މިނިސްޓަރު ހިއްސާކުރެއްވި އިމާމުންގެ ހެދުންތަކުން ފެންނަނީ ދިވެހިވަންތަކަން!

ރާއްޖޭގެ އިމާމުންނާއި ހަތީބުން އިމާމުވެ ނަމާދު ކުރާއިރު އަދި ޚުތުބާ ކިޔާއިރު އަޅާ ރަސްމީ ހެދުމުގެ ވަގުތީ ޑިޒައިން -- ފޮޓޯ: މިނިސްޓަރު ޝަހީމް

ރާއްޖޭގެ އިމާމުންނާއި ހަތީބުން އިމާމުވެ ނަމާދު ކުރާއިރު އަދި ޚުތުބާ ކިޔާއިރު އަޅާ ރަސްމީ ހެދުމުގެ ވަގުތީ ޑިޒައިން ދައްކާލައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި އާންމުކުރެއްވި އެ ހެދުމާއި ބޮލުގައި އަޅާ ތާކިހަލުގެ ވަގުތީ ފަރުމާއިން މުޅިން ވެސް ފެންނަނީ ދިވެހިވަންތަކަމާއި އިސްލާމީ ސަގާފަތުގެ އަސަރުތަކެވެ. މި ހެދުން ޑިޒައިން ކުރުމުގައި މާލޭ ހުކުރު މިސްކިތުގެ މުންނާރާއި، ދިވެހިންގެ އިހުގެ ތުނޑުކުނަލުގެ ފަރުމާތަކުގެ އިތުރުން ގެދޮރު އެޅުމުގައި ބޭނުންކުރި ހިރިގަލުގެ ކަނޑައިނެގުންތަކުން ޚިޔާލު ހޯދާފައިވެއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި މިއީ އަދި ފުރަތަމަ މަރުހަލާގެ ޑިޒައިނެއް ކަމަށާއި، ހެދުން އެއްކޮށް ނިންމާނީ އާންމުންގެ އެންމެ ގިނަ ބަޔަކު އެދޭ ގޮތަށް ބަލައި ބަދަލުތައް ގެނައުމަށްފަހުގައެވެ.

ހަމައެއާއެކު އިމާމުންނާއި ހަތީބުންގެ ހެދުން ޑިޒައިން ކުރަނީ ރާއްޖޭގެ ތާރީހާއި ސަގާފަތުގެ އަސަރު ހިމެނޭހެން، އާސާރީ މިސްކިތްތަކާއި ދިވެހި އިސްލާމީ ހަޟާރާތުގެ ބަހާތަކަށް ބަލައިގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ރަސްމީ ފޭރާމެއް ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ދީނީ ސަގާފަތުގެ ތެރެއަށް ވަދެގަންނަ ބިދޭސީ އާދަކާދަތަކުން ސަލާމަތްވެ، ދިވެހިރާއްޖޭގެ އަމިއްލަ ސަގާފަތާއި ތާރީޚު ދެމެހެއްޓުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ އިމާމުންނާއި ހަތީބުން އިމާމުވެ ނަމާދު ކުރާއިރު އަދި ޚުތުބާ ކިޔާއިރު އަޅާ ރަސްމީ ހެދުމުގެ ވަގުތީ ޑިޒައިން -- ފޮޓޯ: މިނިސްޓަރު ޝަހީމް

ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް ރޯދަ މަހަށް އެ ހެދުން އެއްކޮށް ނިންމައި ބޭނުންކުރަން ފެށުމެވެ.

ޚަތީބުންގެ ޒުވާން ޖީލެއް ބިނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 700 އަށް ވުރެ ގިނަ ޒުވާން ޚަތީބުން ވަނީ ތަމްރީނުކޮށްފައެވެ.

ހަމައެއާއެކު މިނިސްޓަރު ޝަހީމް ވަނީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ އަދަދަކަށް ޙާފިޒުން ވެސް އުފެދިފައިވަނީ މި ދުވަސްވަރު ކަމަށާއި، މިހާރު ރާއްޖޭގައި 322 ޙާފިޒުން އެބަތިބި ކަމަށް ވިދާޅުވެފައެވެ. އަދި މި ދައުރުގެ ތެރޭގައި އެ އަދަދު 500 އަށް އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް