ހުޅުމާލެ ފޭސް ދޭއްގައި ހިންގި އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކަކާއި ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރިކޮށް އަދި މަނީ ލޯންޑާކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.
އިއްޔެ ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. މި އޮޕަރޭޝަންގެ ތެރެއިން، މަގުމަތިން ދިވެހި ދެ ފިރިހެނަކު ހުއްޓުވައި ސުވާލުކޮށް، އެ މީހުން ދުއްވި ސައިކަލް ވަނީ ބަލައިފާސްކޮށްފައެވެ. އަދި އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ، ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އަމާން އުދަރެސް އެޕާޓްމަންޓެއް ބަލައިފާސްކުރުމުގެ ތެރެއިން 156 ވޭޕް ކާޓްރިޖާއި ނެނޯ ސްޓިކް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6،000 އަށް ވުރެ ގިނަ ރުފިޔާ ވެސް އެ އެޕާޓްމަންޓުން ފެނިފައިވެއެވެ. ފުލުހުން ދަނީ މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކުށްވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާ މެދު އެޅި ފިޔަވަޅެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ރާއްޖޭގައި ވޭޕްކުރުން މަނާކޮށްފައިވަނީ 2024 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެގޮތުން، 15 ނޮވެމްބަރު 2024 އިން ފެށިގެން ވޭޕް އެތެރެކުރުން މަނާކޮށް، އަދި 15 ޑިސެމްބަރު 2024 އިން ފެށިގެން ވޭޕް ބޭނުންކުރުމާއި، އަތުގައި ބެހެއްޓުމާއި، ވިއްކުން ވަނީ ގާނޫނީ ގޮތުން މަނާކޮށްފައެވެ. ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ، ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ވޭޕްކުރުން އާންމުވެ، އޭގެ ސަބަބުން ސިއްހީ ނުރައްކާތައް ބޮޑުވަމުންދާތީއެވެ. ޚާއްސަކޮށް، ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ވޭޕްގެ ޒަރީއާއިން ނުރައްކާތެރި މަސްތުވާތަކެތި ދިނުމުގެ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށާއި، ވޭޕްކުރުމަށް މަޖުބޫރުކޮށް ބުލީކުރުމުގެ މައްސަލަތައް ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން އޭރު ބުނެފައިވެއެވެ.
ވޭޕް މަނާކޮށްފައި އޮތް ނަމަވެސް، ރާއްޖެއަށް ސިއްރުން ވޭޕް އެތެރެކޮށް ވިޔަފާރިކުރާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. ފުލުހުންނާއި ކަސްޓަމްސް އިން ހިންގާ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ވޭޕް ސާމާނު އަތުލައިގަނެފައިވެއެވެ. މިގޮތުން، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފައިވާއިރު، އޮގަސްޓު މަހު ކަސްޓަމްސް އިން ވަނީ ވައިގެ މަގުން އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް އަތުލައިގަނެފައެވެ. އަދި މި މަހުގެ ކުރީކޮޅު ވެސް މަސްތުވާތަކެތި އެކުލެވޭ 230 ވޭޕް ކާޓްރިޖާއެކު ބަޔަކު ހައްޔަރުކޮށްފައިވެއެވެ. ގަވާއިދުގައިވާ ގޮތުން، އަތުލައިގަނެވޭ ވޭޕް ސާމާނު އަނބުރާ ދޫނުކޮށް، ތަންފީޒީ އިދާރާތަކުން އެ ތަކެތި ނައްތާލަން ޖެހެއެވެ.