1600 އަށްވުރެ ގިނަ ޑްރޯން ބޭނުންކޮށްގެން ޔުކްރެެއިންގެ ހަމަލާތަކެއް ރަޝިއާއަށް

ޔުކްރެއިންގެ ޑްރޯން ހަަމަލާއެއް ރަޝިއާ އަށް އަރާފައި

މޮސްކޯ (21 ސެޕްޓެމްބަރު 2026) : ޔުކްރެއިން އިން 1600 އަށް ވުރެ ގިނަ ޑްރޯން ބޭނުންކޮށްގެން ރަޝިއާ އަށް ހަމަލާތަކެއް ދީފިއެވެ.

ރަޝިއާގެ މަޝްހޫރު ނިއުސް ޗެނަލް އާރުޓީ ބުނާގޮތުން މި ހަމަލާތައް ދީފައި މިވަނީ ރަޝިއާގެ ޕާލަމެންޓްރީ އިންތިޚާބުގެ އެންމެ ފަހު ދުވަސް ކަމަށްވާ އިއްޔެ ރައްޔިތުން ވޯޓުލަމުން ގެންދަނިކޮށެވެ. ޔުކްރެއިން ފޮނުވާލި 1600 ޑްރޯންތަކުގެ ތެރޭގައި ގިނައީ މާބޮޑު ގެއްލުމެއް ނުލިބޭ ބާވަތުގެ މައިކްރޯ ޑްރޯންތައް ކަމަށްވެއެވެ.

ރަޝިއާގެ ދިފާއީ މަސްއޫލުވެރިއަކާ ހަވާލާދީ އާރުޓީ ބުނާގޮތުން މި 1600 ޑްރޯންގެ ތެރެއިން 1400 ޑްރޯންވަނީ އޭގެ އަމާޒަށް ވާސިލް ވުމުގެ ކުރިން ވައްޓާލާފައެވެ. އަނެއް 200 ޑްރޯންގެ ތެރެއިން އެއްބައި ޑްރޯން ރަޝިއާގެ ބައެއް ސަރަހައްދުތަކަށާއި އިމާރާތްތަކަށް އަރައި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ގެއްލުންތަކުގެ ގެތެރޭގައި ދެމީހުން މަރުވުމާއި ބައެއް މީހުން ޒަޚަމްވުމާއި މާއްދީ ގެއްލުންތައް ލިބުންފަދަ ކަންކަން ހިމެނޭކަމަށްވެއެވެ.

އާރުޓީ ބުނާގޮތުން ޔުކްރެއިން ގެ ޑްރޯނެއް ވައްޓާލުމުން އެޑްރޯންގެ ބައިތައްވަނީ 21 ބުރީގެ ޢިމާރާތެއްގެ މައްޗަށް ވެއްޓިފައެވެ. މި ބައިތައް ވެއްޓުމާއެކު އެ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. މި ހާދިސާއިން ރައްކާތެރިވުމަށްޓަކައި އެއިމާރާތުގައި އުޅުނު 400 އަށްވުރެ ގިނަ މީހުން ވަނީ އިމާރާތުން ނެރެ ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައެވެ. އާރުޓީ ބުނާގޮތުން ޔުކްރެއިނުން ފޮނުވާލި ޑްރޯންތަކުގެ ތެރެއިން 450 ޑްރޯން އަމާޒުކޮށްފައިވަނީ ވެރިރަށް މޮސްކޯ އަށެވެ.

ރަޝިއާގެ ޕާލަމެންޓްރީ އިންތިޚާބު ގެ ވޯޓުން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ހުކުރު ދުވަހުވެސް ޔުކްރެއިނުން ރަޝިއާއަށް ގިނަ އަދަދެއްގެ ޑްރޯން ހަމަލާތަކެއް އަމާޒުކުރިއެވެ. ނަމަވެސް މިއިން ޑްރޯނަކުން ގެއްލުމެއް ލިބުނުކަން ރަޝިއާ އިން ހާމަކޮށްފައެއް ނުވެއެވެ. އިއްޔެ ޔުކްރެއިނުން ފޮނުވާލި 1600 ޑްރޯންގެ ތެރެއިން ޑްރޯނެއް މޮސްކޯގެ ރިފައިނަރީ އަކަށްވެސް އަރާފައިވެއެވެ. މިއީ ފާއިތުވި މަސްތަކުގައިވެސް ޔުކްރެއިންގެ ޑްރޯން ހަމަލާތަކުން ގެއްލުން ލިބިފައިވާ ރިފައިނަރީ އެކެވެ.

