިން 27 ލަނޑު ހަދާފައެވެ.

ޖަވާބުގައި މާލެ ސްޕޯޓްސް ކުޅެން އަރައި 20 އޯވަރު ހަމަވިއިރު، ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 127 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 23 ބޯޅައިން 34 ލަނޑު ހެދި އިސްމާޢީލް ޢަލީ އާއި، 20 ބޯޅައިން 25 ލަނޑު އެއްކުރި މުޙައްމަދު ރިޝްވާނެވެ.

ޓީ20 ޕްރެޒިޑެންޓްސް ޗެލެންޖް ކަޕުގައި ވާދަކޮށްފައިވަނީ މޯލްޑިވްސް ޕްރިމިއަރ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެއީ ޕްރިމިއަރ ލީގުގެ ޗެމްޕިއަން މާލެ ސްޕޯޓްސްގެ އިތުރުން، ސީބީއެލް ސްޕޯޓްސް، އަނަކީ ސްޕޯޓްސް ކުލަބު އަދި ނިއު ސްޓަރއެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު އެސްއެސްޓީވީން ވަނީ ވަގުތުން ގެނެސްދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު