އިންޑިއާގެ ޚާރިޖީ ޖާސޫސީ އިދާރާ، 'ރިސާޗް އެންޑް އެނަލިސިސް ވިންގް' (ރޯ)ގެ ބާނީ ރާމޭޝްވަރު ނާތު (އާރްއެން) ކާއޯގެ ޙަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމު، 11 އޮގަސްޓް 2028ގައި ސިނަމާތަކަށް ގެންނަން ނިންމައި މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު އެކަން އިޢުލާނުކޮށްފިއެވެ.
މިއީ ނިތިން ގޯކްލޭ ލިޔުއްވާފައިވާ ފޮތް "ޖެންޓްލްމަން ސްޕައިމާސްޓަ"ގެ މައްޗަށް ބިނާކޮށް، ދަރްމާ ޕްރޮޑަކްޝަންސް އަދި ސްޓިލް އެންޑް ސްޓިލް މީޑިއާ ކޮލެކްޓިވް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ކަރަން މި ފިލްމު ރިލީޒްކުރާ ތާރީޚު ހާމަކުރި ނަމަވެސް، ފިލްމުގައި ހަރަކާތްތެރިވާ ތަރިންނާއި ޑައިރެކްޓަރު އަދި ހާމައެއް ނުކުރެއެވެ.
ކަރަން ފާހަގަކުރި ގޮތުގައި، ކާއޯ އަކީ ފަރުދާގެ ފަހަތުގައި ހުންނަވައިގެން އިންޑިއާގެ އެންމެ ވަރުގަދަ އަދި ނުފޫޒުގަދަ އެއް މުއައްސަސާ ބިނާކުރެއްވި ތާރީޚީ ޝަޚްސިއްޔަތެކެވެ. ޚާއްޞަކޮށް 1971 ވަނަ އަހަރު ޕާކިސްތާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިންޑިއާއިން ހޯދި ކާމިޔާބީގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ. 'ރޯ'އަށް 58 އަހަރު ފުރުމާ ދިމާކޮށް އިޢުލާނުކުރި މި ފިލްމަކީ، އެ އިދާރާގެ ބާނީއަށާއި އެ އިދާރާގެ އެންމެ ފުރަތަމަ މިޝަންގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ގެނެސްދޭ އުފެއްދުމެކެވެ.
ރާމޭޝްވަރު ނާތު (އާރްއެން) ކާއޯ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާނދީގެ އަރިހުގައި--ފޮޓޯ/އިންސްޓަގްރާމްމި ފިލްމު އުފައްދާނެކަން ކަރަން އެންމެ ފުރަތަމަ އިޢުލާނުކުރީ 2020 ވަނަ އަހަރުއެވެ. ނަމަވެސް، ދިގު މުއްދަތަކަށް ފަހު ފިލްމު ރިލީޒްކުރާނެ ރަސްމީ ތާރީޚެއް މި ކަނޑައެޅީ އިޢުލާނުކުރިތާ ގާތްގަނޑަކަށް 8 އަހަރު ފަހުންނެވެ.
އާރްއެން ކާއޯ (1918-2002) އަކީ އިންޑިއާގެ އޭރުގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ވެރިކަމުގައި، 1968ގައި 'ރޯ' އުފެއްދެވުމަށްފަހު އެ އިދާރާގެ ފުރަތަމަ ސެކްރެޓަރީގެ ގޮތުގައި 1977އާ ހަމައަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.
މީގެ ކުރިން 2022 ވަނަ އަހަރު، ޑައިރެކްޓަރު ހަންސަލް މެހެތާ ވެސް ވަނީ ކާއޯގެ ހަޔާތުގެ މައްޗަށް ވެބް ސީރީޒެއް އުފައްދާނެކަން ހާމަކޮށްފައެވެ. ނަމަވެސް އެ މަޝްރޫޢުގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ކަރަންގެ މި ފިލްމުގެ ކާސްޓުން ކުރިއަށް އޮތް ތަނުގައި އިޢުލާނުކުރާނެ ކަމަށް ބެލެވެއެވެ.