ތުއްތުކުދިންނަށް ޚާއްސަ ސިއްހީ ފަރުވާގެ ޚިދުމަތަށް މީހުން ބިނާކޮށް، ޒަމާނީ ވަސީލަތްތައް ހޯދަންޖެހޭ: ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު: ނިއޯކެއާ ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ޕީއެސްއެމް ނިއުސް

ނިއޯނޭޓަލް ޚިދުމަތަށް މީހުން ބީނާކޮށް ޒަމާނީ ވަސީލަތްތައް ހޯދަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެވެ.

ނިއޯނޭޓަލް ޚިދުމަތަކީ ދުވަސް ނުފުރާ ވިހާ ކުދިންނާއި ބަރުދަން ލުއި ކުދިންނާއި އުފަންވާއިރު ސިއްހީ ބޮޑެތި މައްސަލަތައް ހުންނަ، ބަލިކަށި ތުއްތު ކުދިންނަށް ޚާއްސަކޮށްގެން ދެވޭ މެޑިކަލް ފަރުވާގެ ޚިދުމަތްތަކެވެ.

މިއަދު ފެށި 'ނިއޯކެއާ ކޮންފަރެންސް'ގައި ވާހަކަދައްކަވަމުން ސާޖިދާ ވަނީ، ރާއްޖޭގައި މި ޚިދުމަތް ފެށުނުއިރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނުކަން ފާހަގަކުރައްވާފައެވެ. ނަމަވެސް މިހާރު މި ދާއިރާއިން މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ސާޖިދާ ވަނީ ކޮންމެ ތަނަކަށް އުފަންވާ ކުއްޖަކަށް ވެސް އެ ކުއްޖާއަށް ބޭނުންވާ ފުރިހަމަ ސިއްހީ ޚިދުމަތްތަކާއި ރައްކާތެރިކަން ލިބެންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި އެ ޚިދުމަތް ފޯރުކޮށްދެވޭނީ ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި އެކަމުގެ ތަމްރީނު ލިބިފައިވާ ސިއްހީ ޚިދުމަތްތެރީން ވެސް ލިބިގެންކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ދާއިރާއަށް ޚާއްސަ ފެސިިލިޓީއާއި އިކުއިޕްމަންޓުގެ އިތުރުން މެޑިކަލް ޓެކްނޮލޮޖީތައް ހޯދުމަށް ޚަރަދުކުރަންޖެހޭ ކަމަށާއި ދާއިރާއަށް ޚާއްސަ މީހުން ތަމްރީނުކުރުމަކީ މުހިންމުކަމެއް ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

"ހަމައެކަނި ޓެކްނޮލޮޖީއިން ފުރާނައެއް ސަލާމަތް ނުކުރެވޭނެ. މެޝިނަކުން ހިތުގެ ވިންދު މޮނިޓާ ކުރެވޭ ނަމަވެސް ހިތުގެ ތެޅުން އަހަރެމެންނަށް ކިޔައިދޭ އެއްޗެއް އެނގުމަށް ތަމްރީން ލިބިފައިވާ މީހުން ބޭނުންވާނެ،" ސާޖިދާ ވިދާޅުވިއެވެ.

ނިއޯކެއާ ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ޕީއެސްއެމް ނިއުސް

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، މިއަދު ފެށުނު ކޮންފަރެންސްގެ ސަބަބުން ހޮސްޕިޓަލުތަކުގެ ގުޅުން ބަދަހިވެ، ކަމާބެހޭ މާހިރުންގެ އިރުޝާދާއެކު ނިއޯކެއާއަށް ހޭލުންތެރި ބަޔަކު މުޅި ރާއްޖޭގައި ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ އަމަލުކުރަންވީ ގޮތް ސިއްހީ އެހީތެރިންނަށް، މިފަދަ ކޮންފަރެންސްތައް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ގީލާ ވިދާޅުވިއެވެ.

މިނިސްޓަރު ގީލާ ވަނީ ނިއޯނޭޓަލް ފަރުވާގެ ނިޒާމަކީ ވަރަށް ދުރަށް ވިސްނައިގެން ތަރައްގީކުރަންޖެހޭ ފަރުވާއެއް ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން ފަރުވާއަށްފަހު ކުދިން ދޫކޮށްލި ނަމަވެސް އެ އެ ކުދިންގެ ސިއްހީ އެހީތެރީންގެ ނުނިމޭނެކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ނިިއޯނޭޓަލް ކޮންފަރެންސެއް ބޭއްވީ ނިމުނު އަހަރުގައެވެ. މި އަހަރު މި ކޮންފަރެންސް ހުޅުމާލޭ ހޮސްޕިޓަލުގެ އިސްނެގުމުގެ މަތީން ބާއްވާއިރު ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި 19 ހޮސްޕިޓަލެއްގެ އެންއައިސީޔޫގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް