ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ، ޓްރަކަކުން ވައްޓާލާ ސައިކަލުތަކަކީ ނައްތާލުމަށް ރަސްމީކޮށް ހުއްދަ ދެވިފައިވާ އުޅަނދުތަކެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވި އެ ވީޑިއޯގައި ފެންނަނީ ފުލުހުން ޓޯކޮށްފައިވާ ސައިކަލްތަކެއް އަރުވާފައި ހުރި ޓްރަކަކުން ބިންމައްޗަށް ސައިކަލުތަކެއް ވައްޓާލާ މަންޒަރެވެ. އެ މަންޒަރު ފެންނަ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، އާންމުންގެ ގިނަ ބަޔަކު ވަނީ އެކަމާ މެދު ވަރަށް ބޮޑަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބައެއް ފަރާތްތަކުން އެއީ މީހުންގެ އަގުބޮޑު މުދާ ކަމަށާއި އެފަދައިން އަމަލުނުކުރެވޭނެ ކަމަށް ބުނެފައިވާއިރު، އަނެއް ބަޔަކު ވަނީ އެކަން ކުރި ފުލުހުން އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން ފުލުހުން އާންމުކުރި ބަޔާނެއްގައި ބުނީ އެ ވީޑިއޯއިން ފެންނަ އުޅަނދުތަކަކީ ޓޯކުރުމަށްފަހު ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި އުޅަނދުތަކުގެ ވެރިފަރާތްތަކުން ހަވާލުނުވުމުގެ ސަބަބުން ނައްތާލަން ނިންމާފައިވާ އުޅަނދުތަކެއް ކަމަށެވެ.
"އެ ވީޑިއޯއިން ފެންނަ އުޅަނދުތަކަކީ، ޓޯކޮށް، ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި އުޅަނދުތަކުގެ ވެރިފަރާތްތަކުން ހަވާލުނުވުމުގެ ސަބަބުން ގާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ނައްތާލުމަށް ރަސްމީކޮށް ހުއްދަ ދެވިފައިވާ އުޅަނދުތަކެއް،" ފުލުހުންގެ ބަޔާނުގައި ވެއެވެ.
ޓްރަކުން ސައިކަލެއް ވައްޓާލާ މަންޒަރު ފެން ކަމަށްބުނާ ވީޑިއޯއާ ގުޅިގެން ފުލުހުން އާންމުކުރި ބަޔާން...ފުލުހުން ބުނެފައިވަނީ، ވީޑިއޯއިން ފެންނަނީ އެ އުޅަނދުތައް ނައްތާލުމަށް ޓަކައި ތިލަފުށްޓަށް ކުނީގެ ގޮތުގައި ގެންދިއުމަށް، ހުޅުމާލެ ފޭސް ދެއަކުން ފުލުހުންނަށް އަލަށް ހަމަޖެހުނު ޓޯޔާޑަށް ގެންގޮސް ކުނީގެ ގޮތުގައި އެއްތަނަކަށް ޖަމާކުރަމުންދިޔަ މަންޒަރު ކަމަށެވެ.
ފާހަގަކުރެވޭގޮތުގައި މާލެއާއި ހުޅުމާލޭގެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ގޮތުން ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ފުލުހުން ދަނީ ޓޯކުރަމުންނެވެ.
ޚާއްސަކޮށް ޓޯކުރެވެނީ އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ގޯޅިތަކުގެ ކަންމައްޗާއި މަގުގެ ދެފަރާތުގައި ޕާކުކުރާ އުޅަނދުތަކާއި، މިސްކިތްތަކާއި ސްކޫލް އަދި ހޮސްޕިޓަލް ފަދަ ޒަރޫރީ ސަރަޙައްދުތަކުގެ ކުރިމަތީގައާއި، ހިނގާ މީހުންނަށް ދަތިވާގޮތަށް ޕޭވްމަންޓް މަތީގައި ޕާކުކުރާ އުޅަނދުތަކެވެ. މީގެއިތުރުން ރަޖިސްޓްރީނުކޮށް ހުންނަ އުޅަނދުތަކާއި މަގުމައްޗަށް ދޫކޮށްލާފައިވާ ބާ އުޅަނދުތައް ވެސް ފުލުހުން ޓޯކުރެވެއެވެ.
ޓޯކުރެވޭ އުޅަނދުތައް ދޫކުރެވެނީ ކަނޑައެޅިފައިވާ ޖޫރިމަނާއާއި، ޓޯކުރުމުގެ ޚަރަދާއި، އުޅަނދު ބެހެއްޓުމުގެ ފީ ދެއްކުމަށްފަހު، ލިޔެކިޔުންތައް ހުށަހަޅައި ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމުންނެވެ.
މި މަސައްކަތުގެ ސަބަބުން މަގުތަކުގެ ތޮއްޖެހުން ކުޑަވެ، ހިނގާ މީހުންނަށް ރައްކާތެރިކަން ލިބިގެންދާނެތީ، ހަމައެކަނި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި އުޅަނދު ޕާކުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.