މަސްވެރިކަމާއި ބްލޫ އިކޮނޮމީއާ ގުޅޭ ޓެކްނިކަލް ޓްރެއިނިންގްއެއް ފަށައިފި

މަސްވެރިކަމާއި ބްލޫ އިކޮނޮމީއާ ގުޅޭ ޓެކްނިކަލް ޓްރެއިނިންގްއެއް ފެށުން... ފޮޓޯ/ މަސްވެރިކަމާއި ބެހޭ ވުޒާރާ

މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާ އާއި ޗައިނާގެ ހައިނާން ޔުނިވަސިޓީ ގުޅިގެން، މަސްވެރިކަމާއި ބްލޫ އިކޮނޮމީއާ ގުޅޭ ޚާއްޞަ ޓެކްނިކަލް ޓްރެއިނިންގް ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މިއަދު ފެށި މި ޓްރެއިނިނގް ވޯކްޝޮޕް ކުރިއަށް ދާނީ މާދަމާގެ ނިޔަލަށް ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން ބުންޏެވެ.

މި ޓްރެއިނިން ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު އަޙްމަދު ޝިޔާމު އަދި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައިވާ ސަފީރު، ކޮންގް ޝިންހުއާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަގްޞަދަކީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އެކުލަވައިލައިފައިވާ ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕެރޭޓިވް ޕާޓްނަޝިޕްގެ ދަށުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް، ކަމާގުޅޭ އިދާރާތަކަށް މުހިންމު ފަންނީ ތަމްރީނު ދީ ހުނަރުވެރިކަން އިތުރުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމްގެ ތެރެއިން ހައިނާން ޔުނިވަސިޓީގެ ވަފުދުގެ ބޭފުޅުން މިނިސްޓްރީގެ މެރިކަލްޗަ ދިރާސާ ކުރާ ރަށް ކަމަށްވާ ކ. މަނިޔަންފުއްޓަށް ޒިޔާރަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޓްރެއިނިންގްގައި އެކި މުއައްސަސާތަކުން ޖުމްލަ 51 މީހަކު ބައިވެރިވާއިރު، އޭގެ ތެރޭގައި މަސްވެރިކަމާ ބެހޭ ވުޒާރާގެ އިތުރުން މޯލްޑިވްސް މެރިން ރިސަޗް އިންސްޓިޓިއުޓް، މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ، މިފްކޯ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، އެންވަޔަރަންމަންޓް ރެގިއުލޭޝަން އޮތޯރިޓީ އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ހިމެނެއެވެ.

މި ތަމްރީނު ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ވަޞީލަތްތައް ބެލެހެއްޓުމާއެކު ކަނޑުގެ ދިރުންތަކުގެ ނަސްލު ޙިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތަށް ޓްރޮޕިކަލް އެކުއަކަލްޗަ ނުވަތަ ލޮނުފެނުގެ ދިރުންތައް އާލާކުރުމަށެވެ.

މީގެއިތުރުން ހަލާކުވަމުންދާ މުރަކަ އަދި ފަރުތައް އިޔާދަކުރުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާތައް ކުރިއާލައި ދެނެގަތުމާ ގުޅޭގޮތުންވެސް މި ޓްރެއިނިންގްގައި މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާގެ ވޫޝީ ސިޓީގައި ބޭވޭ ސެމީނާ އަކަށް ދިޔަ 24 މީހުންގެ ވަފުދުގެ ބޭފުޅުން.. ފޮޓޯ/ ކެޔޮޅު

ފާހަގަކުރެވޭގޮތުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ހާރިޖީ އަދި އިގުތިސާދީ ގުޅުން ބަދަހިކުރުމުގެ ގޮތުން، ދެމެހެއްޓެނިވި މަސްވެރިކަމާ ބެހޭ ތިން ހަފުތާގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ރާއްޖޭގެ 24 މެންބަރުންގެ ވަފުދެއް މިދިޔަ ހަފްތާގައި ވަނީ ޗައިނާއަށް ގޮސްފައެވެ.

އެގޮތުން ޗައިނާގެ ވޫޝީ ސިޓީގައި ބޭވޭ މި ސެމިނާ އިންތިޒާމުކޮށްފައިވަނީ ޗައިނާ ސަރުކާރުންނެވެ. މި ވަފުދުގެ ތެރޭގައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަ އެންޑް އޯޝަން ރިސޯސަސް އަދި މިފްކޯގެ އިސް އޮފިޝަލުންނާއި ޓެކްނިކަލް މާހިރުން ހިމެނެއެވެ.

މި ސެމިނާގެ މައިގަނޑު ބޭނުމަކީ ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ ތައާރަފުކުރުމާއި، އެކުއާކަލްޗަ އަދި ޒަމާނީ މަސް ޕްރޮސެސްކުރުމުގެ ހުނަރުތައް ދަސްކުރުމެވެ. މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު، މިފްކޯއިން ކޯލްޑް ސްޓޯރޭޖްތައް ތަރައްގީކުރުމާއި، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާގެ ހައިނާންއަށް ދިވެހި ކަނޑުމަސް އެކްސްޕޯޓްކުރުން ފަދަ މުހިންމު މަޝްރޫއުތަކަށް މި ބައްދަލުވުމުގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެއެވެ.

comment ކޮމެންޓް