ކެމެރާއަށް ރެކޯޑުކުރެވިފައިވާ މަންޒަރުތަކުން ފެންނަނީ ހިތްތެޅޭ ފަދަ ބިރުވެރި ވަގުތުކޮޅެކެވެ. ކުޑަ މަސްބޯޓެއްގެ ފަޅުވެރިން އެ މީހުންގެ އުޅަނދުގެ ފަހަތަށް ބަލަހައްޓައިގެން ތިބޭ މަންޒަރު ފެންނައިރު، އޭގެ އެތައް ގުނައެއް ބޮޑު ބިޔަ އާގުބޯޓެއްގެ ދިރުނބާކޮޅު އައިސް އެ ބޯޓާ ދިމާއަށް ވަންނަ މަންޒަރު ފެނެއެވެ. އެ މަންޒަރު ބަލަން ތިބި ފަޅުވެރިންގެ މޫނުމަތިން ފެންނަނީ ހާސްކަމާއި ބިރުވެރިކަމެވެ. އެއާއެކު ކުޑަ ބޯޓު އެއްފަރާތަކަށް ވަރަށް ބޮޑަށް އަރިއަޅާލައެވެ. ބޯޓުގެ ތެރެއަށް ލޮނުގަނޑު ވަދެގެންދާއިރު، އެ ވަގުތު ބޯޓުގައި ތިބި މީހުން ފުރާނަ ސަލާމަތްކުރުމަށްޓަކައި އެކި ތަންތަނުގައި ހިފަހައްޓައިގެން ތިބޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.
މިއީ ފިލްމެއްގެ މަންޒަރެއް ނޫނެވެ. މިއީ މިދިޔަ ބުރާސްފަތި ދުވަހު ސިންގަޕޫރު ކަނޑުއޮޅި ކައިރިން ހިނގާފައިވާ ނުރައްކާތެރި ހާދިސާއެއްގެ ހަގީގީ މަންޒަރުތަކެވެ. ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ މި ވީޑިއޯއިން، ކަނޑުމަތީގެ ނުރައްކާތެރިކަމާއި، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފުރާނައަށް ނުރައްކާވެދާނެ ގޮތް ވަރަށް ސާފުކޮށް ފެނިގެންދެއެވެ.
https://x.com/themaritimenet/status/2101660616393887750
މި ހާދިސާގައި ޖެހިފައިވަނީ ދެކޮޅު ނުބައްދަލު ދެ އުޅަނދެކެވެ. އިންޓަނެޓުގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ޕެނަމާގެ ދިދަ ނަގާފައިވާ 229 މީޓަރުގެ ބިޔަ އާގުބޯޓެއް ކަމަށްވާ "ފަސްޓް މާގޯ" އާއި ޗައިނާގެ 49 މީޓަރުގެ މަސްބޯޓެއް ކަމަށްވާ "ލޫޗިންގް ޔުއާންޔޫ 108" ޖެހި ހިނގި އެކްސިޑެންޓެކެވެ. މިއީ ސައިޒުގެ ގޮތުން ބަލާއިރު ވަރަށް ބޮޑު ތަފާތެއް ހުރި ދެ އުޅަނދެވެ. އެގޮތުން 229 މީޓަރުގެ ދިގުމިން ހުންނަ ބަލްކް ކެރިއަރެއް ފަދަ ބިޔަ އުޅަނދަކީ ކުއްލިއަކަށް ހުއްޓޭނެ ނުވަތަ މިސްރާބު ބަދަލުކުރެވޭނެ އުޅަނދެއް ނޫނެވެ.
ކަނޑުމަތީގެ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ މެރިޓައިމް އެގްޒެކެޓިވްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ބޯޓުވެސް ދަތުރު ފަށާފައިވަނީ ސިންގަޕޫރު ކައިރީގައިވާ ބަނދަރު ސަރަހައްދަކުން ދާދި އެއް ވަގުތެއްގައެވެ. އެއީ ގްރީންވިޗް ގަޑިން ހެނދުނު 8:00 ހާއިރުއެވެ. ފަސްޓް މާގޯ ދަތުރު ފެށީ ސިންގަޕޫރުގެ އިރުމަތީ ފަރާތުގައިވާ ބާރުބޮޑު ބަނދަރަކުންނެވެ. އަދި ލޫޗިންގް ޔުއާންޔޫ 108 ދަތުރު ފެށީ ސެންޓޯސާ ކައިރީގައިވާ އެހެން ބަނދަރަކުންނެވެ.
