ޤައުމީ ޓީމަށް ޚިދުމަތްކުރުމަކީ ބޮޑު ޒިންމާއެއް، މިއީ ލިބޭ ބޮޑު އުފަލެއް: ސޮބާ

ގައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ގައުމީ ކޯޗު އިސްތަވާން އުރުބާނީ އާއެކު އެސިސްޓަންޓް ކޯޗު ސޮބާ-- ފޮޓޯ: އެމްއެމް ސްޕޯޓްސް

ޤައުމީ ފުޓްބޯޅަ ޓީމަށް އެކި ގޮތްގޮތުން ޚިދުމަތްކުރުމަކީ އަބަދުވެސް އޭނާ ނުހަނު އުފަލާއެކު ޤަބޫލުކުރާ ކަމެއް ކަމަށާއި، އެފްއޭއެމްގެ ޓެކްނިކަލް ސްޓާފެއްގެ ގޮތުގައި ހުރެ ޤައުމީ ޓީމާއި ޔޫތު ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށް ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ސޯބާޙް މުޙައްމަދު (ސޯބާ) ބުނެފިއެވެ.

އެކުވެރިކަމުގެ މެޗުތަކަށް ޗައިނާއަށް ފުރުމުގެ ކުރިން "ސަން" އާއި ވާހަކަދައްކަމުން ސޮބާ ބުނީ، މި ފުރުޞަތާއެކު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހެޑު ކޯޗެއްގެ ގޮތުގައި މީގެކުރިން ސޮބާއަކީ މީގެކުރިންވެސް އެކުގައި މަސައްކަތްކޮށްފައިވާ މީހެއް ހުރުމުން ކަމަށްވާތީ ކަމަށެވެ.

ސަބަބަކީ ހެޑް ކޯޗަކީ މީގެ ކުރިންވެސް އޭނާއާ އެކު މަސައްކަތްކޮށްފައިވާ އަދި ރަނގަޅަށް ދަންނަ ކޯޗަކަށްވުން ކަމަށެވެ. އަދި ކޯޗަކީ ކުޅުންތެރިންނާ މެދު ވަރަށް ގާތް ގުޅުމެއް ބަހައްޓައިގެން މަސައްކަތްކުރާ ކޯޗެއްކަން ފާހަގަކުރަމުން ސޮބާ ބުނީ، ޓީމުގެ ހީވާގިކަމާއި އެކުވެރިކަން އިތުރަށް ބަދަހިކޮށް، އެކި ކަންކަމުގައި ކޯޗާ މަޝްވަރާކޮށްގެން ކުރިއަށްދާން ރޭވިފައިވާ ކަމަށެވެ.

މީގެއިތުރުން، އެސިސްޓެންޓް ކޯޗެއްގެ ދައުރަކީ ހަމައެކަނި ޓީމާއެކު ދަނޑުމަތީގައި އުޅުން އެކަނި ނޫންކަން ފާހަގަކުރަމުން ސޮބާ ބުނީ، ކޯޗިން ސްޓާފުންނާއެކު މުޅި ޓީމާއި އެފްއޭއެމްގެ އޮފިޝަލުންގެ އިތުރުން އެންމެންގެ ޓާގެޓަކީ ދިވެހި ފުޓުބޯޅަ ދެން އޮތް ހަރުފަތަށް ގެންދިއުން ކަމަށެވެ.

ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގައުމީ ހެޑް ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އުރުބާނީ ބުނީ، ސޮބާ އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސީ ގިނަ ކަންތައްތަކަކަށް ފުންކޮށް ވިސްނުމަށްފަހު އަދި ގައުމީ ކޯޗާއެކު ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ކަމަށެވެ

ރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި މުހިންމު ދައުރެއް އަދާކުރި ސޮބާ ވަނީ މީގެ ކުރިން އުރުބާނީގެ އިރުޝާދުގެ ދަށުންވެސް ގައުމީ ޓީމަށް ކުޅެފައެވެ. ކޯޗިން ކެރިއަރުގައި ސޮބާ އެންމެ ފަހުން މަސައްކަތްކުރީ ސާފް ވިމެންސް ޗެމްޕިއަންޝިޕުގައި ވާދަކުރި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމުގައެވެ.

އޭގެ އިތުރުން 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗުކަމާއި، 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަންވެސް އޭނާ ކޮށްފައިވެއެވެ. ސޮބާ ވަނީ ދިވެހިލީގުގެ މަޝްހޫރު ކްލަބްތައް ކަމަށްވާ ނިއު ރޭޑިއަންޓް، ކްލަބް ވެލެންސިއާ، ވިކްޓަރީ، އަދި ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން ދެވަނަ އަދި ތިންވަނަ ޑިވިޝަނުގެ ޓީމުތަކަށްވެސް އިރުޝާދުދީފައެވެ.

comment ކޮމެންޓް