ސޯސަންމަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާއަށް ފަރުވާ ދެނީ އައިސީޔޫގައި، ހާލު ސީރިއަސް

އޭޑީކޭގެ އެމްބިއުލާންސެއް: --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ސޯސަންމަގުގައި ރޭ ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިރޭ ބުނެފިއެވެ.

މި އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓުކުރީ، ރޭ ދަންވަރު 01:13 ހާއިރެވެ.

މި އެކްސިޑެންޓުގައި ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެއީ، އުމުރުން 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކެވެ.

https://sun.mv/227793

މި ހާދިސާގައި އަނިޔާވި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އަނިޔާވި ދެ ފިރިހެނުންނަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.

'ސަން'އިން ސުވާލުކުރުމުން އޭޑީކޭ ހޮސްޕިޓަލުން ބުނީ، އަންހެން މީހާގެ ހާލު ސީރިއަސް ކަމަށާއި ފަރުވާ ދެނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށެވެ. ނަމަވެސް، އިތުރު ތަފުސީލެއް ނުދެއެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބުނުދެއްވާތީ، މި އެކްސިޑެންޓުގައި އަނިޔާވި ދެ ފިރިހެނުންގެ ހާލަތާ ގުޅޭ ތަފުސީލެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ދައުރުވާ ވީޑިއޯއަކުން ފެންނަނީ، އަންހެން މީހާ ވެއްޓި، އޭނާގެ ބޮލުން ވަރަށް ގިނައިން ލޭ ފައިބައިފައި އޮތް ތަނެވެ. އެ ވަގުތު ވެސް އޭނާގެ ހަރަކާތެއް ނެތްއިރު، ދެ ފިރިހެނުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފައި ހުރި މަންޒަރު ފެނެއެވެ.

ފުލުހުން ބުނި ގޮތުގައި، މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާލެ ސަރަހައްދުގައި ވެސް ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ އެކްސިޑެންޓުތައް ހިނގައެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 2,100 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް