ފުލުހުންނާ މާރާމާރީ ހިންގައި ވާޖިބަށް ހުރަސްއެޅި މައްސަލައިގައި 6 މީހަކަށް ދައުވާކުރަން ފޮނުވައިފި

ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މީހުން... ފޮޓޯ/ ފުލުހުން

ކ. މާފުށީގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 10 ވަނަ ދުވަހެވެ.

މި ހާދިސާ ހިނގާފައިވަނީ މާފުށީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 13:00 އެހާކަންހާއިރު މީހަކު ބަލައިފާސްކުރަމުން ދަނިކޮށެވެ.

އެ ވަގުތު ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހަ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލައާ ގުޅިގެން ހާދިސާ ހިނގި ސީނުން އެ ދުވަހު ހައްޔަރުކުރީ ކ. މާފުށި، ހެވަން، މުޙައްމަދު ޝާބިން ޝުޖާޢު (18އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާތީ، އެ އަމުރު މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

https://sun.mv/227082

މީގެ އިތުރުން ކޯޓު އަމުރުގެ ދަށުން ދެން ހައްޔަރުކޮށްފައިވަނީ މާފުށީގެ ފަސް މީހެކެވެ. އެއީ ސްޓާލައިން، އަބްދުﷲ ނިހާދު (30އ) އާއި، ގްރީންޕާރކް، އިބްރާހީމް ސުނީޒް (41އ) އާއި، ވާރޭވިލާ، އަޙްމަދު އަހުނަފް އަސްފާޤު (24އ) އާއި، ގްރީންޕާރކް، މުޙައްމަދު ޝައިޙާން (21އ) ގެ އިތުރުން ފާއިޒާމަންޒިލް، ޙަސަން ނަބީލު (32އ) އެވެ.

ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ނިމުނު މަހުގެ 14 ގައި ހައްޔަރުކުރި ނިހާދުގެ ބަންދު މުއްދަތު އަންނަ މަހުގެ ހަތަރަކަށް އަދި މިދިޔަ މަހުގެ 19 ގައި ހައްޔަރުކުރި އަހުނަފްގެ ބަންދު އަންނަ މަހުގެ 11 އަށް ވަނީ އިތުރުކޮށްފައެވެ.

މިދިޔަ މަހުގެ 15 ގައި ހައްޔަރުކުރި ސުނީޒްގެ ބަންދު އަންނަ ބުދަ ދުވަހުގެ ނިޔަލަށް އަދި މިދިޔަ މަހުގެ 28 ގައި ހައްޔަރުކުރި ޝައިޙާންގެ ބަންދު މުއްދަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާއިރު، މިދިޔަ މަހުގެ 29 ގައި ހައްޔަރުކުރި ނަބީލު މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލާފައެވެ.

ފާގަހަކުރެވޭގޮތުގައި ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޒުވާނުންނާއި ކުޑަކުދިން ޖެހޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ކަނޑުމަގުންނާއި ވައިގެ މަގުން ގިނަ އަދަދަކަށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާކަމަށް ކަމާ ގުޅުންހުރި އިދާރާތަކުން ބުނެއެވެ. ނަމަވެސް މިފަދަ ކަންކަން ރާއްޖޭގައި ހުއްޓުވުމަށް ދިމާވާ އެންމެބޮޑު އެއް ގޮންޖެހުމަކީ މި ވަބާގައި ޖެހޭ މީހުންނަށް ބޭނުންވާ ފަރުވާއާއި ރީހެބިލިޓޭޝަންގެ ފުރުސަތުތައް މަދުވުންކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިއާއެކު ގޭންގުތަކުގެ ބާރު ފުޅާވެ، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ފުލުހުންގެ އޮޕަރޭޝަންތަކަށް ހުރަސްއަޅައި ހަމަލާދިނުން ވަނީ އިތުރުވެފައެވެ. އަދި ކޯޓު މަރުހަލާތައް ދިގުލައިގެން ދިއުމަކީ ކުށްކުރާ މީހުންނަށް އެކަން ކުރަން މަގުފަހިވާނެ ކަމެއްކަމަށް ވެސް ކަމުގެ މާހިރުން ދެކެއެވެ.

މި މައްސަލަތައް ހައްލުކުރުމަށްޓަކައި ފުލުހުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ގާނޫނީ ހިމާޔަތް ދިނުން މުހިންމެވެ. މީގެ އިތުރުން ފަރުވާގެ ނިޒާމު ވަރުގަދަކޮށް، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ކުށްކުރާ ފަރާތްތަކަށް ހަރުކަށި އަދަބު އަވަހަށް ތަންފީޒުކުރަން ޖެހެއެވެ.

comment ކޮމެންޓް