ރިޕޯޓްތަކުންނާއި ޔުކްރެއިންގެ މަސްއޫލުވެރިންގެ ވާހަކަތަކުން ހާމަވާގޮތުގައި ޔުކްރެއިންގެ މިހާރުގެ އަމާޒަކީ ރަޝިއާގެ ތެލުގެ އިންޑަސްޓްރީއަށް ގިނަ ހަމަލާތަކެއް އަމާޒު ކުރުމެވެ. އެއީ އެކަމުގެ ސަބަބުން ރަޝިއާގެ އިގްތިސާދަށް ގެއްލުން ލިބޭނެތީއެވެ. ރަޝިއާގެ ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް ޔޫކްރެއިން އިން އެތަށް ސަތޭކަ ޑްރޯނެއް ބޭނުންކޮށްގެން ހުއްޓުމެއްނެތި ގިނަ ހަމަލާތަކެއް ދެމުން ގެންދާއިރު މި ޑްރޯންތަކުގެ ތެރޭގައި ގިނައީ އިނގިރޭސިވިލާތުން އުފައްދައި ޔުކްރެއިނަށް ފޯރުކޮށްދޭ ޑްރޯންތައް ކަމަށް ބުނެ ރަޝިއާ ވަނީ އިނގިރޭސިވިލާތަށް އިންޒާރުތަކެއް ދީފައެވެ. މިއިންޒާރުތަކާއެކު އިނގިރޭސިވިލާތުގެ އަސްކަރީ ބޭސްތަކަށް ގޮތްނޭންގޭ ޑްރޯން ހަމަލާތައް ވަނީ އަރަންފަށާފައެވެ.

އިނގިރޭސި ދިފާއީ ރިޕޯޓްތައް ބުނާގޮތުން ފާއިތުވި 3 މަސްތެރޭގައި 340 އަށް ވުރެގިނަ ޑްރޯން ހަމަލާ އިނގިރޭސިވިލާތުގެ އަސްކަރީ ބޭސްތަކަށް ވަނީ އަމާޒުވެފައެވެ. މީގެތެރެއިން ބައެއް ޑްރޯންތައް ވައްޓާލާފައިވާއިރު އަނެއްބައި ޑްރޯންތަކުގެ ސަބަބުން އިނގިރޭސި އަސްކަރީ ބޭސްތަކަށް ގެއްލުންތައްވެސް ވަނީ ލިބިފައެވެ.

ޔުކްރެއިން ބުނާގޮތުން ރަޝިއާއިންވަނީ 138 ޑްރޯނެއް ޔުކްރެއިންގެ ތެޔޮރައްކާކުރާ މަރުކަޒުތަކަށް އަމާޒުކޮށްފައެވެ. މީގެތެރެއިން 100 ވަރަކަށް ޑްރޯން ޔުކްރެއިންގެ ދިފާއުތަކުން ވައްޓާލާފައިވާއިރު އަނެއްބައި ޑްރޯންތައް ޔުކްރެއިންގެ އެކި ސަރަހައްދުތަކަށް އަރާފައިވާ ކަމަށް ވަނީ ބެލެވިފައެވެ.

ރަޝިއާއާއި ޔުކްރެއިނުން ޑްރޯން ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ މިދެ ގައުމުންކުރެ ކޮންމެ ގައުމަކުންވެސް އަނެއް ގައުމެއްގެ ތެލާއި ގޭހުގެ ވަސީލަތްތަކަށް ހަމަލާނުދިނުމަށް ގޮވާލައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދެގައުމަށް އިލްތިމާސް ކުރެއްވިތާ ދެތިން ދުވަސްފަހުންނެވެ. މިއީ ރަޝިއާއާއި ޔުކްރެއިންގެ ހަނގުރާމައަށް އެމެރިކާގެ ބާރު ނުހިނގާ މިންވަރާއި ދުނިޔޭގެ ބޮޑެތި ކަންކަމަށް އެމެރިކާގެ ކޮންޓްރޯލް ނެތް މިންވަރު ހާމަވާކަމެއްކަމަށް ތަހުލީލީ ރިޕޯޓްތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް