ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިބަދައަކީ އދ. ކަމަށާއި، ތަރައްގީގެ ކަންކަން ނިންމުމުގައި ކުދި ގައުމުތައް އިސް ސަފުގައި ތިބެންޖެހޭ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ) ގެ މެންބަރަކަށް ދިވެހިރާއްޖެ ވީތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި އިރުތިޝާމް ވިދާޅުވީ، ސެޕްޓެމްބަރު 21، 1965 ގައި ރާއްޖެއިން އދ.ގެ މެންބަރުކަން ހޯދި ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުލުމަށާއި މަޞްލަޙަތުތައް ހިމާޔަތްކުރުމަށް އެންމެ މުހިންމު ވަސީލަތަކީ އދ. ކަމަށެވެ. ވަކިން ޚާއްޞަކޮށް، ކުދި ޖަޒީރާ ގައުމުތައް (ސިޑްސް)ގެ ތަރައްގީގެ އެޖެންޑާ ބައްޓަންކުރުމުގައްޔާއި، އޭއޯސިސް ފަދަ ޖަމާޢަތްތައް އުފެއްދުމުގައި ރާއްޖެއިން އިސް ދައުރެއް އަދާކޮށްފައިވާކަން އިރުތިޝާމް ފާހަގަކުރެއްވިއެވެ.
ވަޒީރުގެ މެސެޖުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، ކުދި ޖަޒީރާ ގައުމުތަކުގެ އަމިއްލަ ތަރައްގީގެ މިސްރާބު ކަނޑައެޅުމުގައި އިސް ނަގަންވާނީ އެ ގައުމުތަކުން ކަމަށް ބަޔާންކުރެއްވިއެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމަޢުގެ ދައުރަކަށް ވާންވާނީ އެ ގައުމުތަކުގެ ނިންމުންތަކަށް ތަބާވެ އެއްބާރުލުން ދިނުން ކަމަށާއި، މި ވިސްނުން ޙަގީގަތަކަށް ހެދުމަށް 'އަބާސް' އެޖެންޑާ ފުރިހަމައަށް ތަންފީޒުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މޫސުމީ ނުރައްކާތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، 'ލޮސް އެންޑް ޑެމޭޖް ފަންޑު' ހިންގުމަށް ވަޒީރު ގޮވާލެއްވިއެވެ. އަދި ދިވެހިރާއްޖޭގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އދ. ގެ އަސާސްތަކާ އެއްގޮތަށް ހަމަހަމަކަމާއެކު ދުނިޔޭގެ ގައުމުތަކާއެކު ގުޅުން ބަދަހިކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ވަޒީރުގެ މެސެޖު ނިންމަވާލެއްވީ ވޭތުވެދިޔަ 61 އަހަރު ދުވަހު ރާއްޖެއަށް އެއްބާރުލުން ދިން އދ. އަދި އެހެނިހެން ބައިނަލްއަގްވާމީ ބައިވެރިންނަށް ޝުކުރު އަދާކުރައްވަމުންނެވެ.