ރަސްމާލޭގެ 20 ބިލިއަން ޑޮލަރުގެ މަޝްރޫއާއެކު އަހަރަކު 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފި

ކ. ފުށިދިއްގަރުފަޅުގައި ހިއްކަމުން އަންނަ ރަސްމާލެ -- ފޮޓޯ: އެޗްޑީސީ

އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއާއެކު ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި އަހަރަކު ދެ ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފިއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއެވެ.

ދުބާއީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިއަދު ވަނީ އެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

https://sun.mv/227809

އެކަމާ ގުޅޭގޮތުން ރާއްޖޭގެ ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އީގަލް ހިލްސްއާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވޯޓާފްރަންޓް އަދި މެރީނާ ތަރައްގީކޮށް ނިމުމާއެކު، އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިންނަށް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި އަހަރަކު ދެ ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ލަފާކޮށްފައިވެއެވެ.

ވެރިރަށް މާލެއިން ފުރައިގެން ލޯންޗުގައި ގާތްގަނޑަކަށް 17 މިނެޓުން ދެވޭ ފުށިދިއްގަރު ފަޅުގައި ހިއްކަމުންދާ "ރަސްމާލެ" ސިޓީގައި ހިންގާ މި ބިޔަ މަޝްރޫއުގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި، ރިއަލް އެސްޓޭޓް އިމާރާތްތަކާއި، ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމުގެ މަރުކަޒުތައް ހިމެނެއެވެ.

https://sun.mv/227818

ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ބިންހިއްކުމުގެ މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއުގެ ދަށުން 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މާސްޓަޕްލޭންގައި 65،000 ހައުސިން ޔުނިޓް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ. މިއީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށާއި، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ބުނެއެވެ.

މީގެ އިތުރުން އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓް އަޅައިދޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް