ތިނަދޫގައި އަލަށް ރަޖިސްޓްރީވާ ތުއްތު ކުދިންނަށް މާލީ އެހީ ދޭން ފަށައިފި

ތިނަދޫ ސިޓީ -- ފޮޓޯ: އަހުމަދު ވިޝްފާގް

ގދ. ތިނަދޫގައި އަލަށް ރަޖިސްޓްރީވާ ތުއްތު ކުދިންނަށް މާލީ އެހީ ދިނުމުގެ ޕްރޮގްރާމެއް ތިނަދޫ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މި އެހީ ދިނުމަށް އެކުލަވާލާފައިވާ އުސޫލު އެ ކައުންސިލުން މިހާރު ވަނީ އާންމުކޮށްފައެވެ.

ތިނަދޫ ސިޓީ ކައުންސިލުން އާންމުކުރި "އަލަށް އުފަންވެ، ތިނަދޫ ސިޓީގައި ރަޖިސްޓްރީކުރާ ކޮންމެ ކުއްޖަކަށް އިނާމެއް ކަނޑައެޅުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އެހީ ދޭން ނިންމީ ތިނަދޫގެ އާބާދީ އިތުރުކުރުމަށާއި މުޅި ރާއްޖޭގެ އާބާދީ ވެސް ނިސްބަތުން ދަށްވަމުންދާތީއެވެ.

ވަކިން ޚާއްސަކޮށް ޒުވާން އާއިލާތަކަށް ހިތްވަރުދީ، ވިހެއުމުގެ ރޭޓު މަތިކުރުމަށް ބާރު އެޅުމަކީ ވެސް މި އުސޫލުގެ މުހިންމު މަގުސަދެއްކަމަށް ތިނަދޫ ސިޓީ ކައުންސިލުން ނެރުނު އުސޫލުގައި ބުނެފައިވެއެވެ.

އުސޫލުގައިވާ ގޮތުން މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ކެޓަގަރީ އޭ ގައި ހިމެނެނީ ތިނަދޫގެ ރަށްވެހިންނަށް ލިބިފައިވާ ކުދިންނެވެ. މި ކެޓަގަރީގެ ކުދިންނަށް ކަނޑައަޅާފައި ވަނީ 1،500 ރުފިޔާއެވެ. ކެޓަގަރީ ބީ ގައި ހިމެނެނީ އެހެން ރަށެއްގެ މައިންބަފައިންނަށް ލިބިފައިވާ ކުދިންނެވެ. މި ކެޓަގަރީއަށް ޚާއްސަކޮށްފައިވަނީ 2،000 ރުފިޔާއެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެހީ ދޭއިރު ކުއްޖާގެ މަންމަ ނުވަތަ ބައްޕައަކީ ތިނަދޫގައި ރަޖިސްޓްރީވެފައިވާ މީހަކަށް ވާންޖެހެއެވެ. އަދި ކުއްޖާގެ މަންމަ އާއި ބައްޕައަކީ އެ ސިޓީގެ ބަޔަކަށް ނުވި ނަމަވެސް، ކުއްޖާ ރަޖިސްޓްރީ ކުރަނީ ތިނަދޫގައި ކަމަށް ވާންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި އެހީ ދޭނީ އެންމެ ފަހަރަކު ކަމަށްވާއިރު، އެހީ ލިބޭނީ ތިނަދޫގައި އުފަންވެ އެ ސިޓީގައި ރަޖިސްޓްރީވާ ކުދިންނަށާއި އެހެން ތަނެއްގައި އުފަންވި ނަމަވެސް ފުރަތަމަ ރަޖިސްޓްރީކުރާ ތަނަކީ ތިނަދޫ ކަމުގައިވާ ނަމައެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން ކުއްޖާ ރަޖިސްޓްރީވި ކަމަށް ބަލާނީ އައިޑީކާޑު ހެއްދުމުން ކަމަށްވާއިރު، ކުއްޖާ ރަޖިސްޓްރީވާތާ އެއް މަސް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލްގެ އެހީ ހޯދުމަށް އެދި ހުށަހަޅަންޖެހޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް