ބަންގި ގޮވައިދެއްވިތާ އިރުކޮޅެއް ފަހުން ހަރަމްފުޅުގެ މުދިމު ޝައިހް އިބްރާހީމް އަލް މަދަނީ އަވަހާރަވެއްޖެ

މައްކާގެ މަސްޖިދުލް ހަރާމްގެ މުދިމު ޝައިހް އިބްރާހީމް އަލް މަދަނީ، މިއަދުގެ ފަތިހުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.

އިންސައިޑް ދަ ހަރަމައިން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޝައިހް އިބްރާހީމް އެންމެ ފަހުން ގޮވައިދެއްވީ މިއަދުގެ ފަތިސް ނަމާދުގެ ބަންގިއެވެ. އޭނާ އަވަހާރަވީ މި ބަންގި ގޮވައިދެއްވިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ.

ޝައިހް އިބްރާހީމްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު މައްކާގެ ހަރަމްފުޅުގައެވެ. އަދި ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އަލް މުއައްލާ ގަބުރުސްތާނުގައެވެ.

މީލާދީން 1976 ވަނަ އަހަރު މަދީނާއަށް އުފަންވެވަޑައިގަތް ޝައިހް އިބްރާހީމް ބޮޑުފުޅުވީ ދީނީ އާއިލާއެއްގައެވެ. އޭނާގެ ހަޔާތަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވީ ގުރުއާން ހިތުދަސް ބޭފުޅެއް ކަމަށްވާ އޭނާގެ ކާފާފުޅެވެ. ފަހުން އޭނާ ވަނީ ގުރުއާނާ ބެހޭ އިލްމުން މަތީ ތައުލީމު ހާސިލުކުރައްވާފައެވެ.

ޝައިހް އިބްރާހީމް މުދިމެއްގެ ގޮތުގައި މަސައްކަތް ފެއްޓެވީ އުމުރުފުޅުން އެންމެ 15 އަހަރުގައެވެ. އެންމެ ފުރަތަމަ އޭނާ ބަންގި ގޮވައިދެއްވަން ފެއްޓެވީ މަދީނާގެ އަވަށްޓެރި މިސްކިތެއްގައެވެ. ކޮލެޖުން ދަސްވެނިވަންދެން އޭނާ ވަނީ އެހެން ތިން މީހަކާ ގުޅިގެން އެ މިސްކިތުގައި ބަންގި ގޮވައިދެއްވާފައެވެ. އޭގެ ފަހުން މަދީނާއިން ބޭރުގައި ކިޔަވައިދެއްވުމުގެ މަސައްކަތުގައި އުޅުއްވުމަށްޓަކައި ދުވަސްކޮޅަކަށް އެ މަސައްކަތާ ދުރަށް ވަޑައިގަތެވެ.

ހިޖުރީ ގޮތުން 1428 (2007-2008) ވަނަ އަހަރު މަސްޖިދުލް މައްދާހްގައި ބަންގި ގޮވައިދެއްވުމަށް އޭނާއަށް ދައުވަތު ލިބިވަޑައިގަތެވެ. މައްކާގެ ހަރަމްފުޅުގެ މުދިމެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވަންދެން އޭނާ އެ މިސްކިތުގައި ދެމިހުންނެވިއެވެ. ހަރަމްފުޅުގެ މުދިމެއްގެ މަގާމަށް އޭނާ ރަސްމީކޮށް އައްޔަންކުރެވުނީ ހިޖުރީ ގޮތުން 1439 (2017-2018) ވަނަ އަހަރުއެވެ.

މަދީނާގައި ބޮޑުފުޅުވުމުގެ ސަބަބުން ޝައިހް އިބްރާހީމްގެ ބަންގީގެ ރާގަށް މަދީނާގެ ސަގާފަތުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ. މީގެ އިތުރުން، ބައްޕާފުޅާއެކު މައްކާއަށް ކުރެއްވި ދަތުރުފުޅުތަކުގައި މައްކާގެ ޚާއްސަ ރާގުތަކަށް ވެސް އޭނާ ފަރިތަވެވަޑައިގަތެވެ. މި ދަތުރުފުޅުތަކުގައި ހަރަމްފުޅުގެ ކުރީގެ މުދިމެއް އަދި އޭނާގެ ކާފަފުޅުގެ ރަހުމަތްތެރިއެއް ކަމަށްވާ ޝައިހް އަބްދުއްލަތީފް މުއްލާއާ ވެސް އޭނާ ބައްދަލުކުރެއްވިއެވެ.

comment ކޮމެންޓް