އިޒްރޭލާ ދެކޮޅަށް ނުކުޅެން އަޔަލެންޑުން އެދުނު އެދުމަށް ޔޫއެފާއިން ދެކޮޅު ހަދައި، ސިޔާސަތު ދިފާއުކޮށްފި

ޔޫއެފްއޭގެ ރައީސް އެލެކްސެންޑަ ސެފެރިން، ޔޫއެފްއޭގެ ހެޑްކުއާޓާސްގައި އައިއެފްއޭގެ ރައީސް މޯޝޭ ޒުއަރެސްއާ ބައްދަލުކުރެއްވުމުގެތެރެއިން... ފޮޓޯ/ ޔޫއެފްއޭ

މުބާރާތްތަކުގެ ގުރުއަތުލުމުގައި ވަކި ގައުމުތަކެއް އެއްކޮށް ނުލުމަށް ނިންމާ ނިންމުންތަކަކީ ސެކިއުރިޓީއަށް ބަލައި ވަކިވަކި ހާލަތްތަކަށް ރިއާޔަތްކުރުމަށްފަހު ނިންމާ ނިންމުންތަކެއް ކަމަށް ބުނެ، ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ) އިން އެ އިދާރާގެ ސިޔާސަތު ދިފާއުކޮށްފިއެވެ.

އަލް ޖަޒީރާއިން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، ޔޫއެފާއިން މިކަން ހާމަކޮށްފައިވަނީ އިސްރާއީލާ ދެކޮޅަށް ނުކުޅެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ރިޕަބްލިކް އޮފް އަޔަލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއައި) އިން އެދުނު އެދުން ބަލައިނުގަތުމާ ގުޅިގެންނެވެ.

އަޔަލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޗީފް އެގްޒެކެޓިވް ޑޭވިޑް ކޫރެލް ހުކުރު ދުވަހު ވިދާޅުވީ، ފެބުރުއަރީ މަހު ބޭއްވި ނޭޝަންސް ލީގުގެ ގުރުއަތުލުމުގައި އިޒްރޭލާ އެއް ގްރޫޕެއްގައި ހިމެނުމާ ގުޅިގެން، ކުރިއަށް އޮތް ގުރުއަތުލުންތަކުގައި ދެ ޓީމު ވަކިކޮށްދިނުމަށް ޔޫއެފާގައި އެދުނު ކަމަށެވެ.

ޔޫއެފާ އަދި އިޒްރޭލްގެ ދިދަ.... ފޮޓޯ/ ރޮއިޓަސް

ނަމަވެސް، އަޔަލެންޑާއި އިޒްރޭލަކީ ސީދާ އަސްކަރީ ހަމަނުޖެހުމެއްގައި އުޅޭ ދެ ގައުމަށް ނުވާތީ، އެފަދަ އިންތިޒާމެއް ހަމަޖައްސައިދެވެން ނެތް ކަމަށް ޔޫއެފާއިން ވަނީ އަންގާފައެވެ.

ޔޫއެފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަކި ޓީމުތަކެއް އެކުގައި ނުލުމަށް ނިންމާ ނިންމުންތައް ނިންމަނީ ސެކިއުރިޓީއަށް ނުރައްކާވެދާނެ ކަންކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ހާލަތްތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި ކޮންމެ ހާލަތެއް ވެސް ވަރަށް ފަރުވާތެރިކަމާއެކު ބަލައި މޮނިޓަ ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

އިޒްރޭލްގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިކަމާ ގުޅިގެން ބުނެފައިވަނީ އަޔަލެންޑުން އެފަދަ ރަސްމީ އެދުމެއް ހުށަހެޅިތޯ ޔޫއެފާއާ ސުވާލުކުރަންޖެހޭ ކަމަށާއި، އެ ޓީމުން މިހާރު ފޯކަސް ކުރަނީ ދަނޑުމަތީގެ ތައްޔާރީތަކަށް ކަމަށެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އަޔަލެންޑުގައި މި މެޗުތަކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާއިރު، މި ދެ ޓީމު ބައްދަލުކުރާ މެޗުތައް މި މަހުގެ 27 އަދި އަންނަ މަހުގެ ހަތަރެއްގައި ނިއުޓްރަލް ދަނޑުތަކުގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް