ރާއްޖޭގައި ތަކެތީގެ އަގު އުފުލޭނެ ކަމަށް މީގެ ކުރިން ލަފާކޮށްފައިވާ މިންވަރަށް ނުއުފުލުނު ނަމަވެސް، ސަރުކާރު ކުންފުނިތަކާއި ސަބްސިޑީ ސްކީމްތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ލަސްވާތީ ގައުމުގެ އިގުތިސާދަށް އޮތް ނުރައްކާ ބޮޑު ކަމަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ން ބުނެފިއެވެ.
އޭޑީބީން ވަނީ، އޭޝިއާގެ އިގުތިސާދުތަކަށް އަންނާނެ ބަދަލުތައް ލަފާކޮށް ނެރޭ އޭޝިއަން ޑިވެލޮޕްމެންޓް އައުޓްލުކްގެ މި މަހުގެ ރިޕޯޓު ނެރެފައެވެ. އެންމެ ފަހުން މި ރިޕޯޓު ނެރުނީ ޖުލައި މަހު ކަމަށްވާއިރު، މި އަހަރާއި އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް އަންދާޒާކޮށްފައިވާ މިންވަރަށް އެ ބެންކުން ބަދަލެއް ގެނެސްފައިނުވެއެވެ. އެގޮތުން މިހާރު ވެސް އޭޑީބީން ލަފާކުރަނީ، މި އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއަރާނީ އެއް ޕަސެންޓް ކަމަށާއި އަންނަ އަހަރު އެ އަދަދު އަރާނީ ތިން ޕަސެންޓަށް ކަމަށެވެ. އެއާ އަޅައިބަލާއިރު މިދިޔަ އަހަރު އެ އަދަދު ހުރީ 5.7 ޕަސެންޓްގައެވެ.
މިދިޔަ ޖުލައި މަހު އޭޑީބީން ލަފާކޮށްފައިވަނީ ރާއްޖޭގައި ތަކެތީގެ އަގުތައް މި އަހަރު ފަސް ޕަސެންޓް އުފުލި، އަންނަ އަހަރު ވެސް ހަތަރު ޕަސެންޓް އުފުލޭނެ ކަމަށެވެ. ނަމަވެސް އޭޑީބީން ވަނީ، މި އަހަރުގެ އަދަދު 2.2 ޕަސެންޓަށް ދަށްކޮށް، އަންނަ އަހަރުގެ އަދަދު 2.0 ޕަސެންޓަށް ދަށްކޮށްފައެވެ.

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު:ރާއްޖޭގައި ތަކެތީގެ އަގުތައް ދަށްވި ނަމަވެސް، ކުންފުނިތަކާއި ސަބްސިޑީ ސްކީމް އިސްލާހުނުކުރުމުން އިގުތިސާދަށް ނުރައްކާ ބޮޑު ކަމަށް އޭޑީބީން ބުނޭ -- ފޮޓޯ/ ރައީސް އޮފީސް
އެ ބެންކުން ބުނެފައިވާ ގޮތުގައި، އިންފްލޭޝަން އަންދާޒާއަށް ބަދަލު ގެނެސްފައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ދުނިޔޭގައި ތެލުގެ އަގު އުފުލުމުން ރާއްޖެއަށް ކުރާ އަސަރު، ސަބްސިޑީތަކުން ކުޑަކޮށްދީފައި ވުމުންނެވެ. ނަމަވެސް މިދިޔަ އަހަރަށްވުރެ މި އަހަރު ދައުލަތުގެ ޚަރަދުތައް ވެސް އިތުރުވުމާ ގުޅިގެން، ފިސްކަލް ޑެފިސިޓް ނުވަތަ ޚަރަދާއި އާމްދަނީގެ ފަރަގު ބޮޑުވާނެ ކަމަށް އޭޑީބީން ވަނީ ލަފާކޮށްފައެވެ.
އޭޑީބީން ވަނީ، ފަތުރުވެރިކަމާއި އިމާރާތް ކުރުމުގެ ދާއިރާއަށް ލިބޭ ކުރިއެރުމުން ރާއްޖޭގެ އިގުތިސާދަށް ހެޔޮ އަސަރުތައް ކުރި ނަމަވެސް، ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކާއި ދަރަނި ބޮޑުވުމާއި މަސްވެރި އުފެއްދުންތައް ބޭރުކުރާ މިންވަރު ދަށްވުމުގެ ނުރައްކާ ރާއްޖެއަށް އޮންނަ ކަމަށް ބުނެފައެވެ. އަދި މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މި އަހަރުގެ ފަހުކޮޅާއި އަންނަ އަހަރުގެ ކުރީކޮޅު، ޕީކް ސީޒަންގައި ފަތުރުވެރިކަމަށް އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް އޭޑީބީން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ގެއްލުމުގައި ހިންގާ ސަރުކާރު ކުންފުނިތަކާއި ސަބްސިޑީ ސްކީމްތައް އިސްލާހުކުރުން ލަސްވުމުން ދައުލަތަށް ބުރަ ބޮޑުވާކަމުގެ ކަންބޮޑުވުން އޭޑީބީން ފާޅުކުރިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި ފިޔަވަޅުތަކުގެ ތެރޭގައި، ކަރަންޓާއި ކާބޯތަކެތި އަގުހެޔޮ ކުރުމަށް އެންމެނަށް ދޭ ސަބްސިޑީ، އެހީ ބޭނުންވާ މީހުންނަށް ދިނުން ހިމަނައިފައެވެ. އެހެންނަމަވެސް، މިދިޔަ އަހަރުގެ ވަކި ހިސާބަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިސްލާހުތައް ތަންފީޒު ނުކުރުމަށް ނިންމަވައިފައެވެ. އެއީ، ރައްޔިތުންނަށް ދެމުން އައި އެއްޗެއް އުނިނުކުރުމުގެ ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ އެ ނިންމެވުމަށް އިގުތިސާދީ މާހިރުންގެ ފާޑުކިޔުންތައް އަމާޒުވިއެވެ.
މީގެ އިތުރުން މި ސަރުކާރުގެ ކުރީކޮޅު ދައުލަތުގެ ޚަރަދު ކުޑަކުރަން އިއުލާންކުރި ފިޔަވަޅުތަކުގެ ތެރޭގައި ބައެއް ކުންފުނިތައް އުވާލުމާއި އެއްކޮށްލުމަށް ނިންމުން ހިމެނެއެވެ. އެހެންނަމަވެސް، މި ސަރުކާރުގައި އިތުރު ކުންފުނިތައް އުފެއްދުމާއެކު، އިންތިޚާބުތަކާ ދިމާކޮށް ކުންފުނިތަކަށް ގިނަ އަދަދަކަށް މުވައްޒަފުން ނެގުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ.