ރާއްޖެ އައި އިރު ކިލޯއެއްގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާ މީހަކާއި އެއާ ހަވާލުވާން ދިޔަ އެ ގައުމުގެ ތިން މީހުންނަށް އެ ތަކެތީގެ ވެރިފަރާތް ނުދެއްކުނުކަން ކޯޓު އަމުރުން ހާމަވެއްޖެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އިންޑިއާ ހަތަރު މީހުންނަކީ:
- އާކާޝް ޔާދަވް، 36އ
- އަމިތު ކުމާރު، 36އ
- އަނިލް ކުމާރު، 27އ
- ރާހުލް ނިޝާދު، 23އ
ކްރިމިނަލް ކޯޓު އަމުރުން އެނގޭ ގޮތުގައި މި ހަތަރު މީހުންގެ މައްޗަށް ވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ޓްރެފިކްކުރުމުގެ ދައުވާ އުފުލައިފައެވެ.
އަމުރުގައި ބުނެފައިވާ ގޮތުން މި މައްސަލައިގައި އަމިތު ކުމާރު ރާއްޖެއަށް އައިއިރު ލަގެޖު ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި އިތުރު ތިން މީހުން އައިސް މި ތަކެއްޗާ ހަވާލުވި ކަމަށެވެ. އަދި ހަވާލުވި ތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ބުނެފައިވެއެވެ.
މި މައްސަލައިގައި ހެކީގެ ގޮތުގައި ފުލުހުންގެ ބަޔާނާއި ކަސްޓަމްސްގެ ލިޔެކިޔުންތަކާއި، މަސްތުވާތަކެތީގެ ތަހުލީލީ ރިޕޯޓާއި، ކޮންޓްރޯލް ޑެލިވަރީ ހުއްދައާއި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ލޮގްގެ އިތުރުން ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓު ވަނީ ހުށަހަޅައިފައެވެ.
މި މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 0.74 ކިލޯގްރާމް ހުރި ކަމަށް ކަސްޓަމްސްގެ ލިޔެކިޔުންތަކުން އެނގޭ ކަމަށް އަމުރުގައިވެއެވެ. ހަމައެއާއެކު މަސްތުވާތަކެތީގެ ތަހުލީލީ ރިޕޯޓުން އެނގޭ ގޮތުގައި އެ މަސްތުވާތަކެއްޗަކީ ޓެޓްރާއިޑްރޯކެނަބިނޯލް ނުވަތަ ކެނަބިނޯލްއެވެ. އަދި ބަރުދަނުގައި 706 ގްރާމް ހުރި ކަމަށް އެ ރިޕޯޓުގައި ބުނެފައިވާ ކަމަށް އަމުރުގައިވެއެވެ.
މީގެ އިތުރުން މި ތަކެއްޗަކީ ކުރަދީބު ކިޔާ މީހެއްގެ ތަކެތި ކަމަށް މި މައްސަލައިގައި ތުހުމަތުކުރެވޭ ހުރިހާ އެންމެން ބަޔާންދީފައިވާތީ، މި ހަތަރު މީހުން ބަނދުގައި ބެހެއްޓޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، ބަންދުން ދޫކޮށްދިނުމަށް އެދިފައިވާ ކަމަށް އަމުރުގައިވެއެވެ.
ނަމަވެސް ކުރަދީބު ކިޔާ މީހެއްގެ މައުލޫމާތު ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެ ނަން ކިޔާ ފަރާތެއް އެ ހަތަރު މީހުން މަސައްކަތް ކުރާ ތަނުގައި އުޅޭކަން އެނގިފައި ނުވާ ކަމަށް ބުނެފައި ވާކަމަށް ވެސް އަމުރުގައިވެއެވެ.
މި މައްސަލައިގައި މި ހަތަރު މީހުންނަށް ވެސް 30 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ޖަހައިފައެވެ.