ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ތަރައްގީކުރާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއު ރާވާފައިވަނީ ރާއްޖެއަށް ޑޮލަރު ލިބުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބޭނެ ގޮތަށްކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭ މި މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭނެ މުހިންމު މަސައްކަތެއް ކަމަށެވެ.
މިނިސްޓަރު ޒަރީރު ވިދާޅުވީ، ރަސްމާލޭގައި ތަރައްގީކުރާ ތަންތަނުގެ ލީސް ރައިޓްސް ގަތުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެ ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީ ފުރަތަމަ ވެސް ޖަމާކުރާނީ ރާއްޖޭގެ ބޭންކެއްގައި ސަރުކާރާ އެކު ގާއިމްކުރާ އެސްކްރޯ އެކައުންޓަކަށް ކަމަށެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް ފާހަގަކުރައްވާފައިވާ ފަދައިން، މި މަޝްރޫއުގެ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ފައިސާ ދެއްކުމާއި ޔުނިޓްތައް ވިއްކައިގެން ލިބޭ ފައިސާގެ ހުރިހާ މުއާމަލާތްތަކެއް ހިންގާނީ ރާއްޖޭގައި ލައިސަންސް ދީފައިވާ ބޭންކުތަކުގައި ހުޅުވާ އެސްކްރޯ އެކައުންޓްތައް މެދުވެރިކޮށެވެ.
މީގެ ސަބަބުން މަޝްރޫއުގެ ފައިސާގެ ދައުރުވުން ދިވެހި ބޭންކިން ނިޒާމުގެ ތެރޭގައި ހިފެހެއްޓި، މިހާރު ރާއްޖޭގެ އިގްތިސާދަށް ވަންނަ ފަސް ބިލިއަން ޑޮލަރުގެ ބޮޑު ބައެއް ބޭރަށް ދާ ދިއުމަށް ބަދަލު އައިސް، ދިވެހިންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ އެއްވެސް ޓެކްސް ހޮލިޑޭއެއް ނުވަތަ އިސްތިސްނާއެއް ނެތި، އާންމު ގާނޫނުތަކުގެ ދަށުން ޓެކްސް ނެގޭ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، ވިޔަފާރި އުސޫލުން ތަރައްގީކުރާ ތަންތަން ވިއްކައިގެން ލިބޭ އާމްދަނީގެ 10 އިންސައްތަ އަދި ފުރަތަމަ އާއި ދެވަނަ މަރުހަލާގެ ކޮންމެ މުއާމަލާތަކުން ހަތަރު އިންސައްތައިގެ ރަޖިސްޓްރޭޝަން ފީއެއް ސަރުކާރަށް ލިބޭނެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މަޝްރޫއުގެ ފުރަތަމަ އަހަރު ލީސް ރައިޓްސް ވިއްކައިގެން ރާއްޖެއަށް 30 ބިލިއަން ޑޮލަރު ވަންނާނެ ކަމަށާއި، އޭގެ ފަހުން އެ ތަންތަން ހިންގައިގެން އަހަރަކު ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރު ރާއްޖެއަށް ވަންނަމުންދާނެއެވެ.
"މި ޕްރޮޖެކްޓްގައި އަޅުގަނޑުމެން ވަރަށް ބޮޑަށް، އެކަން އެހެން ނުވާނެ ގޮތަށް ކަންކަން ރާވާފައި ހުންނާނީ. އެކަން އެންޝުއާ ކޮށްފައި ހުންނާނީ. އެހެންވީމާ އަޅުގަނޑު މި ދެންނެވީ އެސްކްރޯ ކުރެވިގެން ރާއްޖޭގެ ބޭންކްތަކަަށް މި ޑޮލަރު ވަންނާނެ ގޮތަށް އަދި ރާއްޖޭގެ އިގްތިސާދަށް، ދިވެހިންނަށް ޑޮލަރު ލިބުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުވާނެ ގޮތަށް މި ޕްރޮޖެކްޓް ރޭވިފައި މިއޮތީ،" ޒަރީރު ވިދާޅުވި އެވެ.
އަބޫދާބީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ކުރިއަށްގެންދާ 20 ބިލިއަން ޑޮލަރުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވިއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 5،000 ފުލެޓުގެ މަސައްކަތް އަންނަ އަހަރު ފަށާއިރު، މި ހައުސިން ޔުނިޓުތަކުގެ އެންމެހައި ޚަރަދުތައް ބަލަހައްޓާނީ އެ ކުންފުނިންނެވެ.
އީގަލް ހިލްސްއާއެކު އެއްބަސްވުމުގައި ސޮއިކުރުން: އީގަލް ހިލްސްއިން އަޅައިދޭ 5،000 ފުލެޓުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭ ފެށޭނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ އީގަލް ހިލްސްރަސްމާލެ މަޝްރޫއަކީ 1,100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކައިގެން 65,000 ހައުސިން ޔުނިޓާއި، ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ހޮޓާތަކާއި ރިސޯޓުތައް އަދި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކޮށް މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށް ހިންގާ ތާރީޚީ ބޮޑު މަޝްރޫއެއްކަމަށް ވެސް މިނިސްޓަރު ޒަރީރު ވިދާޅުވިއެވެ.
އީގަލް ހިލްސް ކުންފުންޏަކީ 2014 ވަނަ އަހަރު މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު އަލްޢައްބާރު އުފައްދަވާފައިވާ، އަބޫދާބީއަށް ނިސްބަތްވާ އަމިއްލަ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުންޏެކެވެ.
ބުރްޖް ޚަލީފާ ފަދަ ބިޔަ މަޝްރޫއުތައް ހިންގި އިމާރް ޕްރޮޕަޓީޒް އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި އަލްޢައްބާރުގެ މި ކުންފުންޏަކީ މެދުއިރުމައްޗާއި ޔޫރަޕް އަދި އެފްރިކާގެ 18 އަށް ވުރެ ގިނަ ގައުމުގައި ބޮޑެތި ކޮމިއުނިޓީތަކާއި ޝަހަރުތައް ތަރައްގީކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބު ކުންފުންޏެކެވެ.