ތުހުމަތުތަކަށް ސައުދު: މަސައްކަތް ކުރީ ގަވައިދުގެ ތެރެއިން، ދައުވާ ކުރިޔަސް ޖެހިލުމެއް ނުވޭ

ތިނަދޫގެ މޭޔަރު ކައްކާ ގޭސް ވިޔަފާރިއަކަށް ތިނަދޫއިން ނާޖާއިޒު ގޮތުގައި ބިން ދިން މައްސަލައިގައި މޭޔަރާއި 3 ކައުންސިލަރަކަށް ދައުވާކުރަން ވަނީ ފޮނުވައިފަ -- ފޮޓޯ/ ތިނަދޫ ކައުންސިލް

ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް އަމިއްލަ ކުންފުންޏަކަށް ތިނަދޫ ސިޓީން ބިމެއް ދިން މައްސަލައިގައި އަމަލު ކުރައްވައިފައި ވަނީ ގަވައިދުގެ ތެރެއިން ކަމަށާއި، އެ މައްސަލައާ ގުޅިގެން ދައުވާ ކުރިޔަސް ޖެހިލުމެއް ނުވާ ކަމަށް އެ ސިޓީގެ މޭޔަރު ސައުދު އަލީ މިރޭ ވިދާޅުވެއްޖެއެވެ.

ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް އަމިއްލަ ކުންފުންޏަކަށް ގަވާއިދާ ޚިލާފަށް ބިން ދޫކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި، ގދ. ތިނަދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ރައީސް (މޭޔަރު ސައުދު އަލީ) އާއި އިތުރު ތިން މެންބަރެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މި މަހުގެ 10 ވަނަ ދުވަހު ނިންމާފައެވެ.

ދައުވާ ކުރުމަށް ފޮނުވާފައިވާ ކައުންސިލް މެންބަރުންނަކީ އާމިނަތު ނަސީމާ، އަހުމީމާ އަހުމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރުއެވެ. އެ ފަރާތްތަކުގެ މައްޗަށް ކުރުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

އޭސީސީން ބުނެފައިވަނީ، ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދުގައި ބީލަމަށް ހުޅުވާނުލައި ސިނާއީ ނުވަތަ ވިޔަފާރީގެ ބޭނުމަށް ބިން ދޫނުކުރެވޭނެކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ.

އެހެން ނަމަވެސް، ތިނަދޫ ކައުންސިލްގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި އެ ކުންފުންޏަށް އިއުލާން ކުރުމަކާ ނުލައި ބިން ދޫކުރަން ނިންމައި، ނޮވެންބަރު 1، 2023 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން 2000 އަކަފޫޓުގެ ތިން ބިން ނާޖާއިޒު ގޮތުގައި ދޫކޮށްފައިވާ ކަމަށް އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

https://sun.mv/227763

މި ތުހުމަތުތައް ދޮގުކުރައްވަމުން މޭޔަރު ސައުދު "ސަން" އަށް ވިދާޅުވީ، އޭސީސީން ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށާއި އަމިއްލަ ކުންފުންޏަކަށް ގަވާއިދާ ޚިލާފަށް ބިން ދޫކޮށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައި ނުވާނެ ކަމަށެވެ. އަދި ސަރުކާރަށް ރައްޔިތުންނަށް ކައްކާ ގޭސް ފޯރުކޮށްނުދެވުނު ކަމަށް ތުހުމަތު ކުރައްވައި އޭނާ ވަނީ، ގަވާއިދުގެ ތެރެއިން އެ އިންތިޒާމު ހަމަޖެއްސުމުން ކޮމިޝަންތަކަށް މައްސަލަ ހުށަހަޅަނީ ކަމަށް ވެސް ތުހުމަތުކުރައްވައިފައެވެ.

މީގެ އިތުރުން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ގަވާއިދާ އެއްގޮތަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް އެފަދަ ކަންކަމަށް ފަސްނުޖެހޭނެ ކަމަށާއި، ދައުވާތަކާ މެދު ވެސް ޖެހިލުން ނުވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

https://www.sun.mv/226822

ފާހަގަކޮށްލެވޭ ގޮތުގައި، ސިޓީއެއްގެ ގޮތުގައި ތިނަދޫ ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޕްރޮސެކިއުޓަރު ޖެނެރަލުގެ އޮފީހުން ވަނީ ސަޢުދުގެ މައްޗަށް ދެ ދައުވާއެއްކޮށްފައިވާކަން މި މަހުގެ އެއްވަނަ ދުވަހު ހާމަކޮށްފައެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިއުމެއް ދިނުމުގެ ދައުވާއާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ ސަޢުދަށް ގިނަވެގެން ދެ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެ މައްސަލައިގައި ވެސް ސައުދު ވަނީ، ސިޔާސީ ހުކުމެއް ކޮށް އޭނާ ޖަލަށް ލައިފާނެ ކަމަށާއި، ނަމަވެސް ތިނަދޫ ރައްޔިތުންގެ ހައްގުގައި ބަސް ވިދާޅުވުމުގައި އަބަދު ވެސް ދެމިހުންނަވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް