ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީއިން ފަށާފައިވާ 31 ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި އެ ޕްރޮޖެކްޓުތަކަށް ސަރުކާރުން ފައިސާދޭން ފަށާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކޮށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވަނީ އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫތައް ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
"ދެން ޕްރޮޖެކްތުތައް ކުރިއަށްދާނެ. ސަރުކާރުން މިހާރު ފައިސާ ދޭން ފަށައިފި،" އެމްޑީ ހުސެއިން ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދަނީ ފ. ނިލަންދޫގެ ފެނާ ނަރުދަމާގެ މަޝްރޫއު ކަމަށެވެ. އެ ރަށުގެ ނަރުދަމާގެ ހާލަތު ބަޔާންކޮށް ފަހުމީ ވިދާޅުވީ އެ ރަށަކީ ކިރިޔާ ވާރޭކޮޅެއް ވެހިލާއިރަށް ވެސް ނަޖިސް އަރަމުންދާ ރަށެއް ކަމަށެވެ.
އެމްޑަބްލިއުއެސްސީއިން އަންނަނީ ފެނާ ނަރުދަމާގެ 31 މަޝްރޫއެއްގެ މަސައްކަތް ކުރަމުންނެވެ.
އޭގެތެރޭގައި ގއ. ގެމަނަފުށީ ނަރުދަމާގެ ނިޒާމާއި ރ. ދުވާފަރު ފެނާ ނަރުދަމާގެ ނިޒާމުގެ އިތުރުން އައްޑޫ ސިޓީ ފޭދޫގައި ހިއްކާފައިވާ ސަރަހައްދުގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ބައެއް ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ވެސް އެ ކުންފުންޏާ ހަވާލުކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރަށްރަށުގައި ޕްރޮޖެކްޓުތައް ހުއްޓިފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އަދި މިދިޔަ ސަރުކާރުން ފަށާފައި ހުރި ގިނަ ޕްރޮޖެކްޓުތަކެއް ހުއްޓިފައިވާ ކަމަށް ބުނެ، އެމްޑީޕީން ވެސް ވަނީ ނުރުހުންފާޅުކޮށްފައެވެ.