އީރާނުގެ އެއާލައިންތަކަށް ޚިދުމަތްދޭ ބޭރުގެ ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް މިއަދު ދެއްވައިފިއެވެ.
ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތަކާއެކު އަންނަ ބުދަ ދުވަހުން ފެށިގެން އީރާނުގެ އެއާލައިންތަކުގެ ބައިނަލްއަގުވާމީ ދަތުރުތައް މުޅި ދުނިޔޭގައި ހުއްޓުމަކަށް އަންނާނެއެވެ. ބެސެންޓް ވިދާޅުވި ގޮތުން، އެމެރިކާގެ މި އިންޒާރު އަމާޒުކޮށްފައިވަނީ ހަމައެކަނި އެއާލައިންތަކަކަށް ނޫނެވެ. އެގޮތުން، އީރާނުގެ ބޯޓުތަކަށް ބޭރު ގައުމުތަކުގައި ޚިދުމަތްދޭ އެއާޕޯޓުތަކާއި، ތެޔޯ ފޯރުކޮށްދޭ ކުންފުނިތަކާއި، ޓިކެޓު ވިއްކާ ފަރާތްތަކުގެ އިތުރުން އެހެނިހެން ވިޔަފާރިތަކަށް ވެސް މި ފިޔަވަޅުތަކުގެ އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބެސެންޓް ވިދާޅުވީ، އީރާނުގެ ބޯޓެއް އެއާޕޯޓަކަށް ޖެއްސުމަށްފަހު އެ ބޯޓަށް ތެޔޮ އެޅުމާއި، ޖެއްސުމުގެ ޚިދުމަތް ދިނުމާއި، ޓިކެޓު ވިއްކުން ފަދަ ކަމެއް ކޮށްފިނަމަ، އެ ޚިދުމަތެއް ދިން ފަރާތެއް އެމެރިކާގެ ޑޮލަރުގެ ނިޒާމުން ބޭރުކުރާނެއެވެ.
އެ ފިޔަވަޅަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް ފަށާފައިވާ އިގުތިސާދީ ހަރަކާތްތަކުގެ ދަށުން އެޅި އެންމެ ފަހުގެ ފިޔަވަޅެވެ.
އީރާނުގެ އޭވިއޭޝަން ދާއިރާއަށް އަމާޒުކޮށް އެމެރިކާއިން ވަނީ މީގެ ކުރިން ވެސް ފިޔަވަޅުތައް އަޅައިފައެވެ. އެގޮތުން، "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް"ގެ ނަމުގައި ފަށައިފައިވާ ހަރަކާތުގެ ދަށުން، މި މަހުގެ އަށް ވަނަ ދުވަހު އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ވަނީ އީރާނުގެ 27 އެއާލައިނަކާއި، އެ ގައުމުގެ އޭވިއޭޝަން ދާއިރާއަށް އެހީތެރިވާ ކަމަށް ތުހުމަތުކުރެވޭ ބޭރުގެ 36 ފަރާތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
އެމެރިކާއިން އަހަރުތަކެއް ވަންދެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އޭވިއޭޝަން ސިނާއަތަށް ވަނީ ވަރަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އާ ބޯޓުތައް ގަތުމަށާއި، ބޯޓުތަކުގެ ސްޕެއާ ޕާޓްސް ހޯދުމަށާއި، މަރާމާތުކުރުމުގެ ޚިދުމަތްތައް ހޯދުމަށް އީރާނުގެ އެއާލައިންތަކަށް ވަނީ ދަތިވެފައެވެ.
މި ފިޔަވަޅުތަކަކީ ބައިނަލްއަގުވާމީ މާލީ ނިޒާމުން އީރާން އެކަހެރިކުރުމަށް އެމެރިކާއިން ހިންގާ ބޮޑު ހަރަކާތުގެ ބައެއް ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ، ފެބުރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެން ފެށުނު ހަނގުރާމައަށް ހަތް މަސް ވާން ކައިރިވެފައި ވަނިކޮށެވެ.