ސެމްސަންގް ގެލަރީގެ ފޮޓޯތައް ގޫގްލް ފޮޓޯސްއަށް ސިންކް ކުރެވޭ ގޮތް ހަދައިފި

ސެމްސަންގުން ވަނީ ގެލަރީ އެޕް މެދުވެރިކޮށް ވަންޑްރައިވްއަށް ފޮޓޯ ސިންކްކުރުމުގެ ފުރުސަތު އާ ޔޫޒަރުންނަށް ބަންދުކޮށްފައި ---

ސެމްސަންގް ގެލަރީ އެޕްލިކޭޝަންގައި ހުންނަ ފޮޓޯއާއި ވީޑިއޯތައް މައިކްރޯސޮފްޓް ވަންޑްރައިވްގެ ބަދަލުގައި ސީދާ ގޫގްލް ފޮޓޯސްއަށް ސިންކް ކުރެވޭ ގޮތް ސެމްސަންގުން ހަމަޖައްސައިފިއެވެ.

މިއީ ސެމްސަންގް ގެލަރީ ބޭނުންކުރާ ފަރާތްތަކަށް ކްލައުޑް ސްޓޯރޭޖްގެ ޚިދުމަތްތައް ބޭނުންކުރުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ ބަދަލެކެވެ.

މި ބަދަލު ގެނެސްފައިވަނީ ސެމްސަންގް ގެލަރީ އެޕްގެ ވާޝަން 15.9.01.7 ގެ އަޕްޑޭޓާއެކުގައެވެ. މި ފީޗާ ލިބިފައިވާ ފަރާތްތަކަށް ގެލަރީ އެޕްގެ މެނޫއަށް ވަދެ، ސެޓިންގްސްގެ "ސިންކް" ބައިން "ސިންކް ފޮޓޯސް އެންޑް ވީޑިއޯސް" އޮންކޮށްގެން މި ޚިދުމަތް ބޭނުންކުރަން ފެށޭނެއެވެ.

ގޫގްލް ފޮޓޯސްއަށް ސެމްސަންގް ގެލަރީ ސިންކްކުރުމަށްޓަކައި އެންޑްރޮއިޑް 13 އާއި އޭގެ ފަހުގެ އޮޕަރޭޓިން ސިސްޓަމެއް ހިންގާ ގެލެކްސީ ފޯނެއް ބޭނުންވާނެއެވެ. މީގެ އިތުރުން، ބެލެނިވެރިންގެ ކޮންޓްރޯލްގެ ދަށުގައި ނުވާ އަމިއްލަ ގޫގްލް އެކައުންޓެއް އޮންނަންޖެހޭއިރު، އެކައުންޓުގެ މައުލޫމާތު ސެމްސަންގާއެކު ހިއްސާކުރުމުގެ ހުއްދަ ގޫގްލްއަށް ދޭންޖެހެއެވެ.

https://sun.mv/224557

މިގޮތަށް ސިންކްކުރާ ފޮޓޯއާއި ވީޑިއޯތަކާ ގުޅޭގޮތުން ބައެއް އުނިކަންކަން ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން ސެމްސަންގް ގެލަރީ މެދުވެރިކޮށް ސިންކްކުރާ ތަކެތި ގޫގްލް ފޮޓޯސްގެ ހައިލައިޓްސް، ލައިވް އަލްބަމްސް، މެމޮރީސް ނުވަތަ ސާޗް ފީޗާގެ ތެރެއަކުން ނުފެންނާނެއެވެ. އަދި އެހެން ވަސީލަތްތަކުން ސީދާ ގޫގްލް ފޮޓޯސްއަށް އަޕްލޯޑްކުރާ ފޮޓޯތައް ސެމްސަންގް ގެލަރީ އެޕުން ފެންނާކަށް ނުހުންނާނެއެވެ.

މިއާއެކު ސެމްސަންގުން ވަނީ ގެލަރީ އެޕް މެދުވެރިކޮށް ވަންޑްރައިވްއަށް ފޮޓޯ ސިންކްކުރުމުގެ ފުރުސަތު އާ ޔޫޒަރުންނަށް ބަންދުކޮށްފައެވެ. އަދި މިހާރު ވަންޑްރައިވް ސިންކް ބޭނުންކުރަމުންދާ ފަރާތްތަކަށް އެ ޚިދުމަތް މެދުކެނޑޭނީ ސެޕްޓެމްބަރު 30 ގައެވެ. ނަމަވެސް ސީދާ ވަންޑްރައިވް އެޕްލިކޭޝަން މެދުވެރިކޮށް "ކެމެރާ ބެކްއަޕް" އޮންކޮށްގެން ކުރިއެކޭވެސް އެއްގޮތަށް ވަންޑްރައިވްއަށް ފޮޓޯ ބެކްއަޕް ކުރެވޭނެއެވެ.

ސެމްސަންގާއި މައިކްރޯސޮފްޓާ ދެމެދު އޮތް ގާތް ގުޅުމުގެ ދަށުން ކުރިން ސެމްސަންގް ފޯނުތަކުގައި މައިކްރޯސޮފްޓްގެ އެޕްތައް ޕްރީ-އިންސްޓޯލްކޮށްފައި ހުރި ނަމަވެސް، ފަހަކަށް އައިސް ސެމްސަންގުން ދަނީ ގޫގްލްއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަމުންނެވެ. އެގޮތުން ސެމްސަންގްގެ އަމިއްލަ މެސެޖިން އެޕް އުވާލައި ގޫގްލް މެސެޖެސް ބޭނުންކުރަން ފެށުން ހިމެނެއެވެ.

ގޫގްލް ފޮޓޯސް ސިންކްކުރަން ފެށުމާއެކު އެންޑްރޮއިޑް ފޯނުތަކުގެ މެދުގައި ފޮޓޯއާއި ވީޑިއޯ ބެކްއަޕްކުރުމުގެ ނިޒާމު އެއްގޮތް ވެގެންދާނެއެވެ.

comment ކޮމެންޓް