ޕޯލް ސްޓާ ގްލޯބަލްގެ އޭއައިއެސް ޝިޕް ޓްރެކިން ޑޭޓާއާ ހަވާލާދީ މެރިޓައިމް އެގްޒެކެޓިވްއިން ބުނެފައިވާ ގޮތުގައި، މި ދެ އުޅަނދުވެސް ވަދެފައިވަނީ ކަނޑުއޮޅީގެ ތެރެއިން އުޅަނދުފަހަރު ދަތުރުކުރުމަށް ކަނޑައަޅާފައިވާ ހާއްސަ މަގަކަށެވެ. ޗައިނާގެ މަސްބޯޓު އެ މަގަށް ވަނީ އާގުބޯޓުގެ ކުރިންނެވެ. ނަމަވެސް، ބިޔަ އާގުބޯޓު ދަތުރުކުރަމުން ދިޔައީ މަސްބޯޓަށް ވުރެ ގަޑިއަކު ދޭއް ނުވަތަ ތިން ނޯޓިކަލް މޭލު ބާރުމިނެއްގައެވެ. މަސްބޯޓުގެ ވާތްފަރާތުން ކުރިއަރައިގެން ދިއުމަށް އާގުބޯޓު މަސައްކަތްކުރަމުން ދިޔައިރު، ދެ އުޅަނދުގެ ދެމެދުގައިވާ ދުރުމިން ދިޔައީ ކުޑަވަމުންނެވެ. ގާތްގަނޑަކަށް ގްރީންވިޗް ގަޑިން 9:00 ހާއިރު، އާގުބޯޓުގެ ދިރުނބާކޮޅު އައިސް މަސްބޯޓުގެ ކަނާތްފަރާތު ފަހަތުގައި ޖެހުމާއެކު ބޯޓަށް ބޮޑެތި ލޮޅުންތަކެއް އަރައެވެ. އެ ވަގުތު ބޯޓު އެއްފަރާތަކަށް އަރިއަޅާލައި، މައި ޑެކުގެ މައްޗަށް ލޮނުގަނޑު އަރައިގެންދެއެވެ. މިފަދަ ބޮޑެތި އުޅަނދުތަކުގެ ކުރިމަތިން އުފެދޭ ބާރު އޮއިވަރުގެ ސަބަބުން ކުދި އުޅަނދުތައް ކޮންޓްރޯލުން ނެއްޓިގެން ދިއުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ.
މިހާ ނުރައްކާތެރި ގޮތަކަށް އެކްސިޑެންޓު ހިނގި ނަމަވެސް، މި ހާދިސާގައި މަސްބޯޓު އަޑިއަށް ގޮސްފައެއް ނުވެއެވެ. މެރިޓައިމް އެގްޒެކެޓިވްއިން ބުނި ގޮތުގައި، ޓްރެކިން ޑޭޓާއިން ދައްކާ ގޮތުން އެކްސިޑެންޓަށްފަހުވެސް މަސްބޯޓުގެ އޭއައިއެސް ސިގްނަލް ލިބެމުންދިޔައެވެ. އަދި އެ ބޯޓު ސަލާމަތުން ކައިރީގައިވާ ބަނދަރަކަށް ގޮސްފައިވާ ކަމަށްވެސް އެ ނޫހުން ފާހަގަކޮށްފައިވެއެވެ. އަނެއްކޮޅުން، ފަސްޓް މާގޯ އެކްސިޑެންޓަށްފަހުވެސް ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ގަޑިއަކު 10 ނޯޓިކަލް މޭލުގެ ބާރުމިނުގައި ދަތުރުކުރުމަށްފަހު، އަނބުރާލައި ބަނދަރުކުރި ކަމަށް ޑޭޓާއިން ދައްކައެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމަކަށް ނުވަތަ މީހެއްގެ ފުރާނަ ގޮސްފައިވާ ކަމަކަށް ރިޕޯޓުކޮށްފައެއް ނުވެއެވެ. މިއީ ހަމަ ޔަގީނުންވެސް މަސްބޯޓުގެ ފަޅުވެރިންނަށް ލިބުނު ވަރަށް ބޮޑު ނަސީބެކެވެ.
ސިންގަޕޫރު ކަނޑުއޮޅިއަކީ ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް ކަނޑުމަގު ކަމަށްވާއިރު، މިފަދަ ހާދިސާތަކުގެ ސަބަބުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާމެދު ގިނަ ސުވާލުތަކެއް އުފެދެއެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ އުޅަނދެއް މި ސަރަހައްދުން ދަތުރުކުރާއިރު، ކުދި އުޅަނދުފަހަރާއި ބިޔަ އާގުބޯޓުފަހަރު އެކުގައި ދަތުރުކުރުމަކީ ނުރައްކާތެރި ކަމެކެވެ.
އާންމު ގަވާއިދުތައް އޮންނަ ގޮތުން، މިފަދަ ހާލަތްތަކުގައި ބޮޑެތި އުޅަނދުފަހަރަށް މަގުދޫކުރުމަކީ ކުދި އުޅަނދުފަހަރުގެ ޒިންމާއެކެވެ. މިކަމާ ގުޅޭގޮތުން ކަމާބެހޭ ރަސްމީ ފަރާތްތަކުން، ހާއްސަކޮށް ސިންގަޕޫރުގެ މެރިޓައިމް އެންޑް ޕޯޓް އޮތޯރިޓީން މިހާތަނަށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. އެހެންކަމުން، މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ. ކަމާބެހޭ ފަރާތްތަކުގެ ތަހުގީގަށްފަހު މި ހާދިސާގެ އިތުރު ތަފްސީލުތައް ހާމަވެގެންދާނެ ކަމަށް ބެލެވެއެވެ.